ހުޅުމާލޭ ފަޅުތެރެއަށް ވަން ބާޖަކުން ޖެހި ލަކުޑި ޖެޓީގެ އުތުރު ފާލަމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެ ފާލާން މަރާމާތުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)އިން ފަށައިފިއެވެ.
ބާޖެއް ގާތް ކުރުމުގެ ތެރޭގައި ހުޅުމާލެ ލަކުޑި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއްވެ، ވަގުތީ ގޮތުން ބަންދުކުރީ މި އަހަރުގެ މެއި 26 ގައެވެ. އެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، އެޗްޑީސީން އެސެސްމަންޓުތައް ހަދައި، މަރާމާތަށް ފަހު އަލުން ހުޅުވަންދެން ލަކުޑި ޖެޓީއަށް އެރުންވަނީ އެދުވަހުން ފެށިގެން މަނާކޮށްފައެވެ.
އެޗްޑީސީން މިއަދު ބުނީ ޖެޓީގެ ސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
"އެހެންކަމުން އެ ޖެޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ޖެޓީގެ އުތުރު ފާލަން ވަނީ މަރާމާތުގެ މަސައްކަތަށް ވަގުތީގޮތުން ބަންދުކުރެވިފައި. އަދި މިއީ ގިނަ ބަޔަކު ބޭނުންކުރާ ޖެޓީއަކަށް ވާތީ، އެތަނުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންގޮސް އަވަސް ފުރުސަތެއްގައި އަލުން ހުޅުވާލުމަށް މިކޯޕަރޭޝަނުން އަންނަނީ މަސައްކަތް ކުރަމުން." އެޗްޑީސީން ބުންޏެވެ.
ޖެޓީ ބަންދުކުރެވިފައިވާ މުއްދަތުގައި ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ އެންމެހާ ދަތިތަކަށްޓަކައި އެޗްޑީސީން މައާފަށް އެދިފައިވެއެވެ.
އެ ކޯޕަރޭޝަނުގެ އަމާޒަކީ ހުޅުމާލޭގައި ގާއިމްކުރެވިފައިވާ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް، އާއްމުންނަށް ވީހާވެސް ފަސޭހައިން ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް އެޗްޑީސީން ބުންޏެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
ކޮމެންޓް