ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކުރީގެ ވެރިންނަށް ޖިނާއީ ތަހުހީގެއް ހިންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކުރީ، ފެނަކައިގެ އައްޑޫ ސިޓީގައި ހިންގާ ބްރާންޗް ތަކާއި ޕްރޮޖެކްޓްތަކުގެ ހާއްސަ އޮޑިޓް ރިޕޯޓް (2023-2021) ގައިވާ ކަންތައްތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ހުށަހެޅި ރިޕޯޓާ ގުޅިގެންނެވެ.

އެ ރިޕޯޓްގައި ވަނީ، ފެނަކައިގެ، ޕްރޮޖެޓްޓުތަކުގެ މަސައްކަތް އިންހައުސްކޮށް ކުރިއަށް ގެންދިއުމުގެ ކުރިން ކުންފުންޏަށް އެންމެ ފައިދާ ވާނެ ގޮތަކީ ކޮބައިކަން ނުބަލައި ކުންފުންޏަށް ގެއްލުންވާ ގޮތަށް ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެހެންކަމުން އެކަންތައް ކުރިއަށް ގެންދިޔަ އިރު، ނިންމުންތައް ނިންމުމުގައި އޭރު އޮތް އޮތް ފެނަކަ ކޯޕަރޭޝަންގެ ބޯޑް އޮފް ޑިރެކްޓަރުންނާއި އިސްވެރިން، އެކަމުގައި ޒިންމާ ކުރުވުމަށް ވެސް ކޮމިޓީ ރިޕޯޓްގައި ވަނީ ހިމަނައިފައެވެ.

ކޮމިޓީ ރިޕޯޓްގައި ވަނީ އެކަންތައްތަކާއި ކުންފުނީގެ ފައިސާއަށް ހިޔާނާތްތެރި ވުމުގައި ޝާމިލްވާ ހުރިހާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށްޓަކައި، އެ މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދިވެހި ފުލުހުންގެ ހިދުމަތަށާއި އަދި އެހެނިހެން ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށް ފެނަކައަށް އަންގަން ހިމަނައިފައެވެ.

އޭގެ އިތުރުން އެ މައްސަލަތައް ނިމެންދެން، މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލު މަހަކު އެއްފަހަރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން ޖެހޭނެ ކަމަށް އަންގަންވެސް ރިޕޯޓްގައި ހިމަނާފައިވެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 54 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 53 މެންބަރުންގެ އިއްތިފާހުން ފާސްކުރީ ކޮމިޓީ ރިޕޯޓުގައިވާ ގޮތަށް އެކަންކަން ކުރިއަށް ގެންދަން އެ ފަރާތްތަކަށް އެންގުމަށެވެ.