ޑިމޮކްރެސީގެ މިނިވަންކަން މިޔަށްވުރެ ބޮޑަށް ދިންް ސަރުކާރެއް ނެތް ކަމަށާއި މި ސަރުކާރުން ދަނީ އިދިކޮޅު ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކަށްވެސް އެހީތެރިވަމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ، ސިޔާސީ ހަރަކާތްތައް ހިންގަން މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށާއި އިދިކޮޅު ފަރާތްތަކަށް ވެސް މި ސަރުކާރުން އެހީވަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދަނީ މިސާލެއްގެ ގޮތުން ދަންނަވަންޏާ އިދިކޮޅު ފަރާތްތަކުގެ އެތެރޭގެ އިންތިހާބުތައްވެސް ބާއްވަން ސްކޫލު ހޯލްތަކާއި ދައުލަތުގެ މުއައްސަސާތައް ދެމުން. އަޅުގަނޑުމެން މިދަނީ އިދިކޮޅު ފަރާތްތަކުގެ ބައްދަލުވުންތައް ބާއްވަންވެސް ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައިދެމުން. އަޅުގަނޑުމެން މިދަނީ އިދިކޮޅު ފަރާތްތަކުން އިދިކޮޅު ސިޔާސީ ލީޑަރުން ބޭނުންވާ ގޮތަކަށް ހަރަކާތްތެރިވުމަށް ފުރިހަމައަށް މިނިވަންކަމާ އެކު ފުރުސަތުދެމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއްވެސް ސިޔާސީ ލީޑަރަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށާއި ކުރީގެ އެއްވެސް ރައީސަކު ހައްޔަރުކޮށްފައިނުވާނެ ކަމަށެވެ. އަދި ސިޔާސީ ވިހަގަދަ ބަދަލު ހިފުމުގެ ރޫހުގެ އަޅުވެތިކަމުން މިގައުމު ސަލާމަތް ކޮށްދެވިއްޖެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދާހިލީގޮތުން މި ގައުމުގައި މިނިވަންކަން އޮންނާނީ ޑިމޮކްރަސީގެ ފުރިހަމަ މިނިވަންކަން އޮވެގެން ކަމަށެވެ. ދިވެހިން ގަބޫލުކުރާ ހަމައަކީ ޑިމޮކްރަސީ އެންމެ ފުރިހަމަ މިނިވަންކަމުގައި އޮތުން ކަމަށެވެ.

"ޑިމޮކްރަސީގެ ކަންކަން ފެށިގެން އައި ހިސާބުން ފެށިގެން ކަނޑައްތުކުރެވުނު ދުވަސްތަކަށް ބަލާއިރުގައި މި ސަރުކާރުން މިހާރު މިރާއްޖޭގައި ޑިމޮކްރަސީ މިނިވަން ކޮށްދީފައިވާ ވަރަށް ދުވަހަކުވެސް މީގެ ކުރީގައި މިރާއްޖޭގައި ޑިމޮކްރަސީ މިނިވަންކަމާ އެކު ތަންފީޒުކޮށްދެވިފައެއް ނުވޭ،" ރައީސް ވިދާޅުވިއެވެ