އެމެރިކާއިން އީރާނަށް ދެމުންގެންދާ ހަމަލާތައް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ހުއްޓާނުލައިފިނަމަ، ރައްދުދިނުމުގެ ބަދަލުގައި ފުރިހަމަ ހަމަލާދިނުމުގެ މަރުހަލާއަކަށް އީރާނުން ބަދަލުވާނެ ކަމުގެ އިންޒާރު، އީރާނުގެ އަސްކަރީ އިސް މުޝީރު މޭޖަރ ޖެނެރަލް މުހްސިން ރިޒާއީ ދެއްވައިފިއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ، އައިއާރްއައިބީއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ އެންމެ އިސް ރޫހީ ލީޑަރުގެ އަސްކަރީ މުޝީރު ރިޒާއީ ވިދާޅުވީ، އެމެރިކާގެ ހަމަލާތައް މެދުނުކެނޑި ކުރިއަށްދާނަމަ، އީރާނުގެ އަސްކަރީ ސްޓްރެޓެޖީ ބަދަލުކުރާނެ ކަމަށެވެ. ހަމައެކަނި ރައްދުދިނުމުގެ ގޮތުން ދޭ ހަމަލާތަކަކުން އީރާނު ދެން ނުހިފެހެއްޓޭނެ ކަމަށާއި، ސިޔާސީ އެއްވެސް ސަރަހައްދީ ރޮނގަކަށް ރައްކާތެރިކަމެއް ނޯންނާނެ ކަމަށް އޭނާ އިންޒާރުދެއްވިއެވެ.
މި އިންޒާރު އައިސްފައި ވަނީ، މެދުއިރުމަތީގެ މަޝްރަހު ވަރަށް ބޮޑަށް ހޫނުވެ، އެމެރިކާއިން ވިދިވިދިގެން ހަތްވަނަ ރެއަށް އީރާނުގެ އެކި އަމާޒުތަކަށް ހަމަލާދީފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވާ ގޮތުގައި މި ހަމަލާތަކަކީ އީރާނުގެ އަސްކަރީ ގާބިލުކަން ކުޑަކުރުމަށް ދެމުންގެންދާ ހަމަލާތަކެކެވެ. ނަމަވެސް އީރާނުން ބުނާ ގޮތުގައި އެމެރިކާއިން ދަނީ އާންމުން ބޭނުންކުރާ އުމްރާނީ ވަސީލަތްތަކަށްވެސް ހަމަލާދެމުންނެވެ. އޭގެ ތެރޭގައި އެއާޕޯޓުތަކާއި، ރޭލު ސްޓޭޝަންތަކުގެ އިތުރުން ބްރިޖުތައް ހިމެނޭކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ރިޒާއީގެ މި ބަޔާނާއެކު، އީރާނުގެ އަސްކަރީ ވިސްނުން ބަދަލުވަމުންދާކަން ހާމަވެފައިވާއިރު، މިއީ ސަރަހައްދީ ހަމަނުޖެހުންތައް އިތުރަށް ގޯސްވެ، ފުޅާދާއިރާއެއްގައި ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ބޮޑުވެފައިވާ ކަމެއް ކަމަށް އަލްޖަޒީރާ ފަދަ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ. އީރާނުން މިހާރުވެސް ވަނީ ގަލްފުގެ ބައެއް ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައެވެ. އޭގެ ތެރޭގައި ކުވައިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހިމެނޭކަމަށް އައިއާރްއައިބީން ވަނީ ބުނެފައެވެ.
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
ކޮމެންޓް