މާލޭގެ އުސް އިމާރާތްތަކުގައި ދިރިއުޅޭ މީހުންނަށް ޕްރެޝަރުގައި ފެން ލިބުމަށް ދިމާވާ ދަތިތަކައް ހައްލު ހޯދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި އެ ކައުންސިލުގެ 10 ވަނަ ރަސްމީ އާންމު ޖަލްސާއަށް، އެ މައްސަލަ ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު މީކާއީލް މުހައްމަދު ރިޔާޒެވެ.
މީކާއިލް ވިދާޅުވީ، ހަފުތާ ބަންދު ދުވަސްތަކާއި ފެން ބޭނުންކުރާ މިންވަރު އިތުރުވާ ޕީކް ގަޑިތަކުގައި އުސް އިމާރާތްތަކަށް ފެން ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އަދި ބައެއް ގެތަކަށް އެއްގޮތަކަށްވެސް ފެން ނުލިބޭކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުންދާކަމަށް މީކާއިލް ވިދާޅުވިއެވެ.
އެއްވަނަ ފްލޯގައި އުޅޭ މީހާއާއި ހަވަނަ ފްލޯގައި އުޅޭ މީހާވެސް އެމްޑަބްލިއުއެސްސީ އަށް ފެނުގެ ޓެރިފް ރޭޓުން ދައްކަނީ އެއްވަރެއްކަމަށް މީކާއިލް ވިދާޅުވިއެވެ. ނަމަވެސް، ހަވަނަ ފްލޯއަށް ފެން ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް 80,000 އަށް ވުރެ ގިނަ ރުފިޔާގެ މާލީ ތަކުލީފެއް އުފުލަން ރައްޔިތުންނަށް މަޖުބޫރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ މެދުފަންތީގެ އާއިލާއަކަށް އުފުލޭނެ ބުރައެއް ނޫންކަމަށް މީކާއިލް ވިދާޅުވިއެވެ. އެހެންވެ އޭނާ ވަނީ އެމްޑަބްލިއުއެސްސީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާ ބައްދަލުކުރުމަށް ހުށަހަޅުއްވާފައެވެ. އަދި ސޭފްޓީ މިންގަނޑުތަކަށް ފެތޭ، އަގުހެޔޮ ތިންވަނަ ފަރާތްތަކުގެ ޕަމްޕުތައް ބޭނުންކުރުމުގެ ހުއްދަ ރައްޔިތުންނަށް ދިނުމަށް ބާރުއެޅުމަށްވެސް މީކާއިލް ހުށަހެޅުއްވިއެވެ.
މީކާއިލްގެ އެ ހުށަހެޅުމަށް މާފަންނު އިތުރު ދާއިރާގެ ކައުންސިލަރު ހުސައިން ފުރުޝާން ވަނީ ތާއީދުކުރައްވާފައެވެ.
މީކާއިލްގެ އެ ހުށަހެޅުމާ ގުޅިގެން މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެ މައްސަލައަކީ ރައްޔިތުންނަށް ދިމާވެފައިވާ ނުހަނު ބޮޑު ތަކުލީފެއްކަން ގަބޫލުކުރައްވާ ކަމަށާއި، އަދި އެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ފާތިމަތު ލިއުޝާ
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
ކޮމެންޓް