އެމެރިކާއިން އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާ ދީފިނަމަ، އޭގެ ބަދަލު ވަރުގަދަކޮށް ހިފާނެ ކަމަށާއި އެ ގައުމުގެ ދިފާއީ ސިޔާސަތަކީ ލޮލަކަށް ލޮލެއް ކަމަށް ވިދާޅުވެ އިރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ މިއަދު އިންޒާރުދެއްވައިފިއެވެ. އޭނާ މިފަދައިން އިންޒާރުދެއްވީ، ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ އާގުބޯޓުފަހަރަށް އީރާނުން ހަމަލާދޭ ކޮންމެ ފަހަރަކު، އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒަކަށް ނުވަތަ ބުރިޖަކަށް ހަމަލާދީ ގޮއްވާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ.

އީރާނުގެ އުމްރާނީ ވަސީލަތްތައް ހިމެނޭ ގޮތަށް އެ ގައުމާ ދެކޮޅަށް ހިންގާ ކޮންމެ އުދުވާނަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް އޭނާ އަރްގާޗީ ވިދާޅުވިއެވެ. މީގެ އިތުރުން، އެފަދަ ހަމަލާއަކަށް އެހީތެރިވާ ކޮންމެ ގައުމަކީވެސް އީރާނުން ހަމަލާދޭނެ އަމާޒެއް ކަމަށް ބަލާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލަ ހޫނުވެފައިވަނީ، ހޮރުމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިންނެވެ. ދެ ގައުމުގެ ދެމެދުގައި ކުރިއަށްދިޔަ ހަނގުރާމަ މެދުކަނޑާލުމަށް ވެފައިވާ ވަގުތީ އެއްބަސްވުން ރޫޅި، އީރާނުން ވަނީ އަލުން އެ ކަނޑުއޮޅި ބަންދުކޮށްފައެވެ. އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވެފައިވާ ގޮތުގައި، ބައިނަލްއަގުވާމީ ކަނޑުއޮޅިއެއް ކޮންޓްރޯލްކޮށް، އެތަނުން ދަތުރުކުރާ ބޯޓުފަހަރުން ޓޯލް ނެގުމަށް އީރާނުން މަސައްކަތްކުރުމަކީ ދުނިޔޭގެ އިގުތިސޯދަށް އޮތް ނުރައްކަލެކެވެ.

ނަމަވެސް، އީރާނުގެ އަސްކަރިއްޔާއާ ހަވާލާދީ އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ އިންޒާރުތަކުގެ ސަބަބުން ހަނގުރާމަ އިތުރަށް ފުޅާވުން ނޫން ކަމެއް ނުވާނެއެވެ. އީރާނުގެ މައި އަސްކަރީ ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއިން ހަމަލާދީފިނަމަ މެދުއިރުމަތިން ތެޔޮ ބޭރުކުރުން ހުއްޓުވައި، ސަރަހައްދުގެ ތެލާއި ގޭހުގެ ވަސީލަތްތަކަށް ހަމަލާދޭނެ ކަމަށެވެ. އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވެސް ވަނީ، އީރާނަށް ތެޔޮ ނުވިއްކޭ ހާލަތެއްގައި ސަރަހައްދުގެ އެހެން އެއްވެސް ގައުމަކަށް ތެޔޮ ނުވިއްކޭނެ ކަމަށް ވިދާޅުވެފައެވެ.