ބޮލީވުޑްގެ އެކްޓަރު އަދި ބީޖޭޕީގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު ކަންގަނާ ރަނާވަތު، ޒުވާނުންނަށް ނިސްބަތްކޮށް "ގަޓަރު ޖެނެރޭޝަން" އޭ ބުނުމުން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އެކަން ސާފުކޮށްދީފިއެވެ.
އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި ކަންގަނާ ބުނީ އޭނާގެ ފާޑުކިޔުންތައް އަމާޒުކުރީ މުޅި ޒުވާން ޖީލަށް ނޫން ކަމަށާއި، އެއީ ފަހުން ކުރިއަށްދިޔަ މުޒާހަރާތަކުގައި ހުތުރު ބަހަކުން ވާހަކަދައްކައި، ބޭއަދަބީކޮށް އުޅުނު މީހުންނަށް އަމާޒުކޮށް ދެއްކި ވާހަކަތަކެއް ކަމަށެވެ. އެ ވީޑިއޯގައި އޭނާއަށް ފާޑުކިޔާ މީހުންނާ ސުވާލުކުރަމުން ކަންގަނާ ބުނެފައިވަނީ، "ތިޔަބައިމީހުންގެ އަންހެން ދަރިންނަށް ދަސްކޮށްދޭނީ މިފަދައިން އުޅެން ހެއްޔެވެ؟" މިފަދައިންނެވެ. އަދި އަހުލާގު ހިފެހެއްޓުމަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށާއި، މުޖުތަމައުގައި އުޅޭނަމަ ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ކުރިމަތީގައި ހުތުރު ބަހުރުވައިން ވާހަކަދައްކައި، އެފަދަ އަމަލުތައް އާންމު ކަމަކަށް ހެދުމަށް ދެކޮޅު ހަދާ ކަމަށް ވެސް ކަންގަނާ ބުންޏެވެ.
މި މައްސަލަ ފެށުނީ ނީޓް އިމްތިހާނާ ގުޅިގެން ޒުވާނުން ކުރި މުޒާހަރާތަކުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަމާޒުކޮށް ބޭނުންކުރި ބަހުރުވައާ ގުޅިގެން، އެ މީހުންނަކީ "ގަޓަރު ޖެނެރޭޝަން" ކަމަށް ކަންގަނާ ސިފަކުރުމުންނެވެ.
ހިންދުސްތާން ޓައިމްސް އަދި ސޯޝަލް ނިއުސް އެކްސްވައިޒެޑް ފަދަ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކަންގަނާގެ މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ނުރުހުން އޭނާއަށް އަމާޒުވިއެވެ. މީގެ އިތުރުން، ބައެއް ފަރާތްތަކުން ވަނީ ކަންގަނާ ފިލްމީ ދާއިރާގައި އުޅުނު ދުވަސްވަރުގެ ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް، އޭނާ ސިޔާސީ ދާއިރާއަށް ވަނުމަށްފަހު އުޅުމަށް ގެނެސްފައިވާ ބަދަލުތަކާ މެދު ސުވާލު އުފައްދާފައެވެ. އަދި މަޝްހޫރު ނޫސްވެރިޔާ ރަވީޝް ކުމާރު ފަދަ ފަރާތްތަކުން ވަނީ، ކަންގަނާ މަސައްކަތްކުރަނީ މުޒާހަރާގެ އަސްލު މައްސަލަ ކަމަށްވާ އިމްތިހާނުގެ މައްސަލަތައް އޮޅުވާލަން ކަމަށް ބުނެ ފާޑުކިޔާފައެވެ.
ކަންގަނާ އާންމުކުރި ވީޑިއޯ ނިންމާލަމުން އޭނާ ވަނީ މީހުންގެ އުޅުމާއި އަހުލާގު ރަނގަޅުކުރުމަށް ގޮވާލައި، އެންމެންނަށް ގުރޫ ޕުރްނިމާގެ ތަހުނިޔާ ފޮނުވާފައެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް