މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.16 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 4.8 ޕަސެންޓުގެ ދަށްވުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.16 މިލިއަން ފަތުރުވެރިން އައިސްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 1.21 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ދުވާލެއްގެ މައްޗަށް އައިސްފައިވާއިރު ފަތުރުވެރިންގެ އަދަދު ހުރީ 5،893 ގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ހުރީ 6،192 ގައެވެ. މި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ ތެރޭގައި ކުރޫޒްތަކުން އައި 15،577 ފަތުރުވެރިން ހިމެނެއެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްތަކުގެ ތެރެއިން ޗައިނާ އޮތީ 190،016 ފަތުރުވެރިންނާ އެކު އެއްވަނައިގައެވެ. ދެ ވަނައިގައި 164،067 ފަތުރުވެރިންނާއެކު ރަޝިއާ އޮތްއިރު، ތިން ވަނައިގައި 91،574 ފަތުރުވެރިންނާއެކު އޮތީ އިނގިރޭސިވިލާތެވެ،

މީގެ އިތުރުން އިޓަލީން 76،549 ފަތުރުވެރިން، ޖަރުމަނުން 71،238 ފަތުރުވެރިން އަދި އިންޑިއާއިން 67،687 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ފަތުރުވެރިންގެ ތެރެއިން 72.6 ޕަސެންޓް މީހުން ޗުއްޓީ ހޭދަކޮށްފައި ވަނީ ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި 22.9 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ އިރު، އެންމެ ގިނަ ފަތުރުވެރިން ދަތުރުކޮށްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެ އެއާޕޯޓަށް 1.13 މިލިއަން ފަތުރުވެރިން އައި އިރު، އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކޮށްފައިވަނީ 4،304 ފަތުރުވެރިންނެވެ.

މި އަހަރުގެ ފަތުރުވެރިކަމުގެ ހިސާބުތައް ދަށްވި މައިގަނޑު ސަބަބެއްގެ ގޮތުގައި މެދުއިރުމަތީގެ ހަނގުރާމަ ފާހަގަކުރެވެއެވެ. މި ހަނގުރާމައިގެ ސަބަބުން މާރޗު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 20.7 ޕަސެންޓް އަދި އޭޕްރިލް މަހު 24.4 ޕަސެންޓް ދަށްވެފައިވެއެވެ. މެއި މަހު 1.7 ޕަސެންޓުގެ ކުޑަ ކުރިއެރުމެއް ފެނުނު ނަމަވެސް، ޖޫން މަހު އަނެއްކާވެސް ފަތުރުވެރިންގެ އަދަދު ވަނީ 12 ޕަސެންޓުން ދަށަށް ގޮސްފައެވެ.