ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) 19 އަހަރުން ދަށުގެ މުބާރާތުގެ ފައިނަލުގައި ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.

ރޭ ގައުމީ ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާއިން ނިއު ރޭޑިއަންޓް ބަލިކުރީ 4-1 ގެ ނަތީޖާ އަކުންނެވެ. މާޒިޔާއިން މިފަހަރުގެ 19 އަހަރުން ދަށު މުބާރާތްވެސް މެޗަކުން ބަލިނުވެ ކާމިޔާބު ކޮށްފައިވާ އިރު، މިދިޔަ އަހަރުވެސް އެޓީމުން ވަނީ އެ ރެކޯޑު ދަމަހައްޓައިފައެވެ. މިދިޔަ އަހަރު ފައިނަލުގައި މާޒިޔާއިން ކްލަބު އީގަލްސް ބަލިކުރީ 6-1 ގެ ނަތީޖާއަކުންނެވެ.

މާޒިޔާއިން މެޗަކުން ބަލިނުވެ މިފަހަރު މުބާރާތް ނެގީ، ހަ މެޗުން ފަސް މެޗު ކާމިޔާބު ކޮށްގެންނެވެ. ކުޅުނު މެޗުތަކުގެ ތެރެއިން މާޒިޔާއިން އެއްވަރުވީ ލީގު ބުރުގައި ނިއު ރޭޑިއަންޓާ ކުޅުނު މެޗުންނެވެ. އެއީ 3-3 ގެ ނަތީޖާއަކުންނެވެ.

ރޭ ކުޅުނު މެޗުގެ ފަސް ގޯލްވެސް ފެނުނީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގެ ކުޅުން ފެށިގެން މެޗުގެ 55 ވަނަ މިނިޓުގައި، އައިދަން އަހުމަދު މޫސާގެ މާޒިޔާއަށް ލީޑު ނަގައިދިން އިރު، 73 ވަނަ މިނިޓުގައި މާޒިޔާގެ ކެޕްޓަން މުހައްމަދު އިލާން އިމްރާން ޖެހި ގޯލުން އެޓީމު ލީޑުފުޅާކުރިއެވެ.

މެޗުގެ 80 ވަނަ މިނިޓްގައި ނިއުއަށް ލިބުނު ޕެނަލްޓީ އަކުން، އަހުމަދު ހަމްދާން އަޒްލީން އެޓީމަށް އުންމީދެއް ހޯދައިދިން ނަމަވެސް، މާޒިޔާއިން އިތުރު ވަގުތުގައި ދެ ގޯލް ޖެހިއެވެ. އެ ގޯލްތައް ޖެހީ ނައްސާހު އިބްރާހިމް ނާސިރާއި އަލްހާން ފައިސަލް އަމީންއެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީ މާޒިޔާގެ އިލާންއެވެ. އެންމެ މޮޅު ކޯޗަކަށް މާޒިޔާގެ އިބްރާހިމް ސައީދު (ކަކާ) ހޮވުނުއިރު، ފެއާޕްލޭ ޓީމަކީ ކެޔޮދުއެވެ. މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އައިދު، އިލާން، ހޫދު، މާއިލް، ނައްސާހު، ހަމްދާން، އަފްނާން، ނާޝިއު، އިޒާން، ތާއިއު އަދި އަނޫފެވެ.