ދުނިޔޭގެ ޗެމްޕިއަން އަދި ދެކުނު އެމެރިކާގެ ޗެމްޕިއަނުންނާއި ޔޫރަޕްގެ ޗެމްޕިއަނުންގެ ކުރިމަތިލުމެކެވެ. ދުނިޔޭގެ އެންމެ ބޮޑު ފައިނަލެވެ. ސްޕެއިނާއި އާޖެންޓީނާވެސް ފައިނަލަށް ނުކުންނަނީ ތާރީހީ އެތައް ސަފުހާއެއް ލިޔެލުމަށެވެ. ވޯލްޑް ކަޕް ފައިނަލަކީ އެކަހަލަ އެއްޗެކެވެ. އެއީ އަބަދުވެސް ތާރީހީ ސަފުހާއެކެވެ. އެންމެ މެޗަކުން ގައުމެއްގެ ފުޓުބޯޅަ ބަދަލުވެގެން ދާނެއެވެ. ވޯލްޑް ކަޕެއްގެ ތަށްޓަކީ ހަމައެކަނި އެޓީމެއްގެ ކާމިޔާބީއަކަށްވުރެ ބޮޑަށް މުޅި ގައުމުގެ ކާމިޔާބީއެކެވެ. އެ ކާމިޔާބީއަށް ފޫގަޅައިގެން ދެ ޓީމުގެ މުގުލުގައި ތިބީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ދެ ކޯޗުންނޭ ބުނެވިދާނެއެވެ. ދެބަސްވުންތަކަކާއެކުވެސް އެކަމަށް އެއްބަސްވާން ޖެހޭ ހާލަތަކަށް ވޯލްޑް ކަޕް ފައިނަލްވާނެއެވެ. ސްޕެއިން ގޮވައިގެން ނުކުންނަނީ "ޕްރޮފެސަރު" ލުއިސް ޑެ ލަ ފުއަންޓޭއެވެ. އާޖެންޓީނާ ގޮވައިގެން ނުކުންނަނީ އޭނާގެ ދަރިވަރެއް ކަމަށްވާ ލިއޮނަލް ސްކަލޯނީއެވެ.
ސްޕެއިނުން 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ހޯދި ކާމިޔާބީ ތަކުރާރުކޮށް، 16 އަހަރު ފަހުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދަން މިރޭ މެޓް ލައިފް ސްޓޭޑިއަމަށް ނުކުންނަ އިރު، ވާދަވެރި އާޖެންޓީނާގެ އޮތީ އެހެން ވިސްނުމެކެވެ. އާޖެންޓީނާއިން 2022 ވަނަ އަހަރު ތަށި ހޯދައި، އެ ތަށި ދިފާއުކުރަން ނުކުންނަނީ ތާރީހީ ބޮޑު ފައިނަލަކަށެވެ. 1962 ވަނަ އަހަރު ބްރެޒިލަށްފަހު އަދި އެއްވެސް ގައުމަކަށް ވޯލްޑް ކަޕް ދިފާއުކުރެވިފައެއް ނުވެއެވެ. އެހެންކަމުން ހާލަތު ތަފާތެވެ. އެހެން ނަމަވެސް އެކިއެކި ގޮތްގޮތުން ދެގައުމުގެ ގުޅުން ބޮޑެވެ. ހާއްސަކޮށް ކޯޗުންނަށް ފައިނަލް ހާއްސަވީ، ތަފާތު ގުޅުމަކުންނެވެ.
ފައިނަލަށް ދިޔަ ހިސާބުންވެސް ޑެ ލަ ފުއަންޓޭއަށް މެޗު ހާއްސަވީ ސްކަލޯނީއާ ހެދި
ސްޕެއިނުން ސެމީ ފައިނަލުގައި ވަރުގަދަ ފްރާންސް ބަލިކުރީ 2-0 އިންނެވެ. އަނެއްކޮޅުން އާޖެންޓީނާއިން އެޓީމުގެ ވަރުގަދަ ރޫހުގައި އިންގްލެންޑް ބަލިކުރީ ފަހަތުން އަރައި 2-1 އިންނެވެ. ސްޕެއިނުން ފުރަތަމަ ސެމީ ނިންމި ހިސާބުންވެސް ޑެ ލަ ފުއަންޓޭ ބުނީ "އާޖެންޓީނާއާ ކުޅެލަން ޖެހުމަކީ އުފާވެރިކަމަކަށް ވާނެ،" ކަމަށެވެ.
އެއީ މެޗު ފަސޭހަވާނެ ކަމަށް އުމުރުން 65 އަހަރުގެ ޑެ ލަ ފުއަންޓޭ ބުނި ބުނުމެއް ނޫނެވެ. އެކަން ގުޅެނީ އެކުވެރިކަމާއި ގާތް ގުޅުމަށެވެ. ސްކަލޯނީއަކީ މީގެ އަހަރުތަކެއް ކުރިން ޑެ ލަ ފުއަންޓޭގެ ދަރިވަރެކެވެ. 2017 ވަނަ އަހަރު ސްކަލޯނީ ކުޅުންތެރިއެއްގެ ކެރިއަރު ނިންމާލައި، ކޯޗިންނަށް ނުކުންނަން މަސައްކަތް ފެށީ ސްޕެއިންގައެވެ.
ސްޕެނިޝް ފުޓްބޯލް އެސޯސިއޭޝަން (އާރްއެފްއީއެފް) ގެ ކޯޗިން އެކަޑެމީން ސްކަލޯނީ ތަމްރީނުވާން ފެށީ ލަސް ރޯޒާސްއިންނެވެ. ސްކަލޯނީއަށް ކޯހުގައި އެއް މޮޑިއުލް ކިޔަވައިދޭން ދިޔައީ މިހާރު ސްޕެއިންގެ ކޯޗު ޑެ ލަ ފުއަންޓޭއެވެ. އޭރުވެސް ޑެ ލަ ފުއަންޓޭއަކީ ސްޕެއިންގެ ޔޫތު ޓީމެއްގެ ކޯޗެވެ. އޭރު ޑެ ލަ ފުއަންޓޭ ކިޔަވައިދިން ސްކަލޯނީ މިއަދު ގައުމީ ޓީމާއެކު ފައިނަލަށް ނުކުތުން އެއީ ވިސްނުމަން އަންނާނެކަމެއް ނޫންކަން ޔަގީނެވެ.
"ލަ ރޯޒާސްގައި ކޯޗިން ހެދި ހުރިހާ ކޯޗުންނަށްވެސް ލުއިސްއަކީ ވަރަށް ބޮޑަށް އެހީތެރިވި ކޯޗެއް. އަހަރެން އަބަދުވެސް ލުއިސްއާ ގާތް ގުޅުމެއް ބާއްވަން. އަދި އަބަދުވެސް ކާމިޔާބީއަށް އެދެން،" ސްކަލޯނީ 2024 ވަނަ އަހަރު ކޮޕާ އެމެރިކާގެ ތެރެއިން ޑެ ލަ ފުއަންޓޭއާ ގުޅޭ ގޮތުން ބުންޏެވެ.
އެއީ ހަމައެކަނި އެއްކޮޅުން ކުރި ތައުރީފެއްވެސް ނޫނެވެ. ޑެ ލަ ފުއަންޓޭ ދެކޭ ގޮތުގައި ސްކަލޯނީއަކީ އޭނާގެ އެންމެ ވަރުގަދަ އެއް ދަރިވަރެވެ. ސްކަލޯނީއަކީ "މާސްޓާ"އެއް ކަމަށް ޑެ ލަ ފުއެންޓޭ ބުންޏެވެ. އަދި އޭނާ ކިޔަވައިދިން މޮޑިއުލްއިން އެ ބެޗުން އެންމެ ރަނގަޅު މާކްސް ހޯދީ ސްކަލޯނީއެވެ. ސްކަލޯނީއަކީ އެހެން ކޯޗުންނަށްވެސް އެ ބެޗުގައި އެހީވެދިން ތޫނުފިލި ކޯޗެއް ކަމަށް ޑެ ލަ ފުއަންޓޭ ތަކުރާރުކޮށް ބުނެފައިވެއެވެ.
ސްޕެއިނާއެކު ޑެ ލަ ފުއަންޓޭ 2024 ވަނަ އަހަރު ޔޫރޯ ހޯދި އިރު، އެންމެފަހުން ދެ ފަހަރުވެސް ދެކުނު އެމެރިކާގެ ޗެމްޕިއަނަކީ ސްކަލޯނީގެ އާޖެންޓީނާއެވެ. ސަރަހައްދީ ބާރުވެރިކަން ސާބިތުކޮށްދީ އިހުތިރާމާއެކު ދެ ކޯޗުންވެސް މިރޭ ނުކުންނާނީ ދުނިޔޭގެ ތަށްޓަށެވެ. ކްލާސް ރޫމެއްގެ ތެރެއިން އެ ދިމާވި ދިމާވުން ވާދަވެރި ކަމަށް ބަދަލުވި ނަމަވެސް އިހުތިރާމް އޮންނާނެއެވެ.
ސްކަލޯނީއާއި ސްޕެއިން: ލޯބީގެ ގުޅުމެއް
ސްކަލޯނީއާއި ސްޕެއިނާ އޮތް ގުޅުން އެހިސާބުން ނިމެނީކީ ނޫނެވެ. ސްޕެއިނަކީ ސްކަލޯނީގެ ކޯޗިން ކެރިއަރުގެ ފެށުން އެކަންޏެއް ނޫނެވެ. ޒަވާޖީ ހަޔާތްވެސް ގުޅިފައި ވަނީ ސްޕެއިނާއެވެ. ސްކަލޯނީގެ އަންހެނުން އެލީސާ މޮންޓެރޯއަކީ ސްޕެއިން މީހެކެވެ. ދެމީހުން 2008 ވަނަ އަހަރު ސްޕެއިނުން ދިމާވެ، ކައިވެނިކޮށް މިހާރު ކުދިންވެސް އެބަ ތިއްބެވެ. އެ ކުދީންނާއި ސްކަލޯނީ ދިރިއުޅެނީވެސް ސްޕެއިންގެ މަޔޯކާގައެވެ.
އުމުރުން 48 އަހަރުގެ ސްކަލޯނީ ކުޅުނު ޒަމާނު، ސްޕެއިންގެ ޑެޕޮޓީވޯ ލަ ކަރޫނާއާއި ރޭސިން ސަންޓަންޑާ އަދި މަޔޯކާއަށް ކުޅުނެވެ. އެހެންކަމުން ސްކަލޯނީއަށް ސްޕެއިނާ ދުރަކަށް ނުދެވޭނެއެވެ.
"އަހަރެންގެ އާއިލާގެ އެއް ބަޔަކީ ސްޕެއިންގެ ބައެއް. އެހެންވީމަ އަހަރެން ޔޫރޯގައި ސަޕޯޓް ކުރަނީ އަބަދުވެސް ސްޕެއިނަށް،" ސްކަލޯނީ 2024 ވަނަ އަހަރު ބުންޏެވެ.
ފައިނަލަށް ސްޕެއިން ދިޔުމާއެކު އެކަމަށް މަރުހަބާ ކިޔަމުން ސްކަލޯނީ ބުނީ ޑެ ލަ ފުއަންޓޭއަށް ފައިނަލް ހައްގު ކަމަށެވެ. އަދި ސްޕެއިން ގައުމީ ޓީމުން ފެންނަ ކުޅުމާއި ކަންކަމަކީ އަމިއްލަ ޓީމުންވެސް ފެންނަން ބޭނުންވާ ކަންކަން ކަމަށް ބުނެ، ޑެ ލަ ފުއަންޓޭއަށް ސްކަލޯނީ ވަނީ އިހުތިރާމު އަދާކޮށްފައެވެ. އަދި މެޗުން މޮޅުވިޔަސް ޑެ ލަ ފުއަންޓޭއަށް ގުޅައި، ގުޅުން ބާއްވާނެ ކަމަށް ބުންޏެވެ.
އެ ފޯން ކޯލާ ހަމައަށްދާ އިރު، ހާލަތު އޮންނާނެ ގޮތެއް އެނގޭނީ މިރޭގެ ފައިނަލަށް ފަހުއެވެ.
ދެ ކޯޗުންގެ ދަތުރު ތަފާތު، ސްޓައިލްގައިވެސް ތަފާތުތަކެއް
ގައުމީ ޓީމާއެކު ދެ ކޯޗުންގެ ކާމިޔާބު ނަމަވެސް، އެ ކާމިޔާބީއާ ހަމައަށް ކުރި ދަތުރުގައި ތަފާތުތަކެއް އެބަހުއްޓެވެ. ޑެ ލަ ފުއަންޓޭއަކީ ސްޕެއިންގެ ޔޫތު ސިސްޓަމެއް ބިނާކުރުމުގެ މުގުލުގައި މުހިއްމު ދައުރެއް އަދާކުރި ކޯޗެކެވެ. ޑެ ލަ ފުއަންޓޭއާއެކު ސްޕެއިނުން ވަނީ 19 އަހަރުން ދަށުގެ އިތުރުން 21 އަހަރުން ދަށުގެ ޔޫރޯ ކާމިޔާބު ކޮށްފައެވެ. އަދި 2020 ވަނަ އަހަރު ޓޯކިޔޯ އޮލިމްޕިކްސްގައި ޑެ ލަ ފުއަންޓޭއާއެކު ސްޕެއިނުން ރިހި މެޑަލް ހޯދިއެވެ. އޭނާ ސީނިއާ ޓީމާ ހަވާލުވީ އެ މަރުހަލާގެ ތެރެއިން ގޮސްގެންނެވެ.
ސީނިއާ ޓީމާއެކުވެސް ޑެ ލަ ފުއަންޓޭގެ އެ ކާމިޔާބީއަށް މާގިނަ ދުވަހެއް ނުނަގައެވެ. 2023 ވަނަ އަހަރު ނޭޝަންސް ލީގާއި 2024 ވަނަ އަހަރު ޔޫރޯ ސްޕެއިނުން ކާމިޔާބުކުރިއެވެ. އަދި މިހާރު ޑެ ލަ ފުއަންޓޭއަށް އޮތް ފުރުސަތަކީ ވިސެންޓޭ ޑެލް ބޮސްކޭއަށްފަހު ވޯލްޑް ކަޕް ހޯދާ ސްޕެއިންގެ ފުރަތަމަ ކޯޗަށް ވުމުގެ ފުރުސަތެވެ.
އަނެއްކޮޅުން ޑެ ލަ ފުއަންޓޭގެ އެކުވެރި ސްކަލޯނީއަށް ގައުމީ ޓީމާއެކު ކުރަން ޖެހުނީ އެކަހަލަ ތަޖުރިބާއެއް ނޫނެވެ. ސްކަލޯނީ 2016 ގައި ސެވިއްޔާގެ އެސިސްޓެންޓް ކޯޗުކަމުން އާޖެންޓީނާ އެސިސްޓެންޓް ކޯޗުކަމުގައި ހުރުމަށްފަހު އެގައުމުގެ 20 އަހަރުން ދަށު ޓީމާ ހަވާލުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 2018 ވަނަ އަހަރު ސީނިއާ ޓީމު ހަވާލުކޮށްފިއެވެ.
އެއީ އެތައް ބަޔަކު ސުވާލު އުފެދުނު ނިންމުމެއް ނަމަވެސް، އެ ނިންމުން ރަނގަޅުކަން ސްކަލޯނީ ސާބިތުކޮށްދީފިއެވެ. ސްކަލޯނީއާއެކު އާޖެންޓީނާ ވެފައި ވަނީ އެގައުމު ތާރީހު ދުށް އެންމެ ވަރުގަދަ އެއް ސްކޮޑަށެވެ. 2021 ވަނަ އަހަރު ކޮޕާ އެމެރިކާގެ އިތުރުން 2022 ވަނަ އަހަރު ފައިނަލިސީމާ، ގަތަރު ވޯލްޑް ކަޕް އަދި 2024 ވަނަ އަހަރު ކޮޕާ އެމެރިކާ ސްކަލޯނީ ހޯދިއެވެ. ގައުމު އަދި ފުޓުބޯޅަ ދުށް އެންމެ މޮޅު ކުޅުންތެރިޔާ، ލިއޮނަލް މެސީއަށް ތަފާތު އުފާވެރިކަމެއް ގެނުވައިފައެވެ.
ކޮންމެއަކަސް ވޯލްޑް ކަޕެއްގެ ފައިނަލަކީ ކޯޗެއްގެ ކެރިއަރުގައިވެސް އަންނާނެ އެންމެ މުހިއްމު މެޗެވެ. ގައުމެއްގެ ތާރީހުގައިވެސް ކުޅެވޭނެ އެންމެ މުހިއްމު ފުޓުބޯޅަ މެޗެވެ. މުޅި ގައުމު ކީއްކުރަން، މުޅި ދުނިޔެވެސް ބަލާނެ މެޗެވެ. ކުޅިބައި އަތުރާލާނެ ގޮތެއް ބަލަން ތިބެމާ ހިނގާށެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް