އިނގިރޭސި ފުޓުބޯލައިގެ ތެރެއިން އެއްވެސް ގޮތަކަށް ދިމާކޮށްފިކަމަށްވާނަމަ އަދަބެއްގެ ގޮތުން އެންމެ މަދުވެގެން 10 މެޗުގެ ސަސްޕެންޝަނެއް އަންނަ ގޮތަށް ގަވާއިދު އިސްލާހު ކޮށްފިއެވެ.

އަންނަ ސީޒަނުން ފެށިގެން އަމަލުކުރާ އާ ގަވާއިދުގެ ދަށުން އެފްއޭ ގަވާއިދުގެ ތިންވަނަ ބާބުގެ ދެވަނަ މާއްދާއާ ހިލާފުވާ ފަރާތްތަކަށް އެންމެ މަދުގެން 10 މެޗުގެ ސަސްޕެންޝަނެއް އަންނާނެއެވެ. މިދިޔަ ސީޒަނުގައި އެ ގަވާއިދު އޮތީ އެންމެ މަދުވެގެން ހަ މެޗުގެ ސަސްޕެންޝަނެއް، އަދި ގިނަ ވެގެން 12 މެޗުގެ ސަސްޕެންޝަނެއް އަންނަ ގޮތަށެވެ.

އެފްއޭގެ ތިންވަނަ ބާބުގެ ދެވަނަ މާއްދާގައި ބުނެފައި ވަނީ އެއްވެސް މީހެއްގެ ނަސްލަށް، ކުލަޔަށް، ގައުމަށް، ދީނަށް، ޖިންސަށް، އަދި ނުކުޅެދުންތެރިކަމަށްވެސް ދިމާކުރުމަކީ ކުށެއް ކަމަށެވެ. އެހެންކަމުން އެ ކުށުގެ އަދަބު މިހާރު ވަނީ ބޮޑުކޮށްފައެވެ.

އެފްއޭއިން ބުނެފައި ވަނީ ނަސްލީ ދިމާކުރުންތައް މަދު ކުރުމަށް ކުރެމުންދާ މަސައްކަތުގައި މިހާރު މުހިއްމު ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށާއި، އަދަބު ބޮޑުކުރުންވެސް އެއީ މުހިއްމު ކަމެއް ކަމަށެވެ. އެފްއޭއިން ގަވާއިދަށް ބަދަލު ގެނައި ނަމަވެސް، ބައެއް އިސްތިސްނާ ވާ ހާލަތްތަކުގައި އަދިވެސް ހަ މެޗުގެ ސަސްޕެންޝަން އަންނަ ގޮތަށްވެސް ހިމަނާފައިވެއެވެ.

އާ ގަވާއިދުގެ ދަށުން ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން ބެންޗުގައި ތިބޭ އެހެން އޮފިޝަލުންނަށްވެސް ފިޔަވަޅު އެޅޭނެއެވެ.