މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫއުގެ ދަށުން، އެ ތަނުގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލް ތަރައްގީކުރުމުގެ މަސައްކަތް ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ކެޕްޓަން ހުސެއިން ޝަފީގެވެ. ސީއެޗްއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު މާއޯ ބާއޯ އެވެ.

އެމްޕީއެލުން ބުނީ އެ އެއްބަސްވުމުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ބައިނަލްއަގުވާމީ މުދާ އުފުލާ ކޮންޓެއިނަރު ބޯޓުފަހަރަށް ހާއްސަކޮށްގެން 14.6 މީޓަރު ފުންމިނުގެ 375 މީޓަރު ދިގު ކީ-ވޯލްއެއް ހެދުން ހިމެނޭ ކަމަށެވެ. އަދި ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގައި ބޭނުންކުރާ އުޅަނދުފަހަރަށް ހާއްސަކޮށް ފަސް މީޓަރު ފުންމިނުގެ 820 މީޓަރު ދިގު ކީ-ވޯލްއެއް ހެދުމަށް ވެސް ވަނީ އެއްބަސްވެފައިކަމަށް އެމްޕީއެލުން ބުންޏެވެ.

އެ މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސް ދާއިރާގެ ކުރިއެރުމާ އެއްވަރަށް ބަނދަރުގެ ވަސީލަތްތައް ފުޅާކޮށް، މުދާ އުފުލައި ބޭލުމުގެ ނިޒާމު އަވަސްކުރުން ކަމަށް އެމްޕީއެލް އިން ބުންޏެވެ.

މާލޭ ވިޔަފާރި ބަނދު، ތިލަފުށިއަށް ބަދަލުކުރުމުގެ މަސައްކަތް މިއަންނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހަށް ނިންމުމަށް އެމްޕީއެލުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެ މަޝްރޫއުގެ ބައެއް މަސައްކަތްތައް މިދިޔަ މަހުގެ އެއްވަނަ ދުވަހު ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައެވެ. އެއީ 100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލްއަކާއި، ތިން ހެކްޓަރުގެ ސަރަހައްދެއް ޕޭވްކުރުމުގެ މަސައްކަތެވެ.

މުޅި މަޝްރޫއު އެއްކޮށް ނިމޭއިރު ތިލަފުށީ ބަނދަރުގައި 1,000 މީޓަރަށްވުރެ ދިގު ބައިނަލްއަގުވާމީ ކީ-ވޯލްއެއްގެ އިތުރުން، މާލޭގެ ނޯތު ހާބަރާއި ސައުތު ވެސްޓް ހާބަރު ބޭނުންކުރާ އުޅަނދުތަކަށް ހާއްސަކޮށް 2,000 މީޓަރަށްވުރެ ދިގު ކީ-ވޯލް ހިމެނޭ ޑޮމެސްޓިކް ޓާމިނަލެއް ގާއިމުވެގެންދާނެއެވެ.