ކުވޭތުގެ އުތުރުގައިވާ ސަރުކާރުގެ އިމާރާތަކަށާއި އަމިއްލަ ކުންފުންޏެއްގެ އުޅަނދުތަކަކަށް އަމާޒުކޮށް އީރާނުން ފޮނުވާލި ޑްރޯންތަކެއް ވައްޓާލައިފި ކަމަށް ކުވޭތުގެ އަސްކަރިއްޔާއިން މިއަދު ބުނެފިއެވެ.

ކުވޭތުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ކާނަލް ސައުދު އަލް-އަތުވާން ވިދާޅުވި ގޮތުގައި، ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކުވޭތުގެ ވައިގެ ސަރަހައްދަށް ވަން ޑްރޯންތައް ވަނީ އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވައިފައެވެ.

މި ހަމަލާތަކުގައި ބޫބިޔާން ޖަޒީރާގައި ހުރި އަމިއްލަ ކުންފުންޏެއްގެ އުޅަނދުތަކަކަށާއި ސަރުކާރުގެ މުހިންމު އިމާރާތަކަށް ގެއްލުންވި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ހާދިސާއާ ގުޅިގެން ކުވޭތުގެ އަސްކަރިއްޔާ އޮތީ މަތީ ސަމާލުކަމަށް ގެނެސްފައި ކަމަށާއި، ގައުމުގެ ސިޔާދަތު ހިމާޔަތްކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން އަންނަ ކަމަށް ކުވޭތުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. އަދި ޑްރޯންތައް ވައްޓާލުމުގެ ސަބަބުން ފޭބި ބައިތަކުން ބައެއް ތަންތަނަށް މާއްދީ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.

މިކަމާ ގުޅިގެން އީރާނުގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުގެ ވެރިޔާ އަލީ އަބްދުﷲ ވިދާޅުވި ގޮތުގައި، މެދުއިރުމަތީގެ މަސްރަހު ހޫނުކުރަމުން ދަނީ އެމެރިކާއިންނެވެ. އެމެރިކާގެ ދިފާއީ އައްޑަނައެއްގެ ގޮތުގައި މަސައްކަތްކުރާ ކޮންމެ ގައުމަކަށް ހަނގުރާމައިގެ އަސަރުކުރާނެ ކަމަށް އޭނާ އިންޒާރުދެއްވިއެވެ.

ކުވޭތުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ކުވޭތުގެ ސިޔާދަތަށް އަރައިގަތުން ކަމަށާއި، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށެވެ. އަދި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގެ ހައްގު ކުވޭތަށް ލިބިގެންވާ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.