އީރާނުގެ ދެކުނުގައި އޮންނަ ބަންދަރު އައްބާސް ކައިރީގައިވާ މުހިންމު ފާލަމަކަށާއި، އިރުދެކުނުގައި އޮންނަ އީރާންޝަހަރު އެއާޕޯޓަށް އެމެރިކާގެ އަސްކަރިއްޔާއިން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

އީރާނުގެ ރަސްމީ ނޫސް އޭޖެންސީ، އިސްލާމިކް ރިޕަބްލިކް ނިއުސް އޭޖެންސީ (އިރްނާ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޮރްމޮޒްގާން ޕްރޮވިންސްގައި ޝޫރު ކޯރު ހުރަސްކޮށް އަޅާފައިވާ މުހިންމު ފާލަމަށް ދިން ހަމަލާގައި އެ ފާލަން ވަނީ ކޯރު ތެރެއަށް ވެއްޓިފައެވެ. މި ހާދިސާގައި ދެ މީހަކު މަރުވެ، ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށް ސަރަހައްދީ މޮނިޓަރިން އެކައުންޓުތަކާއި އީރާނުގެ ރަސްމީ ފަރާތްތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ. މި ހަމަލާއާ ގުޅިގެން އެ ސަރަހައްދުގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށްވެސް މީޑިއާތަކުން ބުނެފައިވެއެވެ. މީގެ އިތުރުން، ބަންދަރު އައްބާސްގައި ހުންނަ ރޭލު ސްޓޭޝަނަކަށްވެސް އެމެރިކާއިން ހަމަލާދީފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ސިސްތާން އަދި ބަލޫޗިސްތާން ޕްރޮވިންސްގައި އޮންނަ އީރާންޝަހަރު އެއާޕޯޓަށް އަމާޒުކޮށް އެމެރިކާއިން ދިން ހަމަލާއެއްގައި އެތަނުގެ ކަރަންޓު ވިއުގައަށް ގެއްލުންވެ، ކަރަންޓު ކެނޑިފައިވާ ކަމަށް އީރާނުގެ ދައުލަތުގެ ޓީވީން ވަނީ ބުނެފައެވެ. މި ހަމަލާގައި މަދުވެގެން އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އީރާންޝަހަރު އެއާޕޯޓަކީ އާންމު ދަތުރުފަތުރުގެ އިތުރުން އީރާނުގެ އަސްކަރީ ބޭނުންތަކަށްވެސް ބޭނުންކުރަމުން އަންނަ މުހިންމު މަރުކަޒެކެވެ.

މި ހަމަލާތަކަކީ އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ގޯސްވަމުންދާ ދަނޑިވަޅެއްގައި ދީފައިވާ ހަމަލާތަކެކެވެ. އެމެރިކާއިން އީރާނުގެ އުމްރާނީ ތަރައްގީގެ މުހިންމު ތަންތަނަށް އަމާޒުކޮށް ހަމަލާދެމުންދަނީ، އީރާނުގެ އަސްކަރީ އަދި ލޮޖިސްޓިކްސް މަސައްކަތްތަކަށް ހުރަސްއެޅުމުގެ ބޭނުމުގައި ކަމަށް ހަބަރުތައް ބުނެއެވެ. ބަންދަރު އައްބާސްއަކީ ހޮރްމުޒް ކަނޑުއޮޅި ކައިރީގައި އޮންނަ އީރާނުގެ އެންމެ ބޮޑު ވިޔަފާރި ބަނދަރު އޮންނަ، އަދި އީރާނުގެ ކަނޑުގެ ސިފައިންގެ މައި މަރުކަޒު ހުންނަ ސަރަހައްދެވެ. އެހެންކަމުން، އެ ސަރަހައްދުގެ ފާލަންތަކަކީ އަސްކަރީ ސާމާނު އުފުލުމަށް ބޭނުންކުރާ މުހިންމު މަގުތަކެއް ކަމަށް މުހައްލިލުން ފާހަގަކުރެއެވެ.

މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ރަސްމީ ފަރާތްތަކުން އަދި ވަކި އެއްޗެއް ނުބުނެއެވެ. ނަމަވެސް، އިރްނާއިން ބުނި ގޮތުގައި މި ހަމަލާތަކުގެ ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.