އެމްޑީޕީ ވެރިކަމުގައި ކަންކަން ގޯސްކޮށް ކޮސްފައި އޮތުމަކީ މި ސަރުކާރުން އެއަށްވުރެ ގޯސްކޮށް އެކަންކަން ކުރަންޖެހޭ ސަބަބެއް ނޫން ކަމަށް ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޒިޔާދު "ފިއްޓޭ" ވިދާޅުވެއްޖެއެވެ.

ފިއްޓޭ މިހެން ވިދާޅުވީ، ސަރުކާރާ ދެކޮޅު ޝުއޫރު ފާޅުކުރާ މީހުން ސަރުކާރާއި ދައުލަތުގެ ކުންފުނިތަކުގެ ވަޒީފާއިން ވަކިކުރަމުންދާ ކަަމަށް ބުނެ އެމްޑީޕީގެ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފު ޒާކިރު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި، ކުންފިތަކަށް ބޭނުން ނުވާވަރަށް މުވައްޒަފުން ނެގީ އެމްޑީޕީ ސަރުކާރުން ކަމަށް ބުނެ ޕީއެންސީ މެންބަރުން ދެއްކި ވާހަކަތަކާ ގުޅިގެން މަޖިލީހުގައި މިއދު ރައްދު ދެއްވަމުންނެވެ.

ފިއްޓެ ވިދާޅުވީ، ދައުލަތުގެ ސިޔާސީ ބޭނުމުގައި ބޭނުން ނުވާވަރަށް ދައުލަތުގެ ކުންފުނިތަކުގެ ވަޒީފާތަކަށް މީހުން ނެގުމަކީ ކުރީ ސަރުކާރުތަކުން ކޮށްފައި އޮތް ކަމެއް ކަަމަށެވެ.

ނަމަވެސް އެކަން ރަނގަޅުކޮށް ހަމަ މަގަށް އަޅުވަން މި ސަރުކާރަށް ލިބުނު ފުރުސަތުގައި، ކައުންސިލް އިންތިހާބުތަކާ ދިމާކޮށް އިތުރަށް މީހުން ވަޒީފާއަށް ނެގުމަށްފަހު، ކައުންސިލް އިންތިހާބުން ރަނގަޅު ނަތީޖާއެއް ނުލިބުމުން އަދަބެއްގެ ގޮތުން އެތައް ބަޔަކު ވަޒީފާއިން ވަކިކުރަން ފަށާފައިވާ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

"އެމްޑީޕީ ވެރިކަމުގައި މިކަން ގޯސްކޮށް ކޮސްފައި އޮތުމަކީ މި ސަރުކާރުން އެއަށްވުރެ ގޯސްކޮށް މިކަން ކުރަންޖެހޭ ސަބަބެއް ނޫން، ދެ އަހަރަށްވުރެ ގިނަ ދުވަސް ލިބުނު މިކަން ރަނގަޅު ކުރަން، ނަމަވެސް ބަދަލު ނުކޮށްފައި، ކައުންސިލް އިންތިހާބުގެ ނަތީޖާ ނުކުތް ގޮތުން މުވައްޒަފުންތަކެއް ގަނޑުކޮށް ވަކިކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން،"

ފިއްޓެ ވިދާޅުވީ، ކުންފުނިތަކަށް އެކަށީގެންނުވާ މިންވަރަށް ވަޒީފާތަކުގައި މީހުން ތިބި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ނަމަވެސް އިންތިހާބަކުން ބަލިވެ، އޭގެ އަދަބެއްގެ ގޮތުން، "ރައިޓް ސައިޒް ކުރުން" ރީތި ނަމެއް ކިޔައިފައި ކުންފުނިތަކުން މުވައްޒަފުންތަކެއް ވަކި ކުރުމުން އެކަމުގެ ގެއްލުން ލިބެނީ އެތައް ރައްޔިތުން ތަކަކަށް ކަމަށްވެސް ވިދާޅުވިއެވެ.