"އެމެރިކާއާއި ކެނެޑާ އަދި މެކްސިކޯގައި ނިމިގެންމިދަނީ ހަމައެކަނި އެންމެ ފުރިހަމަ ވޯލްޑް ކަޕެއް ނޫން. މިއީ އިންސާނީ ތާރީހު ދުށް އެންމެ ވަރުގަދަ އިޖުތިމާއި، ސަގާފީ އިވެންޓް. އަދި އަހަރެމެން އެންމެން ބައިވެރިވެގެން މި އިވެންޓް މި ކުރިއަށް ދިޔައީ،" މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކަމަށް ވިދާޅުވެ، ފީފާގެ ރައީސް އިންފަންޓީނީ ތައުރީފުކުރެއްވިއެވެ.
އޭގެފަހުން އިންފަންޓީނޯ ޝުކުރު ބަންޑުންކޮށްލެއްވީ އޭނާގެ ގާތް އެކުވެރިޔާ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވޯލްޑް ކަޕަށް ފޯރުކޮށްދިން އެހީތެރިކަމަކަށެވެ. ވޯލްޑް ކަޕް ޓްރަމްޕާ ނުލައި ކާމިޔާބު ނުވީސްކަމަށް އޭނާ ވިދާޅުވިއެވެ. އިންފަންޓީނޯ ވިދާޅުވީ "އެމެރިކާއާއި ދުނިޔޭގެ އިތުރުން ފީފާއަށް މިހާރުވެސް ކާމިޔާބުވެއްޖެ،" ކަމަށާއި، އެތައް ބިލިއަން ބަޔަކު ވޯލްޑް ކަޕުން އެކުވެރިވެސް ކުރެވިއްޖެ ކަމަށެވެ.
އެ ވާހަކަތައް އިންފަންޓީނޯ ވިދާޅުވި ނަމަވެސް، ބަލަން ތިބި، އިންސާފާއި ހަމަ ގަބޫލުކުރާ އެންމެނަށްވެސް މި ވޯލްޑް ކަޕްގައި ފެނުނު ހަމައެކަނި ރަނގަޅު މަންޒަރަކީ ދަނޑުމަތީގައި ތަރިން ދެއްކި ވާދަވެރިކަމާއި ފުޓުބޯޅަ ކަމަށް ބުނެވިދާނެއެވެ. އެތައްކަމެއް ގޯސްކޮށް ދިޔަ ނަމަވެސް، މެޗުތައް ބަލަން ހަގީގީ ސަޕޯޓަރުން ޝައުގުވެރިވީ ވާދަވެރި ފުޓުބޯޅައަކަށެވެ.
އެހެންނަމަވެސް އެމެރިކާއިން ހޭވި ހަޑިތައް އެއްވެސް ހާލެއްގައި ހަނދާން ނައްތައެއް ނުލެވޭނެއެވެ. ވިސާގެ މައްސަލަތަކުން ގޮސް، އަގުތައް އިންތިހާއަށް ބޮޑުވުމެވެ. ރެފްރީގެ ނިންމުމެއް އަނބުރާލުމަށް އެމެރިކާ ރައީސް ޓްރަމްޕް ކުރެއްވި ފޯނު ކޯލާއެކު ރަތް ރޮނގެއް ހުރަސް ކުރުމެވެ. ހަމައެއާއެކު އިރާނަށް ކަންކުރި ބޭއިންސާފު ގޮތާއި، ދިން އިންޒާރުތަކެވެ. އިންފަންޓީނޯ އެކަންކަން ހަނދާނުގައި ނެތަސް، މިއީ ތާރީހުގައިވެސް އެންމެ ބޮޑު ހަޑިއެއް ހޭވި އެއް ވޯލްޑް ކަޕެވެ. އެމެރިކާގެ ހޫނާއި ވިއްސާރަވެ ވިދާ ގުގުރުމުން މެޗުތަކަށް ދިމާވި ކަންތަކުން ގޮސް ހައިޑްރޭޝަން ބްރޭކަކީ ފާޑުކިޔުންތައް އަމާޒުވި އެތައް ކަމެކެވެ. މިއީ ތާރީހުގައި އެންމެ ތިމާވެއްޓާ ބީރަށްޓެހި، ޓީމުތަކަށް އިންތިހާއަށް ބުރަބޮޑުވި ވޯލްޑް ކަޕެއްވެސް މެއެވެ.
އިރާނަށް ބޭއިންސާފު
އިރާނަށް މިއީ އެތައް ތަކުލީފެއްގެ ވޯލްޑް ކަޕެކެވެ. އިރާނުން މާކުރިންވެސް މިފަހަރު ވޯލްޑް ކަޕްގައި ނުކުޅެން އޮތީ ނިންމައިފައެވެ. އެއީ ފެބްރުއަރީ މަސް ތެރޭގައި އެމެރިކާއާއި އިޒްރޭލް އެކުވެގެން، އެ ދެގައުމުގެ އިސް ނެގުމާއެކު އިރާނާ ދެކޮޅަށް ހަނގުރާމަ ފަށައި، އެގައުމުގެ ރޫހީ ލީޑަރު އަވަހާރަ ކޮށްލުމުގެ އިތުރުން އެތައް ކުދީންނެއް ޝަހީދުކޮށްލައި، ލާއިންސާނީ ޖަރީމާތައް ހިންގާފައިވާތީއެވެ. އިރާނުން މި މުބާރާތަށް ނުކުތީ އެ ހުރިހާ ހަނދާންތަކާ އެކުގައެވެ. ވޯލްޑް ކަޕަށް ދިޔައީ ޖެކެޓުގައި ހާއްސަ ނިޝާނެއްވެސް ހަރުކޮށްގެންނެވެ. އެއީ އެމެރިކާއާއި އިޒްރޭލް އިސްވެ، ސްކޫލަކަށް ދިން ހަމަލާގައި ޝަހީދުކޮށްލި، 120 ކުދިންގެ ހަނދާނުގައެވެ.
މިއީ 1930 ވަނަ އަހަރަށްފަހު ހޯސްޓް ގައުމުން ހަނގުރާމަ އިއުލާނު ކޮށްފައިވާ ގައުމެއް، ވޯލްޑް ކަޕްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. އެއާއެކު އެމެރިކާއިން އިރާނަށް ހެދީ ހިތުހުރި ގޮތެކެވެ.
އިރާނަށް އެމެރިކާގެ ވިސާވެސް ނުދީ އެތައް ގޮތަކުން ފިއްތިއެވެ. ދިންއިރު ދިނީ މެޗެއް ކުޅެވޭނެ ހާލަތަކަށްވެސް ނޫނެވެ. އިރާނުން ފުރަތަމަ އެދުނީ އެގައުމުގެ މެޗުތައް މެކްސިކޯއަށް ބަދަލު ކޮށްދިނުމަށެވެ. އެއީ ގްރޫޕް ސްޓޭޖު ހުރިހާ މެޗެއް އެމެރިކާގައި ކުޅެން ޖެހިފައި އޮތުމުންނެވެ. އޭރު އިރާނުން ފުރަތަމަ ކޭމްޕް ކުރަން އޮތީ އެމެރިކާގެ އެރިޒޯނާގައި ނަމަވެސް، ވިސާގެ މައްސަލަތައް ދިމާވާނެތީ ފީފާއަށް އެދިގެން އިރާނުން ވަނީ ކޭމްޕް، މެކްސިކޯގެ ތިޖުއާނާއަށް ބަދަލު ކޮށްފައެވެ.
ތުރުކީގެ ކޭމްޕަށްފަހު ވޯލްޑް ކަޕަށް ދާ ދުވަސް ޖެހުނުއިރުވެސް އެމެރިކާއިން ވިސާއެއް ނުދިނެވެ. އެއީ އިރާނުން މެކްސިކޯއަށް ދިޔަ ސަބަބެވެ. މެކްސިކޯގެ ރައީސާ ޝެއިންބައުމް އިރާން ބަލައިގަތީ މަރުހަބާއާ އެކުގައެވެ. އެއީ ފީފާގެ ރައީސް އިންފަންޓީނޯ މުބާރާތުގެ ކުރިން ވިދާޅުވީ އެންމެނަށް މަރުހަބާ ކިޔާނެކަމުގެ ވައުދުގެވެސް މަތިންނެވެ. އެ ވައުދު ނަގަހައްޓަން އެމެރިކާއިން ކުރީ އިންކާރެވެ. ފީފާގެ ޕީސް ޕްރައިޒް ހިބަކޮށް އެރުވި ޓްރަމްޕެވެ.
ފަހުވަގުތު މެޗު ކުޅެން ދާން، ޝަރުތުތަކާއެކު އިރާން ކުޅުންތެރިންނަށް ވިސާ ދިން އިރު، އިރާނަށް ޖެހުނީ ކޮންމެ މެޗެއް ނިމްމާ ގޮތަށް ރިކަވަރީއަކަށް މަޑުވެސް ކޮށްނުލައި މެކްސިކޯއަށް ދާށެވެ. މެޗުގެ ދެ ދުވަސް ކުރިން އެމެރިކާއަށް ދިޔަވެސް ނުދިނެވެ. އެވަރުން ނުވެގެން އިރާން ސަޕޯޓަރުންނަށް ހާއްސަކޮށްފައިވާ ވޯލްޑް ކަޕްގެ ޓިކެޓްތައް ފަހުވަގުތު ކެންސަލް ކޮށްފައިވާ ކަމަށް އިރާން ފުޓުބޯޅަ އިދާރާއިން ބުނެފައިވެއެވެ.
އިރާނުން އެތައް އޮފިޝަލުންނެއް ނުލައި ވޯލްޑް ކަޕް ނިންމާލީ ގްރޫޕް ސްޓޭޖުގެ ތިން މެޗުން އެއްވަރުވެ، ހިތްދަތިކޮށް ކަޓައިގެންނެވެ. އެ ކެޓުމުގެ ފަހަތުގައި ވަނީ ނާއިންސާފެވެ. އިރާންގެ ކެޕްޓަން މެހްދީ ތަރޭމީ މުބާރާތުން ވަކިވެގެން ދަމުން ބުނީ ފީފާއަކަށްވެސް އިރާނަށް ހައްލު ހޯދައިނުދެވުނު ކަމަށެވެ. އިރާން ދިޔައީ ނަމޫނާ މަންޒަރަކާއެކު އެމެރިކާއަށް ޝުކުރު އަދާކޮށްފައި ނަމަވެސް، ފީފާއަށް އިރާންގެ ކަންކަން ހައްލުކުރަން އެމެރިކާއަށް ޕްރެޝަރެއްވެސް ނުކޮށްލެވުނެވެ. އެހެންވީމަ އެންމެން ބައިވެރިކޮށް، އެންމެންނަށް ހަމަހަމަކޮށް ކަން ކުރުމަށް ދޭން ޖެހެނީ ސުމެކެވެ.
ޓްރަމްޕްގެ ކޯލަކާއެކު ރަތް ކާޑު މައާފުކުރުން
ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގައި އެމެރިކާއިން ބޮސްނިއާ ބަލިކޮށް، ގަދަ 16 ޔަގީންކުރި މެޗުގައި ރަތް ކާޑު ދެއްކި އެމެރިކާގެ އިތުބާރު ފޯވަޑް ފޮލާރިން ބަލޮގަންއަށް ބެލްޖިއަމާ ދެކޮޅަށް ކުޅެވޭނެ ގޮތް ފީފާއިން ހެދިއެވެ. އުމުރުން 25 އަހަރުގެ ބަލޮގަންއަށް އެ މެޗުގައި ރަތް ކާޑު ދެއްކީ ބޮސްނިއާގެ ޑިފެންޑަރު ޓަރިކް މުހަރެމޮވިޗް ފައިގެ ކުޑަހުޅު މައްޗަށް އެރުމުން، އެއީ ނުރައްކާތެރި ކުޅުމެއް ކަމަށް ނިންމައިފައެވެ.
ކުއްލިއަކަށް އެ ރަތް ކާޑުގެ އެއް މެޗު ސަސްޕެންޝަން އަހަރެއް ދުވަހަށް ސަސްޕެންޑެޑް ބޭންއަކަށް ހަދަން ނިންމީ ފީފާގެ ޑިސިޕްލިނަރީ ކޮމިޓީންނެވެ.
"އަހަރެން ރިޕްލޭ ބެލިން، އެއީ ފައުލެއްވެސް ނޫން. އެއީ ބޮޑު ބޭއިންސާފެއް. އެހެންވެ އަހަރެން ގުޅާފަ ބުނިން އެ ކާޑު އަލުން ބަލައިދޭން،" ޓްރަމްޕް، ރަތް ކާޑު ކަންތަކުގައި ފީފާގެ ރައީސް އިންފަންޓީނޯއަށް ގުޅިކަމަށް ޔަގީންކޮށްދެމުން ވިދާޅުވިއެވެ.
އެ ކޯލުން ދައްކައިދިނީ އެތައް ބައެއްގެ ނަފުރަތު އަމާޒުވެފައިވާ، ދުނިޔޭގެ ހަމައިން ބޭރުވެފައިވާ ޓްރަމްޕް އަޅުވެތިކަމުގައި ފުޓުބޯޅަ އޮތް މިންވަރެވެ. ޔޫއެފާއިން ނެރުނު ބަޔާނުގައި ބުނީ ފީފާއިން އެ ހުރަސްކުރީ ރަތް ރޮނގެއް ކަމަށެވެ.
އެހެން ބައެއް ރަތް ކާޑުތަކަށް އިތުރު މެޗުތަކުގެ ސަސްޕެންޝަން އަދަބު ދިނުމަށްފަހު ފީފާއިން އެމެރިކާގެ ބަލޮގަންއަށް އަދަބު ލުއިކުރިއެވެ. ބެލްޖިއަމް އެފްއޭއިން އެކަމާ ހަނގުރާމަ ކުރި ނަމަވެސް ގަދަ 32 ގެ މެޗުގައި ބަލޮގަން ކުޅުނެވެ. އެކަމަކު ތަފާތު ބޮޑުކޮށް މޮޅުވީ ބެލްޖިއަމެވެ. އުފާފާޅުކުރީ ޓްރަމްޕްގެ ހާއްސަ ނެށުމުންނެވެ.
ފުޓުބޯޅައިގެ އުސޫލު ފުނޑާލަމުން އެކަންވެސް އިންފަންޓީނޯ ދިފާއުކުރެއްވީ، އެކަމުގައި އެއްވެސް އަތެއް ނޯންނާނެ ކަމަށް ބުނެއެވެ. އެކަން އެއްވެސް ހަމައަކުން ގަބޫލުކުރެވެން ނެތުމުން އެއީ އިންފަންޓީނޯއަށްވެސް "ރަތް ކާޑު" ދައްކަން ޖެހޭ މައްސަލައެކެވެ.
ތިމާވެއްޓާ ބީރަށްޓެހި ވޯލްޑް ކަޕެއް، އަގުބޮޑު ވޯލްޑް ކަޕެއް
މިފަހަރު 48 ގައުމާއެކު 103 މެޗު މިހާތަނަށް ކުޅެވިފައިވާ އިރު، މިރޭ އޮންނާނީ ވޯލްޑް ކަޕްގެ 104 ވަނަ މެޗެވެ. އެންމެ ބޮޑު ވޯލްޑް ކަޕެވެ. ތިން ގައުމެއްގައި ހޯސްޓް ކުރުމުންވެސް މުބާރާތް އިތުރަށް ބޮޑުވެ، އަގުވެސް ބޮޑުވެގެން ދިޔައެވެ.
ގްރޫޕް ސްޓޭޖުގެ 72 މެޗު ނިމިގެން ދިޔަ އިރު، ޖުމުލަ 24 މެޗު ބަލަން، 27 ދަތުރެއް ފީފާގެ ރައީސް އޭނާގެ ޕްރައިވެޓް ޖެޓުގައި ކުރިއެވެ. ވޯލްޑް ކަޕް ތެރޭގައި އެ ޖެޓުގެ ދަތުރުތައް ފީފާއިން ހާމަނުކުރި ނަމަވެސް ބީބީސީން ވަނީ އެ ޖެޓްގެ ނަމްބަރު ޖީ650އީއާރް ފްލައިޓް ރާޑާއިން ޓްރެކް ކޮށްފައެވެ. އެގޮތުން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އޭނާ ޖުމުލަ 27 ދަތުރެއް ކުރި އިރު، އެންމެ ދުރު ދަތުރަކަށް ކުރީ ކެނެޑާގެ ވެންކޫވާއިން އެމެރިކާގެ މިޔާމީއަށް ކުރި 2800 މޭލުގެ ދަތުރެކެވެ.
ބީބީސީން ބުނެފައި ވަނީ އިންފަންޓީނޯގެ ޕްރައިވެޓް ޖެޓް ގަޑިއިރަކަށް 1817 ލީޓަރުގެ ތެޔޮ އަންދާ ކަމަށެވެ. މާނައަކީ ހަމައެކަނި ގްރޫޕް ސްޓޭޖުގެ އެކަނި ދަތުރުތަކަށްވެސް 516 ޓަނުގެ ކާބަންޑައިއޮކްސައިޑް އިކުއިވަލެންޓް (ސީއޯ2އީ) އެ ޖެޓުން ބޭރުވެފައިވުމެވެ. އެއީ އިނގިރޭސިވިލާތުގެ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑަށް ބަލައިގެންނެވެ. އެއީ އަންދާޒާއެކެވެ. އަދި އެހެނިގެން ގޭސްތަކާއެކު އެ ދަތުރުތަކުން ތިމާވެއްޓަށް ލިބުނު ސީދާ ގެއްލުން ބުނެދޭކަށް ނޭނގޭނެއެވެ.
ފީފާއިން 2030 ވަނަ އަހަރާ ހަމައަށް، މިހާރު ބޭރުކުރާ ކާބަން 50 ޕަސެންޓް ކުޑަކޮށް، 2040 ވަނަ އަހަރު ނެޓް ޒީރޯއަށް ޓާގެޓް ކޮށްފައިވާ އިރު، މިފަހަރު ވޯލްޑް ކަޕް ވެފައި ވަނީ އެކަމުގެ ބޮޑު ފެއިލިއާއަކަށް ކަމަށް ކަމާބެހޭ މާހިރުން ފާހަގަކޮށްފައިވެއެވެ.
މިއީ ފީފާއާއި ބްރޯޑްކާސްޓަރުންނަށް މާލީ މަންފާ އެންމެ ބޮޑު ވޯލްޑް ކަޕް ނަމަވެސް، މެޗުތަކަށް ސަޕޯޓަރުން ކުރަން ޖެހުނު ހޭދަ ވަނީ 3000 ޑޮލަރުން 5000 ޑޮލަރަށް އަރައިގެންގޮސްފައެވެ. ވޯލްޑް ކަޕް ފައިނަލަށް ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމް ތައްޔާރުވެފައިވާ އިރު، އެ ފައިނަލްގެ ޓިކެޓެއްގެ އެވްރެޖް އަގަކީ 32،970 ޑޮލަރު ކަމަށް ހަބަރުތައް ބުނެއެވެ. އޭގެ ތެރެއިން ބައެއް ޓިކެޓުގެ އަގު ރިސޭލް މާކެޓްގައި 2 މިލިއަން ޑޮލަރަށްވެސް އަރައިގެން ގޮސްފައިވެއެވެ.
ޓިކެޓް އަގުތަކުގެ އިތުރުން ނިއު ޖާޒީއަށް 30 މިނެޓުން ދެވޭ ރޭލު ދަތުރެއްގެ އަގުވެސް ވޯލްޑް ކަޕަށް 150 ޑޮލަރަށް އަރައިގެން ދިޔައެވެ. އެއީ ކުރިން ދެކޮޅު ދަތުރު 12.90 ޑޮލަރަށް ކުރެވޭ ދަތުރެކެވެ. އެކަމަށް ފާޑުކިޔުން އަމާޒުވުމުން އަގު ކުޑަކުރި ނަމަވެސް ކުރީގެ އަގަކަށް އެއްވެސް ރޭލު ދަތުރެއްގެ އަގު ވެއްޓިފައެއް ނުވެއެވެ.
އެހެންކަމުން ސަޕޯޓަރުންނަށްވެސް މިއީ ތަކުލީފުތަކުގެ ވޯލްޑް ކަޕެކެވެ. ތިމާވެށީގެ މައްސަލައާއި އަގަށްވެސް "ޔޫ" އެކެވެ.
މޫސުމުގެ ސަބަބުން ވޯލްޑް ކަޕްގައި ދެމެޗަކަށް ބޮޑެތި އަސަރުތަކެއް ކުރި އިރު، ހޫނު ގަދަކަމުން ގެނައި ހައިޑްރޭޝަން ބްރޭކްވީ ފުޓުބޯޅައާ ދުރު ސަގާފަތަކަށެވެ. އެކަންކަމަށް ފާޑުކިޔުން އަމާޒުވެފައިވާ އިރު، ދަނޑުތަކުގެ ވިނަގަނޑަށްވެސް ފާޑު ކިޔުން އަމާޒުވިއެވެ. މޫސުމުގެ ސަބަބުން ތަމްރީނުތައް ކެންސަލްވެފައިވާ އިރު، ޓީމުތައް ކުރަން ޖެހުނު ދަތުރުވެސް އިންތިހާއެވެ. ސެމީއަށް ދިޔަ އިންގްލެންޑުން މުބާރާތުގެ ތެރޭގައި ގާތްގަނޑަކަށް 14،365 މޭލުގެ ދަތުރުކުރަން ޖެހުނު އިރު، ސްޕެއިންވެސް ވަނީ ގާތްގަނޑަކަށް 12000 މޭލުގެ ދަތުރު ކޮށްފައެވެ. އެހެންކަމުން ޓީމުތަކުގެ ވަރުބަލިކަންވެސް ބޮޑުވިއެވެ.
ގަތަރު ވޯލްޑް ކަޕާ އަޅައިބަލާ އިރު، ސަޕޯޓަރުންނާއި ފުލުހުން ކުރިމަތިލި އަދަދުވެސް މާބޮޑުތަނުން އިތުރެވެ. އޮންލައިން ނަސްލީދިމާކުރުންވެސް މާ ގިނައެވެ. އެހެންކަމުން އެ ހުރިހާ ކަމަކަށް ބަލައި، މިއީ ތާރީހުގައި އެންމެ ފުރިހަމަ އިވެންޓް ކަމަށް ބުނެވޭނެ ޖާގަ ކުޑައެވެ. ހަގީގަތުގައި ހޯސްޓް އެމެރިކާއަށް ދޭން ޖެހެނީ ހަމަ ޔޫ ސެޓެކެވެ. އެއީ އެތައް މިލިއަން ސަޕޯޓަރުންނެއް ދަނޑަށް ވަދެ، އެތައް ފޯރިއެއް ނަގައި އެތައް ފައިސާއެއް ފީފާއަށް ދީގެން ވިޔަފާރި ކާމިޔާބުވި ނަމަވެސްއެވެ.
މުޙައްމަދު ޝަމްޢޫން
ފީފާ
ފީފާ
ފީފާ
ފީފާ
ކޮމެންޓް