ކުވެއިތުގެ ވައިގެ ދިފާއީ ނިޒާމުތަކުން އެ ގައުމަށް އަމާޒުވި ނުރައްކާތެރި ޑްރޯން ހަމަލާތަކެއް ކާމިޔާބުކަމާއެކު ހުއްޓުވާފައިވާ ކަމަށް ކުވެއިތުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ކުވެއިތުގެ އަސްކަރީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ގައުމުގެ ސަރަހައްދުތަކުން އިވުނު ގޮވުންތަކުގެ އަޑަކީ ދިފާއީ ނިޒާމުތަކުން ހަމަލާތައް ހުއްޓުވުމުގެ ތެރޭގައި އުފެދުނު އަޑުތަކެއް ކަމަށެވެ. ނަމަވެސް މި ހަމަލާތައް ފޮނުވާލި ގައުމެއް ނުވަތަ ފަރާތެއް ކުވެއިތުގެ އަސްކަރިއްޔާއިން ރަސްމީކޮށް އާންމުކޮށްފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ކުވެއިތުގެ އާންމު ރައްޔިތުން ހަމަޖެހިގެން ތިބުމަށާއި، ކަމާބެހޭ އިދާރާތަކުން ނެރޭ ރައްކާތެރިކަމުގެ އިރުޝާދުތަކަށް ތަބާވުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ބަހްރެއިންގެ ސަރުކާރުން ވަނީ އީރާނުން ދެމުންދާ ހަމަލާތަކާ ގުޅިގެން އެ ގައުމުގައި ނުރައްކަލުގެ އިންޒާރު ނެރެފައެވެ. ބަހްރައިންގެ ދާޚިލީ ވުޒާރާއިން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އިންޒާރުތަކެއް ނެރެ، ރައްޔިތުން ރައްކާތެރި ތަންތަނަށް ވަނުމަށް އަންގައިފައެވެ.

ބަހްރެއިންގެ ދިފާއީ ބާރުތަކުން ބުނެފައިވަނީ އީރާނުން ދިން ޑްރޯން ހަމަލާތަކެއް އެ މީހުންގެ ދިފާއީ ނިޒާމުތަކުން ވައްޓާލާފައިވާ ކަމަށެވެ. އެ ގައުމުން ވަނީ މިއީ އީރާނުން ހިންގާ ނުރައްކާތެރި ޖަރީމާތަކެއް ކަމަށް ތުހުމަތުކޮށްފައެވެ.

މި ހަމަލާތައް އަމާޒުވެފައިވަނީ އެމެރިކާއާއި އީރާނާ ދެމެދު މަޝްރަހު ނުހަނު ގޯސްވެ، އަސްކަރީ ކުރިމަތިލުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ޚާއްސަކޮށް އަރަބި ގަލްފުގެ ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އިރާނުން ހަމަލާތައް ދެމުންދާ ކަމަށް ހަބަރުތައް ބުނެއެވެ.

ގަލްފު ސަރަހައްދުގެ ރައްކާތެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ބައިނަލްއަގުވާމީ ފަރާތްތަކުން އަންނަނީ ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.