ބޮޑުތަކުރުފާނު މަގުގެ އަލަށް ތާރުއަޅައި ހުޅުވި ސަރަހައްދުގައި ފެންހިންދާ ޕަމްޕުތައް ބެހެއްޓުމުގެ މަސައްކަތް އަންނަ މަހުގެ މެދާ ހަމައަށް ނިންމާލެވޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

އެމްޓީސިސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަގުގެ މަސައްކަތް ނިމުނު ސަރަހައްދުގައި ތިން ޕަމްޕެއް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އޮގަސްޓް 15 ގެ ކުރިން އެ މަސައްކަތް ނިންމާލެވޭނެކަމަށް އެމްޓީސީސީން ބުންޏެވެ.

މަގުގެ އެ ބައި އާންމުންނަށް ބޭނުންކުރަން ހުޅުވާލި ނަމަވެސް، ފުރިހަމަ ކުރަންޖެހޭ ބައެއް ފަންނީ ކަންކަން ހުރި ވާހަކަ ކުރިންވެސް އޮތީ އިއުލާނުކޮށްފައިކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ޕަމްޕުތަކުގެ މަސައްކަތް ނިމެންދެން، ކުރިމަތިވެދާނެ ވިއްސާރައެއްގައި މަގުގައި ފެންބޮޑުވާ ނަމަ، އެ ކުންފުނީގެ ފަރާތުން ފެންހިންދުމުގެ އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

މާލޭގެ މަގުތައް ރަނގަޅު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ އެ މަޝްރޫއުގައި، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތަރައްގީކުރި ބައި މިދިޔަ ހުކުރު ދުވަހު ވަނީ ހުޅުވާފައެވެ.

އެ މަޝްރޫއުގެ ދަށުން ދެން ކުރިއަށްދާނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް ތާރު އެޅުމުގެ މަސައްކަތެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ބޮޑުތަކުރުފާނު މަގުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލުމަށެވެ.