ފުޓުބޯޅަ ތަރިންގެ ނަމުން ކުދިންނަށް ނަން ދިނުމަކީ އާ ކަމެއް ނޫނެވެ. ހާއްސަކޮށް ވޯލްޑް ކަޕާ ދިމާކޮށް، އެކަން އިތުރުވެގެންވެސް ދެއެވެ. ދެކުނު އެމެރިކާގެ ގައުމުތަކުގައި އެކަން އާންމުވެގެން އަންނައިރު، ހަބަރުތައް ބުނެފައިވާ ގޮތުގައި މިފަހަރުގެ ވޯލްޑް ކަޕާ ދިމާކޮށްވެސް އާޖެންޓީނާގެ ކެޕްޓަން އަދި ފުޓުބޯޅަ އައިކަން ލިއޮނަލް މެސީގެ ނަމުން ކުދިންނަށް ނަން ދިނުން ވަނީ އިތުރުވެފައެވެ. ޕެރޫއަކީވެސް ވޯލްޑް ކަޕް ތަރިންގެ ނަމުން ކުދިންނަށް ނަން ދިޔުން އާދަޔާހިލާފަށް އިތުރުވި ގައުމެއްކަން ފާހަގަވެއެވެ. އެއާއެކު މެކްސިކޯ އަންހެން ކުއްޖަކަށް ވޯލްޑް ކަޕް ތިން ތަރިއެއްގެ ނަމުން ނަން ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޕެރޫ ވޯލްޑް ކަޕުން ނުފެނުނު ނަމަވެސް އެގައުމުގައި ފުޓުބޯޅައިގެ ފޯރި އޮތީ ގަދަކޮށެވެ. އެގޮތުން މިފަހަރު ވޯލްޑް ކަޕްގައި ނޯވޭގެ އާލިން ހާލަންޑަށް ލިބުނު ހާއްސަ މަގުބޫލުކަމާއެކު، އެތައް ސަތޭކަ ކުދިންނަކަށް ހާލަންޑްގެ ނަން ދީފައިވާ ކަމަށް އިދާރާތަކުން ބުނެފައިވެއެވެ. އެގައުމުގެ ސިވިލް ރަޖިސްޓްރީ ރޭނިއެކްގެ ތަރުޖަމާނު އިވާން ޓޮރެސް ވަނީ އެކަން ޔަގީންވެސް ކޮށްދީފައެވެ. އޭގެ އިތުރުން މެސީއާއި ބްރެޒިލްގެ ނޭމާ، ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ކުޅުންތެރިންނާ ގުޅުވައިގެން ޕެރޫގެ ލައްކައެއްހާ ކުދިންނަށް ނަން ދީފައިވާ ކަމަށް ރެކޯޑުތައް ދައްކައެވެ.
"ހާލަންޑަކީ މިހާރު ޕެރޫގެ ނަމެއް. އޭގެ އިތުރުންވެސް ތަފާތު ނަންތައް އެބަހުރި. މިސާލަކަށް މުންޑިއާލް، އެއީ ސްޕެއިން ބަހުން ވޯލްޑް ކަޕަށް ދޭ ކުރު ނަމެއް. އެހެން ގޮސް ބައިވަރު ނަންތައް ވޯލްޑް ކަޕާ ގުޅިގެން ކުދިންނަށް ދޭ،" ޓޮރޭސް ބުނެފައިވެއެވެ.
ޓޮރޭސް ބުނީ އާންމުކޮށް އާޖެންޓީނާގެ އިތުރު ބައެއް ކުޅުންތެރިން ނަންތަކުންވެސް ކުދިންނަށް ނަން ދޭ ނަމަވެސް، ހާލަންޑަކީ ތަފާތަކަށް ފެނުނު ނަމެއް ކަމަށެވެ. އޭނާ ބުނީ ހާލަންޑާއި ނޯވޭގެ ވޯލްޑް ކަޕް ދަތުރުގައި އެ ދެއްކި "ވައިކިން"ގެ ތަފާތު ކަންތައްތަކާ ހެދި މިހާރު އެގައުމުގައިވެސް ނޯވޭ މަގުބޫލު ކަމަށެވެ.
މިފަހަރުގެ ވޯލްޑް ކަޕް ކޯ ހޯސްޓް ކުރި މެކްސިކޯ ކުއްޖެއްގެ އުފަން ދުވަހު ސެޓްފިކެޓްވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެއެވެ. އެ އަންހެން ކުއްޖާއަށް ދީފައިވާ ނަމަކީ ކިނިއޯނާ ސިސިދްރާ މޮރީޓާ ހާލަންޑް ގިވާރާ އެވެ. އެ ނަމަކީ މެކްސިކޯގެ ތިން ކުޅުންތެރިން ކަމަށްވާ ހޫލިއަން ކިނިއޮނޭސް، ޖިލްބާޓޯ މޯރާ އަދި ނޯވޭގެ ތަރި އާލިން ހާލަންޑްގެ ނަމުން ދީފައިވާ ނަމެކެވެ. އެކަން މެކްސިކޯ އިދާރާތަކުން ޔަގީން ކޮށްދީފައި ނުވި ނަމަވެސް، އިތުރު ބައެއް ކުދިންނަށްވެސް އެކަހަލަ ނަންތައް ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެގޮތަށް ވޯލްޑް ކަޕާ ދިމާކޮށް ކުޅުންތެރިންގެ ނަމުން ނަން ދިނުމަކީ ލެޓިން އެމެރިކާ ގައުމުތަކުގައި މާކުރިންވެސް ކުރަމުން އަންނަ ކަމެކެވެ. މެކްސިކޯ ސިޓީއަށް ހާއްސަ ޕޮޑްކާސްޓެއް ކުރިއަށް ގެންދާ ފަބިއޯލާ މޮލީނާ ބުނީ އެގޮތަށް ނަން ދިނުމަކީ ގާތްގަނޑަކަށް 1986 ގައި އެގައުމުގައި ކުޅުނު ވޯލްޑް ކަޕާ ހިސާބަށްވެސް ދެމިގެންދާ ސަގާފަތެއް ކަމަށެވެ. އެގޮތުން އެފަހަރު ޑިއޭގޯ މަރަޑޯނާ ހޯދި ތަފާތު މަގުބޫލުކަމާއެކު އެކަން ވަރަށް ބޮޑަށް ފާހަގަވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
އެއީ ހަމައެކަނި ފުޓުބޯޅަ ކުޅުންތެރިންނާވެސް ގުޅުން އޮތް ކަމެއް ނޫނެވެ. ބެކްސްޓްރީޓް ބޯއީސްގެ މަގުބޫލުކަން އިތުރުވުމާއެކު ބޮލީވިއާ، ޗިލީގެ އިތުރުން އާޖެންޓީނާ ފަދަ ގައުމުތަކުގައި ބްރައިން ގޮންޒާލެސް ފަދަ ނަންތައް އިތުރުވި ކަމަށް މޮލީނާ ބުނެފައިވެއެވެ. އެކަން އެގޮތަށް ކުރަނީ ކުއްޖާގެ ދިރިއުޅުން ވަކި ގޮތަކަށް ބައްޓަން ކުރުމަށް ނޫން ނަމަވެސް، އެއީ ކުދިންނަށް ދެވޭ ޕްރެޝަރަކަށްވެފައިވާ ކަމަށްވެސް މޮލީނާ އިތުރަށް ފާހަގަކުރިއެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް