މާފަންނު ކްރާސާ ފިހާރަ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ، ސ. ހިތަދޫ/ އިޒުމީރު، މުހައްމަދު އަހުމަދުދީދީ (ނައުއްޓެ) މަރާލި މައްސަލައިގައި ދައުވާ ލިބޭ ދެ މީހުން، ޝަރީއަތް އަވަސްކުރުމަށްޓަކައި ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް ދައުލަތުން މިއަދު ހައިކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ސ. މަރަދޫފޭދޫ/ ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމާއި ތ. ގާދިއްފުށި/ ގުލޭނޫރައްމާގެ، ސިރުހާން އަލީގެ މައްޗަށެވެ. 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން އެ ދެމީހުންގެ މައްޗަށް ދައުލަތުން ކުރީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ނަމަވެސް، މިދިޔަ އޭޕްރީލް މަހު ކުރިމިނަލް ކޯޓުން ހުކުމްކުރީ އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. ކުރިމިނަލް ކޯޓުގެ އެ ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށް، މައްސަލަ ނިމެންދެން އެމީހުން ބަންދުކުރުމުގެ އަމުރަކަށް އެދިފައިވީ ނަމަވެސް، ބަންދުގެ މައްސަލަ ވަކިގޮތަކަށް ނުނިމި އޮތުމުން މައުލޫއީ މައްސަލައިގެ ޝަރީއަތް ވަނީ މަޑުޖެހިފައެވެ.

ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު އައިޝަތު ރިޝާ ވިދާޅުވީ، އިސްތިއުނާފު މަރުހަލާ ކުރިއަށްގެންދިއުން ލަސްވެފައިވާތީ، އެކަން އަވަސްކުރުމަށްޓަކައި ޝަރީއަތް ނިމެންދެން އެ ދެމީހުން ބަންދުނުކުރި ނަމަވެސް، ވަކި ގައިދުތަކެއްގެ ދަށުން ދޫކޮށްލާފައި ބޭތިއްބުން އެންމެ ރަނގަޅު ކަމަށެވެ.

އެގޮތުން، ނައުއްޓެގެ އާއިލާއާ ނުގުޅުމަށާއި، އިތުރު ކުށެއް ނުކުރުމަށާއި، ކޯޓަށް އެނގިގެން މެނުވީ ރާއްޖޭން ބޭރަށް ނުދިއުމަށާއި، ކޯޓުން އަންގާ ގަޑިތަކަށް ހާޒިރުވުމަށް ޝަރުތުކުރުމަށް ދައުލަތުން ހުށަހެޅިއެވެ.

މި މައްސަލައިގައި ދިފާއީ ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ، ދަށު ކޯޓުން މިނިވަންވެފައިވާ ބަޔަކު، އިސްތިއުނާފީ މަރުހަލާގެ ހުރިހާ ވަގުތެއްގައި ބަންދުގައި ތިބެންޖެހުމަކީ އެމީހުންގެ އާއިލީ ދިރިއުޅުމަށާއި، ވަޒީފާގެ މުސްތަގުބަލަށް އިއާދަނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި މިދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި އެމީހުންގެ ފަރާތުން އެއްވެސް ކުށެއްގެ ރެކޯޑެއް ފެނިފައިނުވާކަމަށް ވަކީލު ވިދާޅުވިއެވެ.

"އަޅުގަނޑުގެ މުވައްކިލުން މިސާލަކަށް ރައްޖޭގެ ޝަރުއީ ނިޒާމު އޮތް ގޮތުން ޝަރީއަތުގެ ހުރިހާ މަރުހަލާތަކެއް ކަޑައްތުކޮށްނިމޭއިރު އެ ހޭދަވާ މުއްދަތު އެއްކޮށް ބަންދުގައި ތިބެންޖެހިއްޖެ ނަމަ، އެ ފަރާތްތައް މައުސޫމުކަމަށް ކަނޑައެޅި ކަނޑައެޅުމުގެ މާނައެއްވެސް ނެތް. އަދި ކުށް ސާބިތުވާ ހާލަތުގައިވެސް، މާނަ ގެއްލިގެންދާ ފަދަ ގޮތަކަށް އެ މީހަކު ކުށެއް ސާބިތުނުވެ އަދަބު ތަހައްމަލް ކުރަންޖެހޭ ނަތިޖާ މި ނިކުންނަނީ. އެއީ މީހަކު ބަންދުގައި ހުންނަ ކޮންމެ ހާލަތަކީ އާއިލީ ދިރިއުޅުން ހުއްޓުމަކަށް އައިސް ވަޒީފާގެ މުސްތަގުބަލް ގެއްލި އެތައް ހައްގުތަކެއް ގައިދުވެގެންދާނެ މުއްދަތެއް،" ހަމްޒާ ވިދާޅުވިއެވެ.

އެހެންވެ ދިފާއުން އެދިވަޑައިގަތީ އެކަންކަމަށް ރިއާޔަތް ކުރުމަށްފަހު ގޮތެއް ކަނޑައަޅުވައިދިނުމަށެވެ.

ދައުލަތުން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި މަރަކީ ދުރާލައި ރާވައިގެން، ދެ ދުވަސް ވަންދެން ނައުއްޓެއަށް ފާރަލުމަށްފަހު އާންމުން ވަދެނިކުމެ އުޅޭ ފިހާރައެއްގެ ތެރޭގައި ހިންގާފައިވާ ނުރައްކާތެރި އަމަލެކެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އިސްމާއީލް ޝަފީއު ވިދާޅުވީ، ދެ ފަރާތުގެ ހުށަހެޅުންތަކަށް ރިއާޔަތްކޮށް ގޮތެއް ނިންމާނެ ކަމަށެވެ.