އެމެރިކާއާއި އިޒްރޭލުން އިސްވެ އީރާނަށް ދިން ހަމަލާއާ ގުޅިގެން މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ދަތިތަކާ ހުރެ، ޒުވާނުންނަށް ހާއްސަކޮށްގެން ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ހައެއްކަ މަސް ދުވަހަށް ލަސްވި ނަމަވެސް، ދެން އެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ގެނެސްދޭ "ދަ ޕްލަސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި، ދައުލަތުގެ ފައިސާ ހަރަދުކުރުމުގައި އެންމެ މުހިންމު ކަންކަމަށް އިސްކަންދޭން ޖެހުމުގެ ސަބަބުން ގިނަ މަޝްރޫއުތަކަކަށް މަޑުޖެހުމެއް އައި ކަމަށެވެ. ނަމަވެސް މިހާރު އެ ހާލަތުން އަރައިގަނެވި، މަޝްރޫއުތައް އަލުން ފަށާފައިވާ ކަމަށާއި، 2028 ވަނަ އަހަރުގެ ކުރީކޮޅަށް ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"ޑިލޭސްތަކެއް މި ހުރިހާ ކަމެއްގައިވެސް އައި މެދުއިރުމަތީ ހަނގުރާމައާ ގުޅިގެން އަޅުގަނޑުމެން ފައިސާ ހަރަދުކުރަން ޕްރައޮރަޓައިޒް ކުރަން ޖެހޭ ކަންކަމަށް. ހާއްސަކޮށް ތެލަށް ކުރަން ޖެހޭ ހަރަދާ އެކު ގިނަ މަޝްރޫއުތައް ހައެއްކަ މަސް ޑިލޭވެއްޖެ. އެހެންނަމަވެސް، މިހާރު ރިކަވާ ވެގެން މިދަނީ އިރާދަކުރެއްވިއްޔާ ކުރިއަށް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުޅުލޭ ހައިވޭ ސަރަހައްދުގައި ރޭސިން ޓްރެކް ހެދުމަށް ބޭނުންވާ ބިން ހިއްކުން ލަސްވީ އެތަން ހިމާޔަތްކުރުމަށް ބޭނުންވާ ޝޯ ޕްރޮޓެކްޝަން މެޓީރިއަލް ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުން ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެ މަސައްކަތްވެސް ބާރުމިނުގައި ކުރިއަށްދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ކޮންމެ ރަށެއްގައި އެންމެ ޒަމާނީ ފިޓްނެސް މަރުކަޒުތައް ގާއިމްކުރުމުގެ މަޝްރޫއުގެ 50 ޕަސަންޓް މިއަހަރު ނިމޭނެ ކަމަށާއި، އަންނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގެ މަސައްކަތް ނިމޭނެ ކަމަށެވެ.

"އަމަލީ މަސައްކަތްތައް އެދަނީ ކުރިއަށް. ބައެއް ރަށްރަށުގައި ނިމެމުންވެސް އެބަދޭ. އަންނަ އަހަރު ނިމޭއިރު އިރާދަކުރެއްވިއްޔާ ހުރިހާ ރަށެއްވެސް ނިމޭނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މާލޭގެ ސަލްޓަން ޕާކާއި ހުޅުމާލޭގައި އިންޑޯ ގޭމިން ސެންޓަރުތަކެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ހުޅުމާލޭގައި ޑްރިފްޓިން ޓްރެކަކާއި، ޒަމާނީ ފެންވަރުގެ ގޯކާޓް އެރީނާއެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ ހުރިހާ ތަނެއް 2028 ވަނަ އަހަރުގެ ކުރީކޮޅު ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެ ތަންތަނަކީ ގާތްގަނޑަކަށް 1،200 މީހުންގެ ޖާގައިގެ ތަންތަންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރާޅުގަނޑު ސަރަހައްދުގައި ސާފިން ސްޓޭޑިއަމަކާއި، ހުޅުމާލޭގައި އިންޑޯ ބޯލިން އެރީނާއެއްގެ އިތުރުން ފުޓްސަލް އަދި ނެޓްބޯލް ސްޓޭޑިއަމްތަކެއް ހެދުމަށްވެސް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ހަމައެކަނި މާލެއަށް ކުޅިވަރުގެ ވަސީލަތްތައް ޖަމާކުރުން ނޫން ކަމަށާއި، އަތޮޅުތަކުގައިވެސް ޔޫތް ހަބްތައް ހެދުމަށްޓަކައި ބޭނުންވާ ފައިސާ މިހާރު ދޫކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެހުރިހާ މަސައްކަތްތަކަކީ ހަށިހެޔޮ، ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ދޭ އިސްކަމުގެ ހެއްކެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.