ރާއްޖޭގެ ފަޅު ރަށްރަށާއި، ފަޅުތައް އެކި ބޭނުންތަކަށް ކަނޑައަޅައި، އެތަންތަން ކުއްޔަށް ދިނުމާބެހޭ އާ ގާނޫނެއް ފާސް ކުރުމަށް ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މި ބިލުގެ ބޭނުމެއްކަަމަށް ބިލުގައި ބުނެފައިވަނީ، މިހާރު އަމަލު ކުރަމުންދާ، ގާނޫނު ނަމްބަރު 20/98 (ދިވެހި ރައްޖޭގެ ފަޅު ރަށްރަށާބެހޭ ގާނޫނު) އުވާލައި، ރާއްޖޭގެ ފަޅުރަށްރަށާއި، ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމާއި ކުއްޔަށް ދިނުމާއި، ވަކި ބޭނުމަކަށް އެކަށައެޅިފައި ނުވާ ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާއި އެފަދަ ފަޅުރަށްރަށާއި، ފަޅުތަކާބެހޭ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުން ކަމަށެވެ.
ބިލުގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނެނީ، އެކި ބޭނުންތަކަށް ފަޅުރަށްރަށާއި، ފަޅުތައް އެކަށައެޅުމުގެ އުސޫލު ތަކާއި އެފަދަ ފަޅުރަށްރަށާއި، ފަޅު ކުއްޔަށް ދިނުމުގެ އުސޫލުތަކާއި ޝަރުތު ތަކާއި އިޖުރާއަތްތައް ކަނޑައެޅުން ކަމަށެވެ.
ބިލުގައިވާގޮތުން ފަޅުރަށްރަށާއި، ފަޅުތައް އެކި ބޭނުންތަކަށް އެކަށައަޅާނީ ރައީސުލް ޖުމްހޫރިއްޔާއެވެ.
އެގޮތަށް ފަޅުރަށްރަށް، އެކަށައެޅޭނީ ނުވަ ބޭނުމަކަށް ކަމަށްވެސް ބިލުުގައިވެއެވެ.
އެކަށައެޅޭ ބޭނުން، ނުވަން ކަންކަން:
- ފަތުރުވެރިކަމުގެ ބޭނުމަށް
- ސިނާއީ ބޭނުމަށް
- މަސްވެރިކަމުގެ ބޭނުމަށް
- ދަނޑުވެރިކަމުގެ ބޭނުމަށް އިގްތިސާދީ އެހެން ބޭނުންތަކަށް
- އިޖްތިމާއީ ބޭނުމަށް
- ދައުލަތުގެ ބޭނުމަށް
- އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ ހާއްސަ ބޭނުމަކަށް
ފަޅު އެކަށައެޅޭނީ އޭގެ ތެެރެއިން ދަނޑުވެރިކަމާއި، އިޖްތިމާއީ ބޭނުންތައް ނޫން، އޭގައި ހިމެނޭ ބޭނުންތަކަށްކަމަށް ބިލުގައިވެއެވެ.
ބިލުގައިވާ ގޮތުން ފަތުރުވެރިކަމުގެ ބޭނުމަށާއި، ސިނާއީ ބޭނުމަށް އެކަށައަޅާ ފަޅު ރަށްރަށް ފިޔަވައި ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްރަށް، އެކި ބޭނުންތަކަށް އެކަށައަޅާނީ، އެ ރަށެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލަކުންނެވެ.
ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ފަޅު ރަށްރަށުގެ ތެރެއިން، ފަތުރުވެރިކަމުގެ ބޭނުމަށް ނުވަތަ ސިނާއީ ބޭނުމަށް އެކަށައަޅާ ރަށްތައް އެކަށައަޅާނީ، ޓޫރިޒަމާބެހޭ ގާނޫނާއި މި ގާނޫނުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
ބިލުގައިވާގޮތުން، ވަކި ބޭނުކަމަށް ކަނޑައެޅިފައިނުވާ ފަޅުރަށްރަށަކީ އެ ރަށްރަށް ބެލެހެއްޓުމަށްޓަކައި ވަރުވާއަށް ލިޔެ ދެވޭނެ ރަށްރަށެވެ.
މި ބިލުގައިވާ ގޮތުން ވިޔަފާރީގެ ބޭނުމަށް ފަޅުރަށް ކުއްޔަށް ދޫކުރެވޭނީ، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއް، ޕާޓްނާޝިޕެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކަށް ނުވަތަ، ރާއްޖޭގައި ރީ ރަޖިސްޓްރީ ކޮށްފައިވާ ބޭރުގެ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕަކަށެވެ.
އެނޫން ބޭނުމަކަށް ފަޅުރަށްރަށް ކުއްޔަށް ދެވޭނީ، ދިވެހި ރައްޔިތަކަށް ރާއްޖޭގެ ކަމާބެހޭ ގާނޫނާ އެއްގޮތަށް ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ޖަމްއިއްޔާއަކަށެވެ.
ބިލުގައިވާ ގޮތުން ރަށެއް އެކުގައި ކުއްޔަށް ދިނުމުގެ ބަދަލުގައި، އެ ރަށެއްގެ ވަކި ބައެއްވެސް ކުއްޔަށް ދެވިދާނެއެވެ.
މި ގާނޫނުގެ ދަށުން ފަޅުރަށެއް ކުއްޔަށް ދެވޭނީ 21 އަހަރު ދުވަހުގެ މުއްދަތަށެވެ. ނަމަވެސް ކުއްޔަށް ހިފަން އެދޭ ފަރާތުން، އެރަށް ކުއްޔަށް ހިފަން ހުށަހަޅާ މުއްދަތަކީ 21 އަހަރަށްވުރެ ކުރު މުއްދަތަކަށްވެފައި، އެ މުއްދަތަށް ކުއްޔަށް ދިނުމަކީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދު ހުއްދަކުރާކަމެއް ނަމަ، ގަވާއިދުގައި ކަނޑައަޅާ ގޮތުގެ މަތިން އެއަށްވުރެ ކުރު މުއްދަތަކަށް އެރަށް ކުއްޔަށް ދޫކުރުމުގެ އިހްތިޔާރު ކަމާބެހޭ މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ލިބިގެންވެއެވެ.
މީގެ އިތުރުން ކުއްޔަށް ދީފައިވާ މުއްދަތު ހިމެނޭ ގޮތުން ޖުމްލަ 50 އަހަރުގެ މުއްދަތަށް އެ ރަށުގެ ކުލީގެ މުއްދަތު އިތުރު ކޮށްދިނުމުގެ އިހްތިޔާރު ކަމާބެހޭ މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ލިބިގެންވާކަމަށް ބިލުގައި ބުނެފައިވެއެވެ.
ބިލުގައިވާ ގޮތުން މި ގާނޫނުގެ ދަށުން ކުއްޔަށް ދޫކުރާ ފަޅުރަށްރަށުން ކުލި ނަގާނީ، ސިނާއީ އަދި އިގްތިސާދީ ބޭނުމަށް ދޫކުރާ ނަމަ، އަކަމީޓަރަކަށް އަހަރަކު ތިން ރުފިޔާ، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ބޭނުމަށް، އަކަ މީޓަރަކަށް އަހަރަކަށް ދެރުފިޔާ ބައި، އަދި އިޖުތިމާއީ ބޭނުމަށް، އަކަމީޓަރަކަށް އަހަރަކަށް ދެ ރުފިޔާއެވެ.
ބިލުގައިވާ ގޮތުން ފަޅު ކުއްޔަށް ދޫކުރެވޭނީ، ލާޖް ސްކޭލް ސިނާއީ މަސައްކަތްތައް ކުރުމަށާއި، މީޑިއަމް ސްކޭލް ސިނާއީ މަސައްކަތްތަކަށާއި، ލާޖް ސްކޭލް އިގްތިސާދީ މަސައްކަތްތަކަށާއި، އެކުއާކަލްޗާ ނުވަތަ، އެކުއާކަލްޗަރާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށެވެ.
ލާޖް ސްކޭލް ސިނާއީ މަސައްކަތްތަކަކީ، ސިނާއީ މަސައްކަތްތަކުގެ ތެރެއިން، ފުޅާ ދާއިރާއެއްގައި އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމާއެކު ހިންގާ އިންޑަސްޓްރިއަލް މަސައްކަތްތަކެވެ. އޭގެ ތެރޭގައި ކާރުހާނާ އާއި ޕްލާންޓްތަކާއި އިންސްޓޮކޭޝަންތައް ގާއިމް ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
މީޑިއަމް ސްކޭލް ސިނާއީ މަސައްކަތްތަކަކީ، ފުޅާ ދާއިރާއެއްގައި އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމަކާނުލައި ހިންގާ އިންޑަސްޓްރިއަލް މަސައްކަތްތަކެވެ. އަދި ލާޖް ސްކޭލް އިގްތިސާދީ މަސައްކަތްތަަކީ، ސަތޭކަ މިލިޔަން ރުފިޔާއަށްވުރެ ކުޑަނޫން އިންވެސްޓްމަންޓް ހިމެނޭ ގޮތުން ހިންގޭ އިގްތިސާދީ ހަރަކާތްތަކެވެ.
ފަޅުގެ ކުލި ނަގާނީ، ސިނާއީ ބޭނުމުގެ އިތުރުން އިގްތިސާދީ ބޭނުމަށް، އަކަމީޓަރަކަށް އަހަރަކު ތިން ރުފިޔާ، މަސްވެރިކަމުގެ ބޭނުމަށް އަކަމީޓަރަކަށް އަހަރަކު ފަންސާސްލާރީގެ އުސޫލުންނެވެ.
މި ބިލުގައިވާ ގޮތުން ވަރުވާއަށް ލިޔެދެވޭ ރަށްތަށް ދޫކުރެވޭނީ، ދިވެހި ރައްޔިތުންނަށާއި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ގާނޫނީ ޝަހްސެއްގެ އިތުރުން، ކުންފުނި، ޕާޓްނާޝިޕް، އަމިއްލަ ފަރުދުންގެ ވިޔަފާރި، ކޯޕަރޭޓިވް ސޮސައިޓީއަށެވެ.
މި ގާނޫނާއި ގަވާއިދާ ހިލާފު ވާ ފަރާތްތައް ފަސްލައްކައިން ފެށިގެން އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ވަނީ ކަނޑައަޅައިފައެވެ.
މި ބިލު ގާނޫނަކަށްވެ އަމަލު ކުރަން ފެށުމުން މިހާރު އަމަލު ކުރަމުންދާ ގާނޫނު ނަމްބަރު، 20/98 (ދިވެހި ރާއްޖޭގެ ފަޅު ރަށްރަށާބެހޭ ގާނޫނު) އުވޭނެއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް