ހޮރުމުޒް ކަނޑުއޮޅީގެ މައްސަލައިގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން އެމެރިކާގެ އަސްކަރިއްޔާއިން މިއަދު އަނެއްކާވެސް އީރާނަށް ވައިގެ ހަމަލާތަކެއް ދީފައެވެ. މި ފަހުގެ ހަމަލާތަކާ ގުޅޭގޮތުން ވައިޓް ހައުސްއާއި އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ހަމަލާތަކަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް މުހިންމު މަގަކަށްވާ ހޮރުމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން ދިން ހަމަލާތަކެއް ކަމަށް ހަބަރުތައް ބުނެއެވެ.

ފާއިތުވި ހަފުތާތަކުގައި އެމެރިކާއިން ވަނީ ވިދިވިދިގެން އެތައް ރެޔަކު އީރާނަށް ހަމަލާދީފައެވެ. ސެންޓްކޮމްއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އެމެރިކާއިން ދޭ ހަމަލާތަކުގެ މައިގަނޑު މަގުސަދަކީ ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި ބޯޓުފަހަރަށް ހަމަލާދިނުމަށް އީރާނުން ބޭނުންކުރާ އަސްކަރީ ގާބިލުކަން ނައްތާލުމެވެ. އެގޮތުން އީރާނުގެ ޑްރޯން ސައިޓުތަކާއި، ކޮމާންޑް ސެންޓަރުތަކުގެ އިތުރުން ރާޑަރު ސްޓޭޝަންތަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށް އެ ކޮމާންޑުން ބުނެފައިވެއެވެ.

މީގެ އިތުރުން، އެ ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރަށް އީރާނުން ހަމަލާދޭ ނަމަ، ވަރުގަދަ އަސްކަރީ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވައިފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާނުން އަމަލުކުރަމުންދަނީ ގޯސްކޮށެވެ. އަދި އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާއިން ދިން މި ހަމަލާތަކުގައި އާންމުންނަށް ވަނީ އަނިޔާ ލިބިފައެވެ. އަދި ބައެއް އުމްރާނީ ވަސީލަތްތަކަށް ވެސް ގެއްލުންވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެއެވެ. ނަމަވެސް އެމެރިކާއިން ވަނީ އާންމުންނަށް ގެއްލުންވި ކަމަށް ބުނާ ދައުވާތައް ދޮގުކޮށްފައެވެ.