ފީފާއަށް ފާޑު ކިޔައި، ފީފާއާ ގުޅޭ ގޮތުން ފާޑުފާޑުގެ ވާހަކަތައް ފެތުރި އެންމެންނަށް ފުޓުބޯޅައިގެ ރީތި މަންޒަރު ގެއްލި، ވޯލްޑް ކަޕްގެ އުފާވެރިކަން ގެއްލުނު ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.
މިފަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. ހާއްސަކޮށް ފީފާގެ ރައީސް އިންފަންޓީނޯ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޕްރޮމޯޓް ކުރުމަށް މުބާރާތުގެ ކުރިންވެސް މަސައްކަތް ކޮށް، ސިޔާސީ ކަންކަމުގައި އުޅުނު ކަމަށް ބުނެ ގިނަ ފަރާތްތަކަކުން ފާޑު ކިޔާފައިވެއެވެ.
އޭގެ އިތުރުން އެމެރިކާގެ އުސޫލުތަކުގެ ސަބަބުން އިރާން ޓީމުގެ އިސް ބައެއް އޮފިޝަލުންނަށް އެމެރިކާ ވިސާ ނުލިބި، ކުޅުންތެރިންނަށްވެސް މެޗުތައް ކުޅުމަށް އެމެރިކާއަށް ދާންވެސް އުނދަގޫވެފައިވެއެވެ. އަދި ސޯމާލިއާގެ ރެފްރީ އޮމަރް އަރުތާނާއި އެތައް ގައުމެއްގެ ސަޕޯޓަރުންނަށްވެސް ވިސާ ނުލިބުމުގެ މައްސަލަވެސް ފެންމަތިވެފައިވެއެވެ. އެއާއެކު މުބާރާތުގެ ތެރެއިން ޓްރަމްޕްގެ ފޯން ކޯލަކުން އެމެރިކާގެ ކުޅުންތެރިޔާ ފޮލާރިން ބަލޮގަންއަށް ދެއްކި ރަތް ކާޑު މައާފުކޮށްދިނުމުންވެސް ފާޑުކިޔުން އަމާޒުވެފައިވެއެވެ.
އެ ހުރިހާ ކަމަކަށް ޖަވާބުދާރީ ވާން އިންފަންޓީނޯ ކުރި 15 ސްލައިޑްގެ ޕޯސްޓެއްގައި ބުނީ އެތައް ބަޔަކު ފީފާއަށް ނަފުރަތު އުފައްދަން މަސައްކަތް ކުރި ނަމަވެސް، ވޯލްޑް ކަޕަކީ އިންސާނިއްޔަތު ދުށް އެންމެ އުފާވެރި ކުޅިވަރު އީދު ކަމަށެވެ. އަދި ބަޔަކު ކިތަންމެ ދޮގެއް ހެދި ނަމަވެސް، ވޯލްޑް ކަޕް ވެގެން ދިޔައީ 100 ޕަސެންޓް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވުނު މުބާރާތަކަށް ކަމަށް އިންފަންޓީނޯ ބުންޏެވެ.
އިންފަންޓީނޯ ސިޔާސީ ގޮތުން ހަރަކާތްތެރިވާ ކަމަށް ބުނެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ފެއާސްކެޔާއިން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)އަށް މައްސަލަ ހުށަހެޅި ނަމަވެސް، އެ މައްސަލަ ބެލެން ނެތް ކަމަށް މިހާރު ވަނީ ނިންމައިފައެވެ.
އިންފަންޓީނޯ ބުނީ ނަފުރަތު އުފެއްދި މީހުންނަށް ވޯލްޑް ކަޕްގައި އާއިލާތައް، އެތައް އުމުރެއްގެ ބަޔަކު އުފާކުރި މަންޒަރު ގެއްލުނު ކަމަށާއި، ވޯލްޑް ކަޕަށް ނުދެވުނު މީހުންގެ ވާހަކަ ދައްކާއިރު ވިސާ ލިބުނު އެތައް މިލިއަން މީހުންގެ ވާހަކަވެސް ދައްކަން ޖެހޭ ކަމަށެވެ.
"އަހަރެމެންގެ މި ހިތްގައިމު ކުޅިވަރުން ބައެއް ގެއްލުނު މީހުންނަށް ބުނަން ބޭނުން ވަނީ، ހަމަޖެހިލައި، އަޅުކަންކޮށް، މެޑިޑޭޓްކޮށް، ފުޓުބޯޅަ އުފާކުރުމަށް. ފުޓުބޯޅަ ބަލާލުމަށް. އަހަރެމެން އުފާފާޅުކުރި އިރު، އެ އުފަލުން މަހުރޫމުވެ، ބައިބައިވުމަށް ހިތްވަރު ދޭން އުޅުނު މީހުންނާ ނަފުރަތު އުފެއްދި މީހުންނަށް އަހަރެން ހަމްދަރުދީވޭ،" އިންފަންޓީނޯ ވިދާޅުވިއެވެ.
އިންފަންޓީނޯ ވިދާޅުވީ ފުޓުބޯޅައިގެ ތަފާތު ހިތްގައިމު މަންޒަރާއި އުފާވެރިކަން، އަދި ހިތާމަވެސް ވޯލްޑް ކަޕުން ގެނެސްދިން ކަމަށާއި، ރެފްރީންގެ މަސައްކަތްވެސް ފުރިހަމަ ކަމަށެވެ. ރެފްރީންނަށް ކިޔާފައިވާ ފާޑުކިޔުމަކީވެސް އެއްވެސް އަސާސެއް ނެތް ފާޑުކިޔުންތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް