އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުންނެވެ.
އެމްޑީޕީގެ 13 މެންބަރުން ސޮއިކޮށް މަޖިލީހަށް ހުށަހެޅި، ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރުގައި ބުނެފައި ވަނީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތު އަދާކުރައްވަން ސައީދު އިހުމާލުވެވަޑައިގެންފައިވާ ކަމަށެވެ.
މަޖިލީހަށް ޖަވާބުދާރީވުމުގެ ވާޖިބު އަދާކުރުމުގައި ވެސް ސައީދު އިހުމާލުވެ، މިނިސްޓަރުން ކުރުން މަނާކޮށްފައިވާ އަމަލުތަކެއް ހިންގަވާފައިވާ ކަމަށެވެ. އެހެންކަމުން، ސައީދުގެ އިތުބާރު ގެއްލިފައިވާ ކަމަށް ކަނޑައަޅައި، އޭނާ މަގާމުން ވަކިކުރަން ހުށަހަޅާ ކަމަށް ގަރާރުގައިވެއެވެ.
އެ ގަރާރުގައި ހުށަހަޅާފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި، ޑޮލަރުގެ އަގު ކަޅު ބާޒަރުގައި މައްޗަށް ގޮސް ތަކެތީގެ އަގު އިންތިހާއަށް އުފުލުމާއި، ދައުލަތުގެ މުދަލާއި ފައިސާ އަމާނަތްތެރިކަމާ އެކު ނުބެލެހެއްޓުމާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއެޅުމާއި އަމިއްލަ ވިޔަފާރިތައް ހިމާޔަތް ކުރުމުގައި ސައީދު ފެއިލްވުން ހިމެނެއެވެ. އަދި އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހާއި ދައުލަތުގެ ސިޔާދަތަށް ނުރައްކާ އޮތް ކަމަށްވެސް ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން ރާއްޖޭގެ އިގުތިސޯދީ މަލަމަތި ބަދަލުކޮށްލުމަށް ބިޔަ މަޝްރޫއުތައް އިއުލާން ކޮށްފައިވީ ނަމަވެސް އެ މަޝްރޫއުތައް ހުއްޓިފައި އޮތުން ވެސް ހިމެނެއެވެ.
އޭގެ ތެެރޭގައި ބަންކަރިންގެ ހިދުމަތުން 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ނުލިބުމާއި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ އަމަލީ މަސައްކަތް ނުފެށުމާއި ޑިވެލޮޕްމެންޓް ބޭންކްގެ ހިދުމަތާއި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ މަސައްކަތް ނުފެށުން ވެސް ހިމަނާފައިވެއެވެ.
ގަރާރުގައި ވަނީ ސައީދު މަޖިލީހަށް ހާޒިރުކޮށް، އޭނާއާ މެމްބަރުން ކުރައްވާ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި ސުވާލާ ނުގުޅޭ ސިޔާސީ ވާހަކަ ދައްކަވައި މަސްއޫލިއްޔަތުން ރެކިވަޑައިގެންފައިވާ ކަމަށެވެ.
އޭގެ އިތުރުން އަމިއްލަ ވިޔަފާރިވެރިންގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ބަދަލުގައި ސަރުކާރު ހިއްސާވާ ކުންފުނިތައް އާންމު ވިޔަފާރީގެ ތެރެއަށް ވައްދައި އެތައް ވިޔަފާރިއަކާއި އަމިއްލަ ފަރުދުން ބިކޮށްފައި ކަމަށް ވެސް ގަރާރުގައިވެއެވެ.
ގަރާރުގައި ބުނެފައިވަނީ، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގެ މައިގަނޑު އެއް މަގުސަދަކީ އިގުތިސޯދު ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކޮށް ސިންދަފާތު ކުރުން ކަމަށްވީ ނަމަވެސް ދައުލަތަށް ގެއްލުންވާ ގޮތަށް އެ ގާނޫނަށް އިސްލާހު ގެނެސް "ޓައުންޝިޕް"ގެ މަފްހޫމް ތައާރަފު ކޮށްފައިވާ ކަމަށެވެ. ދައުލަތުގެ ބާރު ކެނޑޭ ގޮތަށް ރާއްޖޭގެ ސަރަަހައްދުތަކެއް ބޭރުގެ ބައެއްގެ އަތް މައްޗަށް ދޫކޮށް މި ސަރައްދުތަކުގެ ވެރިންނަށް ޓެކުހުން ބޮޑެތި ލުއިތަކެއް ދީފައިވާ ކަމަށް ވެސް ގަރާރުގައި ވެއެވެ.
މީގެ އިތުރުން ވެސް ސައީދުގެ އިތުބާރު ނެތްކަމަށް ފާސްކުރަންޖެހޭ ކަންކަން ގަރާރުގައި ހިމަނާފައިވެއެވެ.
އިބްރާހިމް ޒަކީ
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
ކޮމެންޓް