ރާއްޖޭގެ މޫސުން މިއަދު ވަރަށް ބޮޑަށް ގޯސްވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓުތައް ޖެއްސުމުގައި ދަތިތަކެއް ދިމާވެ، ބައެއް ފްލައިޓްތައް ޑިލޭ ވެެއްޖެއެވެ.

ފްލައިޓްތައް ޓްރެކް ކުރާ "ފްލައިޓްރާޑާ" އިން ފެންނަ ގޮތުގައި ރާއްޖޭގެ ވައިގެ ސަރަހައްދުގައި ފްލައިޓްތައް ނުޖެއްސިގެން މިދިޔަ ދެ ގަޑިއިރުގެ ތެރޭގައި ވަރަށް ގިނަ ވަގުތު ވައިގެ ތެރޭގައި ދުއްވާފައިވެއެވެ.

އޭގެ ތެރޭގައި އެއިރޯފްލޮޓް، ގަތަރު އެއާވޭސް، ސްރީލަންކަން އެލާއިންސް، އިންޑިގޯ އަދި ފިޓްސްއެއާގެ ބޯޓުތައް ހިމެނެއެވެ. އަދި ލަންކާއިން ރާއްޖެ އައި ފްލައި ޑުބާއީގެ ފްލައިޓެއް ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކޮލަމްބޯއަށް ޑައިވާޓުވެސް ކޮށްފައެވެ.

ފްލައިޓްތައް ނުޖެއްސިގެން ލަސްވަނީ ވައިބާރުވުމުގެ އިތުރުން ހުޅުލެއަށް ބޯކޮށް ވާރޭވެހި، ދުރު ފެންނަ މިންވަރު ނުވަތަ ވިޒިބިލިޓީ ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުންނެވެ.

އެއާޕޯޓުގެ ޝެޑިއުލް ދައްކާ ގޮތުން ބައިނަލްއަގުވާމީ ހަތަރު ފްލައިޓެއް މިހާތަނަށް ވަނީ ޑިލޭ ވެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް މިއަދު ހެނދުނު ޔެލޯ އެލާޓެއް ނެރެފައެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ހުޅަނގު މޫސުމާ ގުޅިގެން އުފެދިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން މި ދުވަސްވަރު ކުރާ ވިއްސާރައިގައި މޫސުން އެންމެ ގޯސްވާނެކަމަށް ލަފާކުރެވެނީ މިއަދުއެވެ.

އަދި ކުރިއަށް އޮތް ދެ ދުވަހު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.