ރާއްޖެއަށް ކުރި ސްކޫލް ދަތުރެއްގެ ތެރޭގައި މަރުވި ސިންގަޕޫރަށް ނިސްބަތްވާ ޖެނާ ޗަން (15އ) ގެ އާއިލާއިން، އެ ކުއްޖާ ކިޔެވި ސެއިންޓް ޖޯސެފް އިންސްޓިޓިއުޝަން އިންޓަނޭޝަނަލް (އެސްޖޭއައިއައި) އާ ދެކޮޅަށް ދައުވާކޮށްފިއެވެ.
މީގެ ގާތްގަނޑަކަށް ދެ އަހަރު ކުރިން، ނޮވެމްބަރު 2023 ގައި ހިނގި މި ހާދިސާގައި 15 އަހަރުގެ ޖެނާ މަރުވީ އދ. ދިގުރަށް ކައިރިން ފެހުރިހި ބަލަން މޫދަށް ފޭބި ވަގުތު، އޭނާ ދަތުރުކުރި ދޯނީގެ ބުރަފަތީގައި ޖެހިގެންނެވެ.
ޖެނާގެ އާއިލާއިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މި މައްސަލަ ކޯޓަށް ހުށަހަޅަން ނިންމީ ހާދިސާ ހިނގި ގޮތުގެ ފުރިހަމަ މައުލޫމާތު ހޯދުމަށް ވޭތުވެދިޔަ 20 މަސްދުވަހު ކުރި މަސައްކަތުން އެއްވެސް އަލިމަގެއް ފެނިފައި ނުވާތީ ކަމަށެވެ. އަދި ސްކޫލުން އެ މައުލޫމާތުތައް ހިއްސާކުރުމަށް އިންކާރުކޮށްފައިވާ ކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މިފަދަ ހިތާމަވެރި ހާދިސާއެއް ދެން އެހެން އެއްވެސް ކުއްޖަކަށް ދިމާނުވާނެކަން ކަށަވަރުކުރަން. ސްކޫލުން އެދެވޭ ޖަވާބެއް ނުލިބި ދޮޅު އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ،" އާއިލާއިން ބުނެފައިވެއެވެ.
އެ ދަތުރުގައި ޖެނާއާއެކު ބައިވެރިވި ޓީޗަރުންނާ ބައްދަލުކޮށް ސުވާލުކުރުމުގެ ފުރުސަތު ސްކޫލުން ދީފައި ނުވާކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ. ޖެނާގެ 17 ވަނަ އުފަންދުވަހާ ދިމާކޮށް މި މައްސަލަ ކޯޓަށް ހުށަހެޅިއިރު، އާއިލާއިން ބަދަލުގެ ގޮތުގައި އެދެނީ ކޮން ކަމަކަށް ކަމެއް އަދި ހާމައެއް ނުކުރެއެވެ.
މި ހާދިސާ ހިނގި ދުވަހު ޖެނާ މޫދަށް ފޭބިތާ މާގިނަ އިރުތަކެއް ނުވަނީސް ބުރަފަތީގައި ޖެހި، އޭނާގެ ހަށިގަނޑުން ގިނަ އަދަދަކަށް ލޭ ބޭރުވުމުގެ ސަބަބުން ވަނީ މަރުވެފައެވެ. ދިގުރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް މެޑިކަލް ރިޕޯޓުތަކުން ދައްކައެވެ.
މުހައްމަދު އިޝާން
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކޮމެންޓް