ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މެދުކަނޑާލި ވެމްކޯގެ ބައެއް ހިދުމަތްތައް އަލުން ފަށައި، މާދަމާއިން ފެށިގެން އޮޕަރޭޝަންތައް އާންމު ހާލަތަށް ގެނައުމަށް ވެމްކޯއިން ނިންމައިފިއެވެ.
ވެމްކޯއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ސްޓޭޝަންތަކުން ދެމުން އަންނަ ހިދުމަތްތައް މާދަމާއިން ފެށިގެން ކުރިއެކޭ ވެސް އެއްގޮތަށް މެދުނުކެނޑި ލިބޭނެ ކަމަށެވެ. މީގެ ތެރޭގައި ގޭބިސީތަކުން ކުނި ނެގުމުގެ އިތުރުން، މެދުކަނޑާލާފައި އޮތް ކެޕްސް ނުވަތަ ބޮޑެތި ކުނި އުކާލަދިނުމުގެ ހިދުމަތްވެސް ހިމެނޭކަމަށް ވެމްކޯއިން ބުންޏެވެ.
ވެމްކޯއިން ބުނީ ޓްރާންސްފާ ސްޓޭޝަންތަކަށް ކުނި ގެންދާއިރު ކަނޑައެޅިފައިވާ މިންގަނޑުތަކަށް ސަމާލުކަން ދިނުން މުހިންމު ކަމަށެވެ. ހާއްސަކޮށް ގާކުނި ނުވަތަ އިމާރާތްކުރުމުގެ މަސައްކަތުން އުފެދޭ ކުނި ގެންދަންވާނީ ދެ ބަޔަށް ވަކިކޮށްފައިކަމަށް ވެމްކޯއިން ބުންޏެވެ.
މިދިޔަ ހަފުތާގައި ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން، ވެމްކޯ ސައިޓުގެ ބައެއް ސަރަހައްދުތަކަށް ކުނި ބަލައިގަތުން ވަނީ ވަރަށް ބޮޑަށް މަދުކުރަން ޖެހިފައެވެ. އެކަމުގެ އަސަރު މާލެ ސަރަހައްދުގެ ޓްރާންސްފާ ފެސިލިޓީތަކަށްކޮށް، އޮޕަރޭޝަނަށް ބުރޫއެރި ނަމަވެސް، މިހާރު ހާލަތު ވަނީ ކޮންޓްރޯލް ކުރެވިފައިކަމަށް ވެމްކޯއިން ބުންޏެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ތިލަފުށީގައި އަލިފާން ރޯވީ ކުނި ވަކިކޮށްފައި ބަހައްޓާފައި ހުރި ސަރަހައްދެއްގެ ތެރެއިން ހުޅުހިފާ ޒާތުގެ ކުނިތަކެއްގައި ކަމަށެވެ.
އަދި ހުޅުމާލޭގެ އޮޕަރޭޝަންތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށް، އެޗްޑީސީން މިހާރު ވަނީ ވަގުތީ ބިމެއް ވެމްކޯއާ ހަވާލުކޮށްފައި ކަމަށެވެ.
ވެމްކޯ
ވެމްކޯ
ކޮމެންޓް