ޖޯންސަން އެންޑް ޖޯންސަން (ޖޭއެންޑްޖޭ) ގެ ބޭބީ ޕައުޑަރު ބޭނުންކުރުމުގެ ސަބަބުން ކެންސަރަށް މަގުފަހިވާ ކަމަށް ބުނެ ހުށަހަޅާފައިވާ ދައުވާތަކުގެ މައްސަލަ ހައްލުކުރުމަށް 5.5 ބިލިއަން ޑޮލަރު ދޭން އެ ކުންފުނިން އެއްބަސްވެއްޖެއެވެ.

އެ ކުންފުނިން ހޯމަ ދުވަހު އިއުލާންކުރި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ ފެޑެރަލް އަދި ސްޓޭޓް ކޯޓުތަކުގައި ހިނގަމުންދާ 69،000 އެއްހާ މައްސަލަ ހައްލުކުރެވޭނެއެވެ. މިއީ މިހާރު ކޯޓުތަކުގައި ހުރި މިފަދަ މައްސަލަތަކުގެ 99.75 އިންސައްތައެވެ.

ޖޭއެންޑްޖޭ އިން ބުނި ގޮތުގައި، 5.5 ބިލިއަން ޑޮލަރުގެ މި ބަދަލު ދިނުމަށް ހަމަޖެހިފައިވަނީ ދައުވާކުރާ ފަރާތްތަކުގެ ތެރެއިން މަދުވެގެން 95 އިންސައްތަ މީހުން މި އެއްބަސްވުމަށް ރުހުން ދިނުމުންނެވެ. އަދި 2027 ވަނަ އަހަރުގެ ނިޔަލަށް މީގެ ތެރެއިން 3 ބިލިއަން ޑޮލަރު ދައްކާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ދައުވާކުރާ ފަރާތްތަކުގެ ވަކީލުން ވަނީ މި އެއްބަސްވުމަކީ 10 އަހަރަށް ވުރެ ދިގުލައިގެން ދިޔަ ގާނޫނީ މައްސަލަތަކަށް ލިބުނު ރަނގަޅު ނިމުމެއް ކަމަށް ސިފަކޮށްފައެވެ. މި އެއްބަސްވުމަށް އާދެވިފައި މިވަނީ، ޕައުޑަރުގެ ސަބަބުން ކެންސަރު ޖެހުނުކަން ވަކިވަކި ފަރުދުންނަށް ސާބިތުކޮށްދިނުމަކީ އުނދަގޫ ކަމެއް ކަމަށް ފެޑެރަލް ކޯޓެއްގެ ފަނޑިޔާރަކު މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނިކޮށެވެ.

ބަދަލު ދިނުމަށް އެއްބަސްވި ނަމަވެސް، އެ ކުންފުނީގެ ޓެލްކަމް ޕައުޑަރުގައި ކެންސަރަށް މަގުފަހިކުރުވާ މާއްދާއެއް ކަމަށްވާ އެސްބެސްޓޯސް ނުހިމެނޭނެ ކަމަށާއި، އެއީ ރައްކާތެރި އުފެއްދުމެއް ކަމަށް ޖޭއެންޑްޖޭ އިން ބުނެއެވެ. ނަމަވެސް 2020 ވަނަ އަހަރު އެ ކުންފުނިން ވަނީ އެމެރިކާގެ ބާޒާރުގައި ޓެލްކަމް ޕައުޑަރު ވިއްކުން ހުއްޓާލައި، އޭގެ ބަދަލުގައި ކޯންސްޓާޗް ބޭނުންކޮށްގެން ޕައުޑަރު އުފައްދަން ފަށާފައެވެ.

މި މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމަށް ޖޭއެންޑްޖޭ އިން މީގެ ކުރިން ވަނީ ކުންފުނި ބަނގުރޫޓުވިކަމަށް ހަދައިގެން އެތައް ފަހަރެއްގެ މަތިން މަސައްކަތްކޮށްފައެވެ. ނަމަވެސް ކޯޓުތަކުން އެކަން ގަބޫލު ނުކުރުމާ ގުޅިގެން، 2025 ވަނަ އަހަރުގެ މާޗު މަހު މި ދައުވާތަކުގެ ޝަރީއަތްތައް ވަނީ އަލުން ފަށާފައެވެ.