ބުރު ސްޕޯޓްސް ކްލަބުގެ ކޯޗުކަމަށް ސްޕެއިންގެ ކްރިސްޓިއަން ރޮޑްރިގޭޒް ހަމަޖައްސައިފިއެވެ.

ޔުއެފާ ޕްރޯ ލައިސަންސް ކޯޗު ރޮޑްރިގޭޒް އެ ކްލަބާ ހަވާލުވިކަން ކްލަބުން މިއަދު ވަނީ ޔަގީން ކޮށްދީފައެވެ. ރޮޑްރިިގޭޒް ވަނީ މީގެ ކުރިން ޔޫއޭއީ، އޮމާންގެ އިތުރުން އިންޑިއާއާއި އުފަން ގައުމު ސްޕެއިންގައިވެސް ކޯޗިން މަސައްކަތްތަކެއް ކޮށްފައެވެ.

ރޮޑްރިގޭޒް އުފަން ގައުމުގެ ބައެއް އެކަޑެމީތަކުގައި މަސައްކަތް ކޮށްފައިވާ އިރު، އޭގެ ތެރޭގައި އެތުލެޓިކޯ މެޑްރިޑްވެސް ހިމެނެއެވެ. އޭނާ ވަނީ އެތުލެޓިކޯ މެޑްރިޑްގެ ޒުވާން ޓީމަށްވެސް ކޯޗުކަން ކޮށްދީފައެވެ. ހައި ޕާފޯމަންސް އިން ޓީމް ސްޕޯޓްސްއިން ޕްރޮފެޝަނަލް މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ ރޮޑްރިގޭޒް ވަނީ ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކޯސްތައް ހިންގާ ބާސެލޯނާގެ އެކަޑެމީގެ ކޯސްތަކެއްވެސް ފުރިހަމަ ކޮށްފައެވެ.

އެތުލެޓިކޯގެ އިތުރުން އެސްޕަނިޔޯލްގެ ޒުވާން ޓީމުގައިވެސް ރޮޑްރިގޭޒް މަސައްކަތް ކުރުމަށްފަހު އިންޑިއާގެ ގޯކުލަމް ކެރަލާގެ އެސިސްޓަންޓް ކޯޗަކަށް އޭނާ ހުރީ 2023/2024 ވަނަ އަހަރު ސީޒަނުގައެވެ.

އޭގެފަހުން އޮމާން ފުރަތަމަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ އަލް ނަހްދާގެ އެސިސްޓެންޓް ކޯޗުކަމަށްވެސް ރޮޑްރިގޭޒް ހުއްޓެވެ. އަދި ރާއްޖެ އައުމުގެ ކުރިން އެންމެފަހުން ހުރީ ޔޫއޭއީގެ ހައްޓާ ކްލަބުގެ ޔޫތު ޓީމު ކޯޗަކަށެވެ.

ބުރުގެ ކޯޗުކަމުގައި 2023 ވަނަ އަހަރުން ފެށިގެން ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ) އާއެކު އެ ކްލަބުން ހަދާފައިވާ އެއްބަސްވުން ހަމަވީ މިދިޔަ ސީޒަނުގެ ނިޔަލަށެވެ. އެއާއެކު އެ ކްލަބުން ނިންމާފައި ވަނީ އެއްބަސްވުން އިތުރަށް އާ ނުކުރުމަށެވެ.