ރާއްޖެއަށް އެތެރެކުރަން އުޅުނުން 4.4 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ބުނީ ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތީ 2.2 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ކަމަށެވެ.

މިދިޔަ ހޯމަދުވަހު އަތުލައިގަތް މި ތަކެތީގެ ތެރޭގައި ހިމެނެނީ، މެތްއެމްފެޓަމީން ކަމަށްވެސް ކަސްޓަމުން ބުންޏެވެ.

ނަމަވެސް އެ މައްސަަލައާ ގުޅިގެން ބަޔަކު ހައްޔަރުކޮށް ފުލުހުންނާ ހަވާލުކުރިކަމަށް ބުނެފައެއް ނުވެއެވެ. އަދި އެކަމާ ބެހޭ އިތުރު ތަފުސީލް ވެސް ކަސްޓަމްސް އިން ދީފައެއް ނުވެއެވެ.

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 5.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވެސް މިމަހުގެ 18 ވަނަ ދުވަހު ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ.

އެތަކެއްޗަކީ ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.