ރާއްޖެއިން ކުރިން ނައްތާލާފައިވާ ހިމަބިހި (މީސަލްސް) އަލުން ފެނި ފެތުރެމުންދާއިރު، މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 166 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފުތާގެ ތެރޭގައި އަލަށް 22 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ފިޔަވަޅުތަކެއް އަޅަމުންދާއިރު، މިހާތަނަށް 9،918 މީހަކަށް ވަނީ ވެކްސިން ދީފައެވެ.

ހެލްތު މިނިސްޓަރު ގީލާ އަލީ މީގެކުރިން ވިދާޅުވެފައިވަނީ ހިމަބިއްސަކީ ގައިންގަޔަށް އަރާ ބައްޔަކަށް ވީނަމަވެސް، މިއީ ރާއްޖޭގައި ކޮންޓްރޯލުން ނެއްޓިގެން އުޅޭ ބައްޔެއް ނޫން ކަމަށެވެ. އަދި ބަލި ޖެހުމަށްފަހު ފަސޭހަވާން ނަގާ މުއްދަތު ކުރުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.