ވޯލްޑް ކަޕް 2026 ގެ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗަށްފަހު އާޖެންޓީނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކަންކަމާއި މުބާރާތުގައި އާޖެންޓީނާގެ ފަރާތުން އެހެން ބައެއް ކަންކަމުގެ ތަހުގީގު ނިންމައި، ފިޔަވަޅު އަޅަން ނިންމައިފިއެވެ.

ސްޕެއިނާ ދެކޮޅަށް އާޖެންޓީނާ ކުޅުނު ފައިނަލަށްފަހު ހިނގާދިޔަ ކަންތައްތައް ތަހުގީގުކުރުމަށް ފީފާއިން ވަނީ ޑިސިޕްލިނަރީ އަދި އެތިކްސް ޕްރޮސެކިއުޓާއެއް އައްޔަން ކޮށްފައެވެ.

ނިއު ޔޯކް، ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މެޗަށްފަހު ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން ޕްރޮސެކިއުޓާ ވަނީ އާޖެންޓީނާގެ ނަހުއެލް މޮލީނާއާއި ލެއާންޑްރޯ ޕަރެޑޭސް އަދި އެސިސްޓެންޓް ކޯޗު ރޮބާޓޯ އަޔާލާ، މެޗަށްފަހު މާރާމާރި ހިންގި މައްސަލަ ބަލަން އަންގައިފައެވެ. އެއީ ފީފާގެ ޑިސިޕްލިނަރީ ކޯޑުގެ 14 ވަނަ މާއްދާއާ ހިލާފުވެފައިވާތީއެވެ.

އޭގެ އިތުރުން ތިއާގޯ އަލްމާޑާއާއި ސްޕެއިންގެ މިޑްފީލްޑަރު ގަވީގެ ތަހުގީގު ހިންގަންވެސް އަންގާފައިވެއެވެ.

ފީފާގެ އުސޫލުތައް ބުނާ ގޮތުން ކޮންމެ ކުޅުންތެެރިއެއްގެ އިތުރުން އޮފިޝަލަކަށްވެސް ކުޅިވަރާ ހިލާފުމުގެ ސަބަބުން މަދުވެގެން އެއް މެޗުގެ ސަސްޕެންޝަނެއް އަންނާނެއެވެ.

އެ މައްސަލައިގެ އިތުރުން އާޖެންޓީނާއިން ފޯކްލެންޑް އައިލެންޑްގެ ބެނާ ބޭނުންކުރި މައްސަލަވެސް ފީފާއިން ދަނީ ބަލަމުންނެވެ. ސެމީ ފައިނަލުގައި އިންގްލެންޑް ކައިރިން މޮޅުވި މެޗަށްފަހު އާޖެންޓީނާ ކުޅުންތެރިން ވަނީ ފޯކްލެންޑް އައިލެންޑްސްއަކީ އާޖެންޓީނާގެ ރަށްތަކެއް ކަމަށް ބުނާ ބެނާއެއް ހިފައިގެން އުފާފާޅުކޮށްފައެވެ.

ފޯކްލެންޑް އައިލެންޑްސްއަކީ އިނގިރޭސީން އަތުގައި އޮތް ރަށްތަކެކެވެ. އެ ރަށުގެ މިލްކުވެރިކަމަށް އިނގިރޭސީންނާއި އާޖެންޓީނާ ދަނީ ކުރިން ފެށިގެން މަސައްކަތް ކުރަމުންނެވެ.