އީރާނަށް ޗައިނާއިން ހަތިޔާރު ވިއްކާ ނަމަ އެކަމާ ވަރަށް ބޮޑަށް މާޔޫސްވެވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެއެވެ.

ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޓްރަމްޕް މިހެން ވިދާޅުވީ، ޗައިނާގައި އުފައްދާފައިވާ ކޮނޑުމަތިން ފޮނުވާލެވޭ 400 މިސައިލް އީރާނަށް ލިބެން އުޅޭ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި ރިޕޯޓުތަކާ ގުޅިގެން ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނަށް އެފަދަ ހަތިޔާރުތަކެއް ލިބިއްޖެ ނަމަ އެއީ ވަރަށް ހައިރާންކުރުވަނިވި ކަމަކަށް ވާނެއެވެ.

މީގެ އިތުރުން، އީރާނަށް ހަތިޔާރު ނުވިއްކާނެ ކަމުގެ ޔަގީންކަން ޗައިނާގެ ރައީސް ޝީ ޖިންޕިންގް ދެއްވާފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނަށް ހަތިޔާރު ފޯރުކޮށްދިނުމުގައި ޗައިނާއިން ބައިވެރި ނުވާނެ ކަމަށް ޝީ ވަނީ ވަރަށް ސާފުކޮށް ވިދާޅުވެފައެވެ. އެފަދަ ކަމެއް ކޮށްފި ނަމަ އެމެރިކާގެ ރައީސް މާޔޫސްވެވަޑައިގަންނަވާނެކަން ޗައިނާގެ ރައީސަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓްރުތު ސޯޝަލްގައި ވެސް ވަނީ ހިޔާލު ފާޅުކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނަށް ހަތިޔާރު ފޯރުކޮށްދިނުމުގައި ޗައިނާއާއި ރަޝިޔާއިން ބައިވެރިނުވާނެ ކަމަށް އޭނާ ގަބޫލުފުޅުކުރައްވައެވެ. އެ ދެ ގައުމުން އެފަދަ ކަމެއް ކޮށްފި ނަމަ، އެއީ އެ ގައުމުތަކަށް ވެސް އޮތް ވަރަށް ބޮޑު ގެއްލުމަކަށް ވާނެ ކަމަށް ވިދާޅުވިއެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުން އަންނަނީ ޗައިނާގެ ކުންފުންޏެއް މެދުވެރިކޮށް 60 މިލިއަނާއި 70 މިލިއަން ޑޮލަރާ ދެމެދުގެ އަގަކަށް ވައިގެ ދިފާއީ ނިޒާމުތަކެއް ގަތުމަށް މަސައްކަތްކުރަމުންނެވެ. މީގެ ތެރޭގައި ހިމެނެނީ ތިރިން އުދުހޭ ބޯޓުފަހަރާއި ޑްރޯން ވައްޓާލުމަށް ބޭނުންކުރާ، ފަސޭހައިން އެއްތަނުން އަނެއް ތަނަށް ގެންދެވޭ ޒާތުގެ މިސައިލްތަކެކެވެ.

ނަމަވެސް، ޗައިނާގެ ހާރިޖީ ވުޒާރާއިން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. އެ ވުޒާރާއިން ބުނި ގޮތުގައި، އީރާނަށް ހަތިޔާރު ވިއްކުމާ ގުޅޭ ގޮތުން ފަތުރަމުންދަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެކެވެ.