ކުރިއަށް އޮތް 2030 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ 64 ގައުމުގެ ވޯލްޑް ކަޕަކަށް ހަދަން ބޭނުންވާ ކަމަށް ދެކުނު އެމެރިކާގެ ފުޓުބޯޅަ އިދާރާގެ ރައީސް އަލެހާންޑްރޯ ޑޮމިނިގޭޒް ވިދާޅުވެއްޖެއެވެ.

މިފަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕަކީ މިހާތަނަށް ތާރީހުގައި ބޭއްވި އެންމެ ބޮޑު ވޯލްޑް ކަޕެވެ. ޖުމުލަ 48 ގައުމާއެކު ބޭއްވި ވޯލްޑް ކަޕްގައި 104 މެޗު ކުޅެފައިވާ އިރު، މިފަހަރު ވޯލްޑް ކަޕް ތެރެއިން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައި ވަނީ 64 ޓީމަށް ވޯލްޑް ކަޕް ބޮޑުކުރަން ބޭނުންވާ ކަމަށެވެ.

"ދެން އޮތް ވޯލްޑް ކަޕެއް އޮތީ އަމިއްލަ ހޯމްގައި. އެއީ 2030 ވަނަ އަހަރު. އަަހަރެމެންގެ އާޖެންޓީނާއާއި އުރުގުއާއީ އަދި ޕަރަގުއާއީގައި މެޗުތައް އޮންނާނެ،" ޑޮމިނިގޭޒް ވިދާޅުވިއެވެ.

ދެހާސް ތިރީސްވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން މިހާރު ނިންމާފައި ވަނީ ސްޕެއިން، މޮރޮކޯ އަދި ޕޯޗުގަލްގައެވެ. އަދި އޭގެ އިތުރުން ވޯލްޑް ކަޕަށް 100 އަހަރު ފުރުމުގެ ގޮތުން ފުރަތަމަ 1930 ވަނަ އަހަރު މުބާރާތް ބޭއްވި އުރުގުއާއީގައި ހާއްސަ މެޗެއް ހޯސްޓް ކުރާ އިރު، އާޖެންޓީނާއާއި ޕެރަގުއާއީގައިވެސް ހުޅުވުމުގެ މެޗުތަކެއް ހޯސްޓް ކުރަން ވަނީ ނިންމައިފައެވެ.