މާލޭ މަގުހެދުމުގެ މަޝްރޫއުގެ ޕްރީ ކޮންސްޓްރަކްޝަން ސާވޭގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސާވޭ ޓީމުން އަމީނީމަގުގައި ކޯ ކަޓިން ވޯކްތަކެއް (މަގު ހެދުމުގެ ކުރިން ހަދަންޖެހޭ ސާވޭ) އިއްޔެ ކުރިޔަށް ގެންގޮސްފިއެވެ.
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީން އަމީނީ މަގާއި އިތުރު ދެ މަގެއް މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.
ކުރީ ސަރުކާރުން ހަދާފައިވާ އަމީނީ މަގުގެ އެކި ސަރަހައްދުތަކުން ތާރުގަނޑު އުފުލި، ދަތުރުފަތުރު ކުރުމަށް ދަތިވާ މިންވަރަށް މަގު ހަލާކުވެފައިވާތީއެވެ. ހާއްސަކޮށް އެ މަގުގެ ހުޅަނގު ފަރާތު ތާރުގަނޑުތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
އެ މަސައްކަތުގެ މަޝްރޫއުގެ ތެރެއިން މަގުތަކުގެ ތާރުގަނޑު ރަނގަޅު ކުރުމުގެ އިތުރުން، ބަސް ހުއްޓިތައް ހުންނަ ސަރަހައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނެސް، އެ ތަންތަން އިތުރަށް ހަރުދަނާ ކުރުމަށް ނިންމާފައިވާ ކަމަށް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީން ބުނެފައިވެއެވެ.
އަމީނީ މަގަކީ ކުރީ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ހަރަދުކޮށްގެން 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ތަރައްގީ ކުރި މަގެކެވެ. އެ މަގުގެ މަސައްކަތް މުޅިން ނިންމާލާފައިވަނީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.
އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ މަސައްކަތް ނިމުމުން އަމީނީ މަގާއި އިއްޒުއްދީން މަގު އަދި ބޮޑުތަކުރުފާނު މަގަކީ ރައްކާތެރި ތަނަކަށް ވެގެންދާނެ ކަމަށެވެ.
ފާތިމަތު ލިއުޝާ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
ކޮމެންޓް