ރެފްރީންގެ ވާހަކައަކީ ކޮންމެ ބޮޑު މުބާރާތެއްގައިވެސް އެންމެ ގަދަޔަށް ދެކެވެމުންދާ އެއް ވާހަކައެވެ. ސަޕޯޓަރުންގެ ހިތްހަމަ ނުޖެހުން އެތައް ގޮތަކުން ރެފްރީންނަށް އަމާޒުވެއެވެ. ޒަމާނީ ޓެކްނޮލިޖީއާއެކު ރެފްރީންނަށް ލުއިކުރަން ފީފާއިން ކުރަމުންދިޔަ މަސައްކަތާއެކުވެސް އެ ޝަކުވާތައް އަދިވެސް ކުޑައެއް ނޫނެވެ. ރެފްރީންގެ ވާހަކަތައް މި ވޯލްޑް ކަޕްގައިވީ އިތުރު ކަމަށް ބުނުމަށް ޖާގަވެސް އެބައޮތެވެ.
ކޮންމެއަކަސް މިހާ ހިސާބަށް އައިއިރު، ސޯޝަލް މީޑިއާގެ ބަހުސްތަކުގައި ރެފްރީންނަށް ފާޑުކިޔާފައިވާ އަދަދުވެސް ނޭނގެއެވެ. ރެފްރީން އާޖެންޓީނާ ކޮޅަށް ބުރަވާ ކަމަށް އެތައް ޕްލެޓްފޯމެއްގައި ވާހަކަތައް ދެކެވިފައިވާ އިރު، އެ ނިންމުންތައް ފީފާގެ ރެފްރީން ޗީފް ޕިއޭލުއީޖީ ކޮލީނާ ދިފާއުވެސް ކޮށްދީފައިވެއެވެ. ގަވާއިދު ފޮތުގެ ބާބުތަކަށް ރިއާޔަތް ކޮށްގެންނެވެ. ހަމަ އެހެން ބައެއް އެހެން މެޗުތަކުގެ ނިންމުންތައްވެސް ކޮލީނާ ދިފާއުކޮށްފައިވާ އިރު، ޓެކްނޮލޮޖީއާއެކު އަންނަ ގޮންޖެހުންތައްވެސް ހަގީގަތުގައި ބޮޑެވެ. އެއީ އާންމުންނަށް ޓެކްނޮލޮޖީގެ ބޭނުން ރެފްރީން ކުރާނެ ގޮތް މާބޮޑަށް އޮޅުން ނުފިލާ އޮތުން އެއީ ސަބަބެއް ކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.
މިފަހަރު ވޯލްޑް ކަޕް އިންސާފުކުރުމަށް 170 އޮފިޝަލަކު ފީފާއިން ހޮވާފައިވެއެވެ. އޭގެ ތެރެއިން ޖުމުލަ 52 ރެފްރީ ވޯލްޑް ކަޕަށް ނަގާފައިވާ އިރު، އޭގެ ތެރެއިން އެއް ރެފްރީއަށް ވޯލްޑް ކަޕްގައި އިންސާފު ނުކުރެވުނެވެ. އެއީ އެމެރިކާއަށް އެތެރެ ނުވެވި އަނބުރާ ގައުމަށް ދާން ޖެހުނު ސޯމާލިއާގެ ރެފްރީ އޮމަރް އަބްދުލްކާދިރު އަރްތަން އަށެވެ.
ޖުމުލަ 88 އެސިސްޓެންޓް ރެފްރީން ވޯލްޑް ކަޕުން ފެންނަ އިރު، 30 ވީޑިއޯ އޮފިޝަލުން އޮފިޝަލުން ޓީމުގައި ހިމެނެއެވެ. ރެފްރީން ނަގާފައި ވަނީ ހަ ބައްރަކަށް ބަލައިގެންނެވެ.
އެ ރެފްރީންގެ ތެރެއިން މިފަހަރު އާޖެންޓީނާއާއި ސްޕެއިން ވާދަކުރާ ފައިނަލަށް ފީފާއިން ހޮވި ރެފްރީއަކީ ސްލޮވީނިއާގެ ސްލާވްކޯ ވިންޝިޗް އެވެ. އޭނާއާއެކު ރެފްރީން ޓީމުގައި ހިމެނެނީ އެގައުމަށް ނިސްބަތްވާ ތޯމަސް ކްލަންސްނިކާއި އަންދްރާޒް ކޮވަސިޗް އަދި ހަތަރުވަނަ ރެފްރީއަކަށް ޖޯޑަންގެ އަދްހަމް މަހަދްމޭއެވެ.
ވޯލްޑް ކަޕް ފައިނަލްގެ ފުރުސަތު ވެގެންދިޔައީ ވިންޝިޗްގެ ކެރިއަށް ތަފާތު އުފާވެރި ފުރުސަތަކަށެވެ. ކޮލީނާ އޭނާގެ ނަން އިއުލާނުކުރުމާއެކު ޖަޒުބާތީ ވަގުތުކޮޅެއް ފެނިގެން ދިޔައެވެ.
"ފުރަތަމަވެސް ލިބުނީ ޝޮކެއް. ދެން އުފާވި. އަހަރެން ހުރީ އުފަލުން ތުރުތުރު ޖަހަޖަހައި. ވޯލްޑް ކަޕްގެ ފައިނަލްގައި ރެފްރީކަން ކުރަން ލިބުމަކީ އާދަޔާހިލާފު ޝަރަފެއް. ފަހުރެއް. ޒުވާން ދުވަސްވަރުން ފެށިގެން ދެކެމުންދާ ހުވަފެނެއް ހަގީގަތަކަށް މިވީ،" ވިންޝިޗް ބުންޏެވެ.
ވިންޝިޗްގެ ފަސްމަންޒަރަކީ ކޮބާ؟
ވިންޝިޗްއަކީ ޔޫރަޕްގައި އެންމެ ގިނަ ބައެއް އިހުތިރާމް ކުރާ އެއް ރެފްރީއެވެ. 2010 ވަނަ އަހަރުން ފީފާ ރެފްރީއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ވިންޝިޗް ފެށީ ސްލޮވޭނިއާގެ ފުރަތަމަ ޑިވިޝަނުންނެވެ. ހޯދަމުން އައި ކުރިއެރުމާއެކު ވިންޝިޗް ވަނީ މިހާތަނަށް ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ 72 މެޗެއްގައި ރެފްރީކަން ކޮށްފައެވެ. އޭގެ ތެރޭގައި އެ ފައިނަލްވެސް ހިމެނެއެވެ.
ވިންޝިޗްގެ ތާރީހީ މެޗުތަކަށް ބަލާ އިރު، 2022 ވަނަ އަހަރު ފްރެންކްފާޓާއި ރޭންޖާސްއިން ވާދަކުރި ޔޫރޮޕާ ލީގުގެ ފައިނަލް މެޗާއި 2024 ވަނަ އަހަރު ރެއާލް މެޑްރިޑާއި ޑޯޓްމުންޑް ވާދަކުރި ޗެމްޕިއަންސް ލީގު ފައިނަލްވެސް ހިމެނެއެވެ. ވިންޝިޗް ވަނީ މިހާތަނަށް ޔޫރޯގެ ދެ މުބާރާތެއްގެ އިތުރުން ވޯލްޑް ކަޕްގެ ދެ މުބާރާތެއްގައި ރެފްރީކަން ކޮށްފައެވެ.
މިފަހަރު ވޯލްޑް ކަޕަށް ނުކުތުމުގެ ކުރިން ވިންޝިޗް ރެފްރީކަން ކުރި އިންޓަނޭޝަނަލް ފުޓުބޯޅައިގެ ބޮޑު 10 މުބާރާތެއްގައިވެސް އޭނާގެ ފަރާތުން ރަތް ކާޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ. އެހެން ނަމަވެސް މިފަހަރު ގަދަ 32 ގައި މެކްސިކޯއާއި އެކުއެޑޯ ވާދަކުރި މެޗުގައި އެކުއެޑޯގެ އާސެނަލް ޑިފެންޑަރު ޕިއެރޯ ހިންކަޕިއޭ އަނގަމަތީގައި އަތް އަޅައިގެން އިދިކޮޅު ޓީމުގެ ކުޅުންތެރިޔާއާ ވާހަކަ ދެއްކުމުން ވިންޝިޗް ވަނީ ސީދާ ރަތެއް ދައްކައިފައެވެ.
މިފަހަރުގެ މުބާރާތުގައި ވިންޝިޗް ވަނީ މޮރޮކޯ ބްރެޒިލް މެޗާއި ޖޯޑަންއާއި އަލްޖީރިއާ މެޗުގައި ރެފްރީކަން ކޮށްފައެވެ.
ރެއާލްގެ ހަތުރެއް، މޮރީނިއޯގެ ތައުރީފް، އާޖެންޓީނާއަށް ބަދުނަސީބު؟
ވިންޝިޗްގެ ވޯލްޑް ކަޕް މެޗުތަކަށް ބަލާ އިރު، އެ މެޗުތަކުގައި އޭނާ ވަނީ އެވަރެޖް ތިން ރީނދޫ ކާޑު ދައްކައިފައެވެ. އެއީ 2022 އާއި 2026 ގެ ވޯލްޑް ކަޕްގެ ރެކޯޑުތަކަށް ބަލައިގެންނެވެ.
ގައުމީ ޓީމުގެ މުބާރާތްތަކުގައި އެ ތަފާސްހިސާބު ފެންނަން އޮތް ނަމަވެސް، ވިންޝިޗްއަކީ ކާޑު ދައްކަން ޖެހިލުންވާ ރެފްރީއެއް ނޫންކަން ސާފުވާ ބައެއް މެޗުތައް އެބަހުއްޓެވެ. އެގޮތުން މިދިޔަ އަހަރު އޮތް ކްލަބު ވޯލްޑް ކަޕްގައި ވިންޝިޗް ރެފްރީކަން ކުރި ދެމެޗުގައިވެސް އޭނާ ރަތް ކާޑު ދައްކާފައިވެއެވެ. އަދި މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގައި ރެއާލް މެޑްރިޑާއި ބަޔާން މިއުނިކް ވާދަކުރި މެޗުގައި އެޑުއާޑް ކަމަވިންގާއަށް ދެއްކި ރަތް ކާޑަށް ވަނީ ސަމާލުކަންވެސް އަމާޒުވެފައެވެ.
އެ މެޗުގައި ރެއާލުން 3-2 އިން އަލިއާންޒް އެރީނާގައި ލީޑު ކުރަމުން ދަނިކޮށް، މެޗު އިތުރު ވަގުތަށް ދިޔައީ 4-4 އިން އެއްވަރުވެގެންނެވެ. މެޗުގެ 86 ވަނަ މިނެޓުގައި ކަމަވިންގާއަށް ވިންޝިޗް ދެވަނަ ރީނދޫ ކާޑު ދެއްކީ ހެރީ ކޭންއަށް ކުރި ފައުލެއްގައި ބޯޅަ ހިފައިގެން ދުރަށް ދިޔުމުންނެވެ.
އެ މެޗަށްފަހު ރެއާލްގެ ޖޫޑް ބެލިންހަމް ބުނީ އެއީ ޖޯކް ރަތް ކާޑެއް ކަމަށެވެ. އަދި ދެ ފައުލުން ދެ ރީނދޫ ކާޑު ދައްކަން ޖެހޭ ސަބަބެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ. އޭގެ އިތުރުން ރެއާލްގެ ކޯޗު އަލްވާރޯ އާބެލޯއާ ބުނީ އެވަރު ކަމެއްކޮށްގެން ދެވަނަ ރީނދޫ ކާޑަކާއެކު ރަތެއް ދައްކަން ނުޖެހޭ ކަމަށާއި، ފުރަތަމަ ރީނދޫ ކާޑު ދައްކާފައި އޮތްކަން ވިންޝިޗް ހަނދާނުގައި ނެތް ކަމަށެވެ.
ކޮންމެއަކަސް ރެއާލްގައި މިހާރު ހުރި ކޯޗު، ޖޯސޭ މޮރީނިއޯގެ ތައުރީފް ވިންޝިޗަށް އަމާޒުކޮށްފައިވެއެވެ. އާންމުކޮށް ތުރުކީގައި ރެފްރީންނަށް އެތައް ފަހަރު ފާޑުކީ މޮރީނިއޯ، 2025 ވަނަ އަހަރު ގަލަޓަސަރާއީއާއި ފެނަބާޗޭ ވާދަކުރި މެޗަށްފަހު ބުނީ މެޗު ވެގެންދިޔައީ ވަރުގަދަ، ތަފާތު ހިތްގައިމު ފުޓުބޯޅަ މެޗަކަށް ކަމަށެވެ. ތަފާތަކަށްވީ ވިންޝިޗް ކަމަށް މޮރީނިއޯ ބުންޏެވެ.
މީގެ ކުރިން ވިންޝިޗް ރެފްރީކަންކުރި ހަތަރު މެޗެއްގައި ސްޕެއިން ކުޅުނެވެ. އެ ހަތަރު މެޗުންވެސް މޮޅުވިއެވެ. އަނެއްކޮޅުން ވިންޝިޗްއަކީ އާޖެންޓީނާއިން 2022 ވަނަ އަހަރު ވޯލްޑް ކަޕް ނަގަން ކުރި ދަތުރުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ރެފްރީއެވެ. އެ މެޗުގައި 3-2 އިން އާޖެންޓީނާ ބަލިވި އިރު، އެ ހަނދާން ނައްތާލައި އާޖެންޓީނާއިން މުބާރާތް ނެގިއެވެ. އަދި އޭގެފަހުން އެޓީމުން ވޯލްޑް ކަޕްގައި ބަލިވެފައެއް ނުވެއެވެ.
ބައެއް މީހުންގެ ނަޒަރުގައި ރެފްރީންނަކީވެސް ޓީމުތަކުގެ ނަސީބާ ގުޅިފައިވާ ކަމަކަށް ވެދާނެއެވެ. ފުޓުބޯޅައިގައި އެއީ އެކަން އޮންނަ ގޮތް ނޫން ކަމަށްވީ ނަމަވެސް، ސަޕޯޓަރުންގެ މެދުގައި މެޗުގެ ރެފްރީއަށް އޮތް ފޯކަސްވެސް އިންތިހާ ބޮޑެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް