އިންގްލެންޑްގެ ކުރީގެ ކެޕްޓަން އަދި ކޯޗު ކެވިން ކީގަން އުމުރުން 75 އަހަރުގައި މަރުވެއްޖެއެވެ.

ކީގަން މަރުވެފައި ވަނީ އޭނާއަށް ކެންސަރު ޖެހުނުކަން އިއުލާނުކުރިތާ ހަތް ހަފުތާ ފަހުންނެވެ. ކީގަންގެ އާއިލާއިން މީގެ ދުވަސްކޮޅެއް ކުރި އިއުލާނު ކޮށްފައި ވަނީ އޭނާގެ ކެންސަރު ހުރީ ސްޓޭޖު ހަތަރެއްގައި ކަމަށެވެ.

ކީގަންއަކީ އިންގްލެންޑް ތާރީހުގައި އެންމެ ޝަރަފުވެރި އެއް ޝަހުސިއްޔެތެވެ. އޭނާވަނީ ކުޅުންތެރިއެއްގެ ގޮތުގައި ސްކަންތޯޕު ޔުނައިޓެޑާއި ލިވަޕޫލް، ހެމްބާގް، ސައުތުހެމްޓަންގެ އިތުރުން ނިއުކާސަލްއަށް ކުޅެފައިވެއެވެ.

ކުޅުންތެރިއެއްގެ ކެރިއަރު ނިންމާ، ކީގަން ވަނީ ނިއުކާސަލްއާއި ފުލަމްގެ އިތުރުން އިންގްލެންޑް އަދި މެންޗެސްޓާ ސިޓީއަށް ކޯޗުކަން ކޮށްދީފައެވެ.

ކީގަންގެ އާއިލާއިން ބުނެފައި ވަނީ ޖެނުއަރީ މަހުން ފެށިގެން ކީގަން ދިޔައީ ކެންސަރަށް ފަރުވާ ކުރަމުން ކަމަށާއި، ކެންސަރު ފުރަތަމަ އެނގުނު އިރުވެސް ހުރީ އެންމެ ނުރައްކާތެރި އެއް ހާލަތެއްގައި ކަމަށެވެ. ކީގަންއަކީ ދެ ފަހަރަށް ބެލޮންޑިއޯ ހޯދާފައިވާ ނަމެކެވެ.

ކީގަން ވަނީ ލިވަޕޫލާއެކުވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން އެ ކްލަބާއެކު ތިން ލީގު ތަށި ހޯދައި، ޔޫރަޕިއަން ކަޕާއި ޔޫއެފާ ކަޕްގެ އިތުރުން އެފްއޭ ކަޕްވެސް އެ ކްލަބާއެކު ހޯދިއެވެ. އޭގެ އިތުރުން ކީގަން ވަނީ ހެމްބާގާއެކު ބަންޑަސްލީގާވެސް ހޯދައިފައެވެ.

ކީގަން ވަނީ 1978 ވަނަ އަހަރާއި 1979 ވަނަ އަހަރު ބެލޮންޑިއޯ ހޯދައިފައެވެ. އިންގްލެންޑާއެކު ކީގަން ވަނީ 63 މެޗުން 21 ގޯލް ޖަހައިފައެވެ.