މާފަންނު މައިޒާން ކުރިމަތީގައި ތަރައްގީކުރި "މާފަންނު ބަސް ސްޓޭޝަން" ހުޅުވައިފި އެވެ.
މާލެ ސިޓީކައުންސިލުން މިއަދު ބުނީ "މާފަންނު ބަސް ސްޓޭޝަން"އަކީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެހީއާއެކު ތަރައްގީކުރި ޒަމާނީ ފެންވަރުގެ ބަސް ސްޓޭޝަނެއް ކަމަށެވެ.
މި ބަސް ސްޓޭޝަން ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރު މުހައްމަދު ޒުހައިލް ޒައީމް އެވެ.
މާލެ ސިޓީ ކައުންސިލުން އިތުރަށް ބުނީ އެތަނުގައި އާންމުންނަށް ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް އެމްއައިބީގެ ދެ އޭޓީއެމް ވެސް، ބަހައްޓާފައިވެއެވެ. އަދި އޭސީގައި ތިބުމަށް ދަތިވާ ފަރާތްތަކަށް ފަސޭހަ ކުރުމަށްޓަކައި، އެ ބަސް ސްޓޭޝަންގެ ބޭރުގައި ވެސް ގޮނޑިތައް ބަހައްޓައިފައި ހުންނާނެ ކަމަށެވެ.
މޭޔަރު އާޒިމް ވިދާޅުވީ، އެމްއައިބީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މާލޭގެ ހަތަރު ސަރަހައްދެއްގައި މި ފަދަ ބަސް ސްޓޭޝަންތައް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ދެން ބަސް ސްޓޭޝަންތައް ހެދުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް:
- އަމީނީ މަގު ސިނަމާލެ 3 ސަރަހައްދު
- ބޮޑުތަކުރުފާނުމަގު މާލެ ސިޓީ ހޯލް ބޭރު
- ބޮޑުތަކުރުފާނު މަގު ރާޅުގަނޑު ސަރަހައްދު
"މި ބަސް ސްޓޭޝަންތަކުގެތެރެއިން، ބޮޑުތަކުރުފާނުމަގު ރާޅުގަނޑު ސަރަހައްދުގައި ހަދާ ބަސް ސްޓޭޝަން، 2026 އޮގަސްޓް ގައި ނިންމައި ހުޅުވުމަށް ހަމަޖެހިފައިވާއިރު، އަނެއް 2 ބަސްސްޓޭޝަން، މި ހިނގާ 2026 ވަނަ އަހަރު ނިމުމުގެ ކުރިން ނިންމައި ހުޅުވުމަށް ވަނީ ހަމަޖެހިފައި." މާލެ ސިޓީކައުންސިލުން ބުންޏެވެ.
އެ މަޝްރޫއުގެ ހުރިހައި ހަރަދެއް ކުރަނީ އެމްއައިބީންކަމަށާއި އެމްއައިބީއާއެކު ސިޓީކައުންސިލުން ވެފައިވާ އެއްބަސްވުމުގެ ދަށުން 10 އަހަރުގެ މުއްދަތަށް، އެ ބަސްސްޓޭޝަންނުގައި ބަހައްޓައިފައި ހުރި 2 އޭޓީމް ހުރިތަނަށް އެމްއައިބީން، އެ ކައުންސިލަށް އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭނެއެވެ. އެ ބަސް ސްޓޭޝަންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ހުރިހައި ޒިންމާއެއް އުފުލާނީ ވެސް އެމްއައިބީން ކަމަށް ސިޓީކައުންސިލުން ބުނެއެވެ.
މާލެ ސިޓީ ކައުންސިލާ ގުޅިގެން އެ ފަދަ ކަންކަން ކުރުމުގެ ފުރުސަތު ހުރިހައި ފަރާތްތަކަށް ވެސް ހުޅުވައިލެވިފައިވާކަމަށާއި އަދި އެ ފަދަ ފަރާތްތަކަށް، ކައުންސިލުން މަރުހަބާކިޔައި، ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށް އެކައުންސިލުން ބުނެއެވެ.
ފާތިމަތު ލިއުޝާ
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
ކޮމެންޓް