އޮސްޓްރޭލިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރަސްމީކޮށް ކޮމިޝަންކޮށް، ހިދުމަތަށް ނެރެފިއެވެ.
ހުޅުމާލޭގެ އެމްޕީއެލް ޕޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ މަނަވަރު ކޮމިޝަން ކޮށްދެއްވީ ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އެ ރަސްމިއްޔާތުގައި އޮސްޓްރޭލިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޑޭވިޑް ޖެސަޕާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ބައިވެރިވެވަޑައިގެންނެވިއެވެ.
އެ މަނަވަރަކީ ރައީސް މުއިއްޒު، އެމްއެންޑީއެފްގެ ގާބިލުކަން އިތުރުކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އޮސްޓްރޭލިޔާ ސަރުކާރުގައި އެދިވަޑައިގެންނެވުމުން ހަދިޔާކުރި އުޅަނދެކެވެ.
ކޯސްޓްގާޑް ޝިޕް އިމާދުއްދީން ހިދުމަތަށް ނެރުމުގެ ގޮތުން އުޅަނދުގައި ދިވެހި ގައުމީ ދިދައާއި އެމްއެންޑީއެފްގެ ދިދަ ނަގައި، ކޮމިޝަނިން ޕެނަންޓް ވަނީ ބަހައްޓާފައެވެ. އެ އުޅަނދު ރާއްޖެ ގެނައުމުގެ ކުރިން، ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިޔާގައި އުޅަނދު އޮޕަރޭޓްކުރުމުގެ ފުރިހަމަ ތަމްރީނުތަކެއް ހާސިލުކޮށްފައެވެ.
އެމްއެންޑީއެފުން ބުނީ އެ މަނަވަރުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި، ކަނޑުމަތީގެ އައިރު ގާނޫނީ އަމަލުތައް ހުއްޓުވުމާއި، މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
މުހައްމަދު އިޝާން
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
ކޮމެންޓް