މިއީ ތާރީހުގައިވެސް އެންމެ ބޮޑު ވޯލްޑް ކަޕެވެ. 104 މެޗުގެ ފުރަތަމަ ވޯލްޑް ކަޕެވެ. 48 ގައުމުގެވެސް ފުރަތަމަ ވޯލްޑް ކަޕެވެ. އިތުރުކުރި މެޗުތަކާއި ޓީމުތަކުން ދަނޑުމަތީގެ މަންޒަރުތައް ގިނަވިހެން ދަނޑު ބޭރުން އެތައް ބަޔަކު ހޯދި ވިޔަފާރީގެ މަންފާވެސް ވަނީ އިތުރުވެފައެވެ. އެއްބަޔަކަށް ބިލިއަނުން ފައިދާވީ އިރު، ދުނިޔޭގެ އުސޫލުން އެތައް ބަޔަކަށް ނޭދެވޭ އަސަރުވެސް ކުރިއެވެ. ގެއްލުންވިއެވެ. ހާއްސަކޮށް މިއީ ސަޕޯޓަރުންނަށް ޖީބަށް ލުއި ވޯލްޑް ކަޕެއް ނޫނެވެ. މެޗެއް ބަލަން ދަނޑަށް ދެވުނީ އެތައް ގުރުބާނީތަކެއް ވެގެންނެވެ. އެހެން ނަމަވެސް ފީފާއާއި ބްރޯޑްކާސްޓަރުން ފަދަ ފަރާތްތަކަށް މިއީ މާލީ ގޮތުން އެންމެ ފައިދާ ބޮޑު ވޯލްޑް ކަޕެކެވެ.

އެންމެ ބޮޑު މާލީ މަންފާއެއް ފީފާއަށް

މީގެ ކުރިންވެސް ވޯލްޑް ކަޕްތަކުން ފީފާއަށް ބޮޑެތި އަދަދުތަކުން ދިޔައީ ފައިދާވަމުންނެވެ. ހާއްސަކޮށް ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުން ފީފާއަށް ރެކޯޑު، 7.6 ބިލިއަން ޑޮލަރުގެ ފައިދާއެއްވި ކަމަށް ތަފާސްހިސާބުތައް ބުނެއެވެ. މިފަހަރު މެކްސިކޯއާއި ކެނެޑާގެ އިތުރުން އެމެރިކާގައި 48 ގައުމާއެކު ބޭއްވި ވޯލްޑް ކަޕަށް ދެން ވިސްނާލާށެވެ. ވިޔަފާރީގެ ފައިދާ ހޯދާނެ އިތުރު މޮޑެލްތަކާއެކު މިފަހަރުގެ ވޯލްޑް ކަޕުން ގާތްގަނޑަކަށް އޭގެ ދެގުނަ ފައިދާ ފީފާއަށް ކުރާނެ ކަމަށް ކަމާބެހޭ މާހިރުން އަންދާޒާ ކުރެއެވެ.

ޑިއުޓްޝޭ ބޭންކް ރިޒާވްގެ ސީނިއާ ސްޓްރެޖިސްޓް މަރިއޮން ލޭބާ ބުނެފައިވާ ގޮތުގައި، ވޯލްޑް ކަޕާއެކު، މިދިޔަ ހަތަރު އަހަރު ފީފާއަށް ލިބުނު ފައިދާ މިހާރު ވަނީ 13 ބިލިއަން ޑޮލަރަށް އަރައިފައެވެ. އޭގެ ތެރެއިން ފީފާއަށް ފައިސާ ވަދެފައި ވަނީ ބްރޯޑްކާސްޓިން ލައިސަސް ވިއްކައިގެންނާއި ސްޕޮންސާޝިޕް ޑީލްތަކުގެ އިތުރުން ޓިކެޓް ވިއްކުމާއި ހޮސްޕިޓާލިޓީ ރައިޓްސްއިންނެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ---

"މިފަހަރު ކުރިއަށްވުރެ ފައިދާ ބޮޑުވާނެ އެއް ސަބަބަކީ ޓިކެޓް ރީ ސެލިން މާކެޓެެއް ފީފާއިން ތައާރަފުކުރުމުން. ފީފާ މާކެޓް ޕްލޭސްގައި ޓިކެޓް އަލުން ވިއްކަން ފުރުސަތު އޮތުމާއެކު އެތައް ހާސް ޑޮލަރަކަށް ވިކޭ އެޓިކެޓްތަކުން ފީފާއިން 15 ޕަސެންޓް ފީއެއް ނެގި. އެއީ އަދި ވިއްކާ މީހާއާއި ގަންނަ މީހާ އަތުންވެސް. އެހެންވީމަ އެއީ ބޮޑު ފައިދާއެއް،" ލޭބާ ބުނެފައިވެއެވެ.

ފީފާއިން ވޯލްޑް ކަޕް ބޮޑުކުރަން ތަކުރާރުކޮށް ވިސްނަމުން އަންނަ އެއް ސަބަބަކީ ޔަގީނުންވެސް ފައިސާއެވެ. ކުދި ގައުމުތަކުގެ ފުރުސަތުގެ ވާހަކަ ދައްކަމުން ގޮސް، 64 ގައުމަށް ވޯލްޑް ކަޕް ހެދުމާއެކު ޗައިނާ ނޫނީ އިންޑިއާ ކަހަލަ ގައުމެއް ވޯލްޑް ކަޕަށް ވަންނަ ދުވަހުން ފެށިގެން އެއީ އިތުރު ބިލިއަނުން ބެލުންތެރިންގެ އޯޑިއަންސް އިތުރުވީއެވެ. އެހިސާބުން ފައިދާ އިތުރު ގުނައަކަށް އިތުރުވެގެން ދާނެއެވެ.

ސަޕޯޓަރުންގެ ޖީބު ހުސް

ވޯލްޑް ކަޕެއްގެ މެޗެއް ބެލުމަކީ ކޮންމެ ފުޓުބޯޅަ ސަޕޯޓަރެއްގެ ހުވަފެނެއް ކަމަށްވުމުން، ޓިކެޓްގެ އަގުބޮޑު ކަމަކަށް ހަގީގަތުގައި ނުވިސްނައެވެ. ފީފާއިން މިފަހަރު ޑައިނަމިކް ޕްރައިސިންގައި ޓިކެޓް ވިއްކުމާއެކު ޑިމާންޑް ބޮޑެތި މެޗުތަކުގެ އަގު އެތައް ތަނަކުން ބޮޑުވިއެވެ.

އެމެރިކާއިން ޕެރަގުއާއީއާ ދެކޮޅަށް ކުޅުނު މެޗުގެ ޓިކެޓް 1000 ޑޮލަރުން މައްޗަށް ދިޔަ އިރު، އެއަގު ދީފައި މެޗު ބަލަން ނުދާނެ ކަމަށް ހުދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އެއީ ފުޓުބޯޅައަށް މަރުދޭ ސަޕޯޓަރުންގެ ވިސްނުމަކަށް ނުވާނެއެވެ. 3000 ޑޮލަރުން 5000 ޑޮލަރުން ޓިކެޓް ގަނެގެންވެސް މެޗުތަކަށް ސަޕޯޓަރުން ވަދެފައިވެއެވެ.

ސަޕޯޓަރެއްގެ ބެނާއެއް --

ވޯލްޑް ކަޕް ފައިނަލަށް ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމް ތައްޔާރުވެފައިވާ އިރު، އެ ފައިނަލްގެ ޓިކެޓެއްގެ އެވްރެޖް އަގަކީ 32،970 ޑޮލަރު ކަމަށް ހަބަރުތައް ބުނެއެވެ. އޭގެ ތެރެއިން ބައެއް ޓިކެޓުގެ އަގު ރިސޭލް މާކެޓްގައި 2 މިލިއަން ޑޮލަރަށްވެސް އަރައިގެން ގޮސްފައިވެއެވެ. އެ އަގުތައް ދިފާއުކުރުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ތަކުރާރުކޮށް ވާހަކަ ދެއްކެވި އިރު، އެންމެ ފަހަރަކުވެސް އަގު ހެޔޮ ކަމަކަށް އޭނާއަކަށްވެސް ވިދާޅެއް ނުވެވުނެވެ. އިންފަންޓީނޯ ދެއްވި ޖަވާބަކީ އަގުތައް ހުރީ އެމެރިކާގެ ކުޅިވަރު އިވެންޓްތަކުގެ ޓިކެޓް މާކެޓާ އެއް ހަމައެއްގައި ކަމެވެ.

އެ ޓިކެޓް އަގުތަކުގެ އިތުރުން ނިއު ޖާޒީއަށް 30 މިނެޓުން ދެވޭ ރޭލު ދަތުރެއްގެ އަގުވެސް ވޯލްޑް ކަޕަށް 150 ޑޮލަރަށް އަރައިގެން ދިޔައެވެ. އެއީ ކުރިން ދެކޮޅު ދަތުރު 12.90 ޑޮލަރަށް ކުރެވޭ ދަތުރެކެވެ. އެކަމަށް ފާޑުކިޔުން އަމާޒުވުމުން އަގު ކުޑަކުރި ނަމަވެސް ކުރީގެ އަގަކަށް އެއްވެސް ރޭލު ދަތުރެއްގެ އަގު ވެއްޓިފައެއް ނުވެއެވެ.

ބްރޯޑްކާސްޓަރުންނަށް އިންތިހާއަށް ފައިދާ

ފީފާއިން ރައިޓްސް ގަންނަން ހޭދަވި އަގު ބޮޑު ނަމަވެސް ބްރޯޑްކާސްޓަރުންނަށް ވޯލްޑް ކަޕުން ވީ ބޮޑު ފައިދާއެކެވެ. އޭޝިއާއާއި އެފްރިކާއަށް ވަގުތުތައް އުނދަގޫ ނަމަވެސް، ވޯލްޑް ކަޕް ބެލި މީހުން ނިސްބަތުން މަދެއް ނުވެއެވެ. ގިނަ މެޗުތައް އޮތުމުން ބެލުންތެރިންގެ އަދަދު މައްޗަށް ދިޔަ އިރު، ސްޕޮންސާޝިޕަށް މިއީ އިތުރު ފުރުސަތުތައްވެސް ހޯދުނު ވޯލްޑް ކަޕެކެވެ.

މިފަހަރުގެ މުބާރާތުގެ ކޮންމެ މެޗެއްގެ، ކޮންމެ ހާފެއްގައި ފީފާއިން ތިން މިނެޓްގެ ހައިޑްރޭޝަން ބްރޭކެއް ދީފައިވާ އިރު، އިންފަންޓީނޯ ވިދާޅުވީ އެއީ ހަމައެކަނި ކުޅިވަރަށްޓަކައި ކުރި ކަމެއް ކަމަށެވެ. އޭގެން ފީފާއަށް ފައިދާއެއް ނުވާނެ ކަމަށްވެސް އިންފަންޓީނޯ ވިދާޅުވިއެވެ.

އެހެން ނަމަވެސް ކޮންމެ ހާފެއްގެ ތެރެއިން އިޝްތިހާރު ދައްކަން ބްރޯޑްކާސްޓަރުންނަށް ބޮޑު ފުރުސަތެއް ފަހިވިއެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ފޮކްސް ސްޕޯޓްސްއިން އެމެރިކާއަށް ވޯލްޑް ކަޕް ދައްކަން ރައިޓްސް ގަތީ 485 މިލިއަން ޑޮލަރަށެވެ. އެހެންނަމަވެސް އިޝްތިހާރުގެ އަގުތަކަށް ބަލައިލުމުން އެއީ ސާފު ފައިދާގައި ކުރި މަސައްކަތަކަށް ވުން ގާތެވެ.

ތަޖުރިބާކާރުން ބުނެފައިވާ ގޮތުގައި ފޮކްސްގެ ވޯލްޑް ކަޕް މެޗެއްގެ ތެރެއިން 30 ސިކުންތުގެ އިޝްތިހާރެއް ދައްކަން 200،000 ޑޮލަރާއި 300،000 ޑޮލަރު ދައްކަން ޖެހެއެވެ. އެއީ އަދި ނޮކްއައުޓްގެ ފޯރިގަދަ ހިސާބަށް ނުދާ އިރުއެވެ. އެންމެ ވަރުގަދަ މެޗުތަކުގައި އެ އިޝްތިހާރު ސްލޮޓްގެ އަގު ވަނީ 750،000 ޑޮލަރަށް އަރައިފައެވެ.

ތަޖުރިބާކާރުން ބުނީ ހައިޑްރޭޝަން ބްރޭކްގެ ފައިދާ ޓީމުތަކުން ނަގަނީ މެޗުގެ އޮއިވަރުގެ ބަދަލަށް ނަމަވެސް، އޭގެ މާނަ މާ ފުން ކަމަށެވެ. ފީފާއަށް ހުޅުވުނު އާ ދޮރާއެކު ދެން މެޗުތަކުގައި އެކަން އާންމުކުރާނެ ކަމަށްވެސް ތަފާތު އަންދާޒާތައް ބުނެއެވެ.

ވޯލްޑް ކަޕް 2026 ގެ ހައިޑްރޭޝަން ބްރޭކެއްގައި އިނގިރޭސި ޓީމުގެ ކުޅުންތެރިންނަށް ކޯޗު ތޯމަސް ޓުޗެލް އިރުޝާދު ދެނީ -- ފޮޓޯ/ ގެޓީ

ވޯލްޑް ކަޕްގެ ބޮޑެތި ސްޕޮންސާ ބްރޭންޑްތައް ކަމަށްވާ އެޑިޑާސްއާއި ކޮކާ ކޯލާ ފަދަ ކުންފުނިތަކަށް ބޮޑުތަނުން ފައިދާ ކުރި އިރު، މިފަހަރު ނުރަސްމީ ބައެއް ސްޕޮންސާތަކަށް ތަފާތު ގޮތަކަށްވެސް ފައިދާ ކުރިއެވެ. މިސާލަކަށް ސެން ފްރެންސިސްކޯގެ ލީވައިސް ސްޓޭޑިއަމްގެ ނަން ސްޕޮންސާޝިޕް ސަބަބަށް ވޯލްޑް ކަޕަށް ބަދަލުކޮށް ލޯގޯ މަތީގައި ހުދު ފޮތިގަނޑެއް އެޅި ނަމަވެސް، އެއީ ސާފުކޮށް އެ ލޯގޯކަން އެނގުމާއެކު އެ ކުންފުނިން އޭގެ ފައިދާ ނަގައި މާކެޓް ކުރިއެވެ.

ޑޭވިޑް ބެކަމްއަށް ހީނުކުރާވަރުގެ ފައިދާއެއް

އިނގިރޭސިވިލާތުގެ ކުޅިވަރު އެތުލީޓުންގެ ތެރެއިން އެންމެ ފުރަތަމަ ބިލިއަނަރަކަށްވުމުގެ ޝަރަފު ހޯދި ރައްޔިތަކަށް ޑޭވިޑް ބެކަމް ވެފައިވާ އިރު، އޭނާއަކީ އަބަދުވެސް ބޮޑު ބްރޭންޑެކެވެ.

އިންގްލެންޑް ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކުރި ބެކަމް ފުޓުބޯޅައިން ރިޓަޔާކުރީ 2013 ވަނަ އަހަރުއެވެ. އޭގެފަހުންވެސް އޭނާ މަސައްކަތް ކުރަމުން އަންނަނީ ފުޓުބޯޅައިގައެވެ. އެގޮތުން ބެކަމްއަކީ މިހާރު އެމެރިކާ ލީގުގެ އެންމެ އަގުބޮޑު ކްލަބުގެ ކޯ އޯނާއެކެވެ.

ބިލިއަނަރު ޑޭވިޑް ބެކަމް ---

ބެކަމްގެ ކްލަބު އިންޓަ މިއާމީއަކީ މިހާރު ގާތްގަނޑަކަށް 1.45 ބިލިއަން ޑޮލަރުގެ ކްލަބެކެވެ. ދެން ސުވާލަކީ މި ވޯލްޑް ކަޕާ ބެކަމް ގުޅެނީ ކިހިނެއްތޯއެވެ. އެމެރިކާގައި ބެކަމްގެ މަގުބޫލުކަން ބޮޑުވެފައިވުމާއެކު ބެކަމްއަކީ މި ވޯލްޑް ކަޕްގެ ތެރެއިން އެންމެ ގިނަ ކުންފުނިތަކުން އިޝްތިހާރަށް ބޭނުންކުރި މޫނެވެ.

އެޑިޑާސްގެ މައި އިޝްތިހާރުގައި ބެކަމްގެ އޭއައި ވާޝަންއެއް ބޭނުންކޮށްފައިވާ އިރު، ހޯމް ޑިޕޯ، ބޭންކް އޮފް އެމެރިކާ ފަދަ ކުންފުނިތަކާ ޑީލް ހަދައި، ބެކަމް ވަނީ ވޯލްޑް ކަޕަށް ހާއްސަ އިޝްތިހާރުތައް ކުޅެފައެވެ. އޭގެ ސަބަބުން ބެކަމްވެފައި ވަނީ ވަކި ޝަހުޝަކަށް މި ވޯލްޑް ކަޕްގައި އެންމެ ބޮޑު މާލީ މަންފާއެއް ލިބުނު އެކަކަށެވެ.

ޖާޒީއާއި މާޗެންޑައިސް ކުންފުނިތަކަށް ފައިދާ، ހޯސްޓް ސިޓީތަކަށް ގެއްލުން

އެމެރިކާއާއި ކެނެޑާގެ އިތުރުން މެކްސިކޯގެ 16 ސިޓީއެއްގައި މިފަހަރު ވޯލްޑް ކަޕް ހޯސްޓް ކުރި އިރު، ފީފާއިން އަންދާޒާ ކުރި އަދަދަށް އެ ސިޓީތަކަށް ފައިދާވިތޯ އެއީ މިހާރު އުފެދޭ ސުވާލެކެވެ. އަގު ބޮޑުވުމާއި ވިސާގެ އެތައް މައްސަލަތަކަކާ ހެދި މި ވޯލްޑް ކަޕް ވެގެން ދިޔައީ ސަޕޯޓަރުންނަށް އުނދަގޫ ވޯލްޑް ކަޕަކަށެވެ.

ފީފާއިން ހޯސްޓް ސިޓީތަކުގެ އާމްދަނީ އިތުރު ވާނެ ކަމަށް ލަފާކޮށް، 41 ބިލިއަން ޑޮލަރުގެ އަދަދެއް ދީފައިވެއެވެ. އަދި އޭގެ ތެރެއިން 17 ބިލިއަން ޑޮލަރު ވަންނާނީ އެމެރިކާގެ އާމްދަނީއަކަށް ކަމަށާއި، 185،000 އިތުރު ވަޒީފާ ހޯސްޓް ސިޓީތަކުގައި އުފެދޭނެ ކަމަށްވެސް ފީފާއިން ބުންޏެވެ.

އެހެން ނަމަވެސް އޮކްސްފޯޑް ޔުނިވަސިޓީން ކުރި ދިރާސާއިން ދައްކާ ގޮތުން ހޯސްޓް ސިޓީތަކަށް ލިބެނީ ހިނދުކޮޅެއްގެ ފައިދާއެކެވެ. ހާއްސަކޮށް ވަޒީފާތަކުން މާލީ މަންފާއެއް ނުކުރެއެވެ. އެ ވަޒީފާތައް ދެމިގެން ނުދިޔުމުން، އެތައް ބަޔަކަށް އެއިން ގެއްލުންވެސް ވެއެވެ.

އޭގެ އިތުރުން ހޮޓާތައް ފުލްވި ނަމަވެސް، ކުޑަ ދުވަސްކޮޅަކަށް އެކަން ވުމުން މާލީ މަންފާ ކުޑަކަމަށް ދިރާސާއިން ދައްކާ އިރު، މިފަހަރު ވޯލްޑް ކަޕަށް ހޯސްޓް އެއްވެސް ގައުމެއްގައި އާ ހޮޓަލެއް ތަރައްގީ ނުކުރާތީ، އެކަމުގެ މަންފާއެއްވެސް އެއިން ގައުމަކަށް ނުކުރާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެއާ ހިލާފަށް ނައިކީއާއި އެޑިޑާސް ފަދަ ކުންފުނިތަކަށް ވޯލްޑް ކަޕް ވެގެން ދިޔައީ އީދަކަށެވެ. ނައިކީން ބުނެފައި ވަނީ 2022 ވަނަ އަހަރު ވޯލްޑް ކަޕާ ބަލާފައި މިފަހަރު ދެގުނަ އިތުރަށް ޖާޒީ ވިކުނު ކަމަށެވެ. އެންމެ ގިނައިން ވިކުނީ އިންގްލެންޑް، ފްރާންސް، ބްރެޒިލް އަދި ނެދަލޭންޑްސްގެ ޖާޒީއެވެ.

އެއަށްވުރެ އެޑިޑާސް އުޅެނީ ކުރީގައެވެ. ހާއްސަކޮށް އާޖެންޓީނާ ފަދަ ގައުމުތަކުގެ ޖާޒީން އެޑިޑާސްއަށް ތަފާތު ބޮޑު ފައިދާއެއްވެފައިވާ އިރު، ކިޓް ގިނައިން ވިކުމުގައި ޓިކްޓޮކާއި އިންސްޓަގްރާމްގެ އިންފްލުއެންޒާސްގެ ރޯލު ބޮޑު ކަމަށް ދިރާސާއިން ބުނެއެވެ.

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ---- ފޮޓޯ/ ގެޓީ

އެކިއެކި ގޮތްގޮތުން އެކިއެކި ވިސްނުން ވޯލްޑް ކަޕްގެ މާލީ ފައިދާ ކުންފުނިތަކުން ނަގަމުން ގޮސްފައިވާ އިރު، ގައުމުތަކުގެ ފާސްޓް ފުޑް، އަދި ޑެލިވަރީ ރެސްޓޯރެންޓްތައްވެސް އެކަމުގައި ޝާމިލުވެއެވެ. ހަމައެއާއެކު މިފަހަރު ސްޓްރީމާސްވެސް ވޯލްޑް ކަޕުން މާލީ ފައިދާ ހޯދިއެވެ. ވަގު އެތައް ޖާޒީއެއް ފުލުހުން ހިފެހެއްޓި ނަމަވެސް، އެކަން ކޮށްގެން އެތައް ބަޔަކު ނާޖާއިޒު ފައިދާ ހޯދި އިރު، ހިތާމައަކީ މިފަހަރު ވޯލްޑް ކަޕަކީ ފުޓުބޯޅަ ސަޕޯޓަރުންނަށް ބުރަ އަދި ޖީބު ހުސްކޮށްލި ވޯލްޑް ކަޕަކަށްވުމެވެ.