މިމަހު އުމްރާގެ އަޅުކަމަށް ރާއްޖެއިން ފުރި އުމްރާވެރިންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަން މިއަދު ނިންމާލައިފިއެވެ.

އެމްއޭސީއެލުން ރޭ ބުނީ އެ އޮޕަރޭޝަން ނިންމާލާފައިވަނީ މި މަހު އުމްރާއަށް ފުރާ ފަހު ގްރޫޕް އިއްޔެ ފުރުމާ ގުޅިގެން ކަމަށެވެ. އެމްއޭސީއެލުން ބުނީ މި މަހުގެ ތެރޭގައި ރާއްޖެއިން ޖުމްލަ 5,565 އަށްވުރެ ގިނަ އުމްރާވެރިން ވަނީ އުމްރާގެ އަޅުކަމަށް ފުރާފައި ކަމަށެވެ.

ވީއައިއޭއިން، އުމްރާވެރިންނަށް ދިން މި ހާއްސަ ހިދުމަތްތަކުގެ ތެރޭގައި، 100 އަށްވުރެ ގިނަ މީހުން ހިމެނޭ ބޮޑެތި ގްރޫޕުތަކަށް ފުރުމުގެ 24 ގަޑިއިރު ކުރިން ޕްރީ-ޗެކިން ހެދުމުގެ ފުރުސަތު ދިނުން ހިމެނޭކަމަށް އެމްއޭސީއެލުން ބުންޏެވެ. މީގެ ސަބަބުން އުމްރާވެރިންގެ ފޮށިތައް ކުރިއާލާ ޗެކިންކޮށް، ބޯޑިން ޕާސް ދޫކުރުމުގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް އަވަސްވެފައިކަން އެމްއޭސީއެލުން ފާހަގަކުރިއެވެ.

އެމްއޭސީއެލުން ބުނީ މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ޕާސްޕޯޓުތަކުގެ އެޑްވާންސް ކްލިއަރެންސް ހެދުމުގެ އިންތިޒާމުވެސް ފޯރުކޮށްދީފައިވާނެ ކަމަށެވެ.

އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތައް ކަމަށްވާ ޕެސެންޖާ ސާވިސަސް، ޓާމިނަލް ސާވިސަސް އަދި އެސްޓޭޓް ސެކިޔުރިޓީ ސާވިސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި، އުމްރާވެރިންނަށް އެއާޕޯޓަށް ވަނުމަށް ވަކި ހާއްސަ ދޮރަކާއި، އިމިގްރޭޝަން އަދި ސެކިޔުރިޓީ ސްކްރީނިންއަށް ވަކި ކައުންޓަރުތަކެއް ވަނީ ކަނޑައަޅާފައިކަމަށް އެމްއޭސީއެލުން ބުންޏެވެ.

މީގެ އިތުރުން، އެއާޕޯޓުގެ ބޭރުގެ ސަރަހައްދުގައި ޓްރެފިކް ބެލެހެއްޓުމާއި، ޓެކްސީ ކިއުތައް ތަރުތީބުކުރުމުގެ މަސައްކަތްވެސް އެސްޓޭޓް ސެކިޔުރިޓީ ސާވިސްއިން ވަނީ ވަރަށް ބޮޑަށް ސަމާލުކަންދީގެން ކުރިއަށް ގެންގޮސްފައިކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެފަދަ ހާއްސަ އޮޕަރޭޝަނެއް ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ، އެއާޕޯޓަކީ ބާރުބޮޑު ތަނަކަށް ވީނަމަވެސް، އުމްރާވެރިންނާއި އެހެނިހެން ފަސިންޖަރުންނަށް އެއްވެސް ދަތިކަމެއްނެތި ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުންކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެ އޮޕަރޭޝަންގެ ސަބަބުން އުމްރާވެރިންގެ ޗެކިންއިން ފެށިގެން ބޯޑިންއާ ހަމައަށް ހުރިހާ ކަމެއް ވަރަށް އޮމާންކަމާއެކު ކުރިއަށް ގޮސްފައިވާކަމަށް އެމްއޭސީއެލުން ބުންޏެވެ.