ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލުގައި އިންގްލެންޑް ބަލިކުރި މެޗަށްފަހު އުފާފާޅުކުރުމުގެ ތެރޭގައި އާޖެންޓީނާގެ ކުޅުންތެރިން ގެންގުޅުނު ބެނާގެ ސަބަބުން ފީފާއިން ފިއަވަޅު އަޅަން ތައްޔާރުވެފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.
އާޖެންޓީނާއިން އަނެއްކާވެސް ވޯލްޑް ކަޕް ފައިނަލުން ޖާގަ ހޯދާފައިވާ އިރު، އެމެޗަށްފަހު ކުޅުންތެރިން އުފާފާޅުކުރުމުގެ ތެރޭގައި ސަޕޯޓަރުން ގެންގުޅުނު ބެނާއެއް ބޭނުންކޮށްފައިވެއެވެ. އެއީ ފޯކްލެންޑް އައިލެންޑްސްއާ ގުޅޭ މައްސަލައެއްގެ ޝުއޫރު ފާޅުކުރާ ބެނާއެކެވެ. އެ ބެނާގައި ވަނީ "ފޯކްލެންޑްސްއަކީ އާޖެންޓީނާގެ ބައެއް،" ކަމަށެވެ.
އާޖެންޓީނާގެ އިރުމަތިން އެގައުމާ 480 ކިލޯމީޓަރު ކައިރީގައި އޮތް ފޯކްލެންޑް އައިލެންޑްސްގެ މައްސަލައަކީ ޒަމާންވީ މައްސަލައެކެވެ. އެ ރަށްތަކަކީ ފްރާންސަށްފަހު އިނގިރޭސިން ކޮންޓްރޯލްކޮށް، ސްޕެއިނުންވެސް ތަޅާފޮޅި ރަށްތަކެކެވެ. އެ ރަށްތަކަށް 1982 ވަނަ އަހަރު އާޖެންޓީނާއާއި އިނގިރޭސިން ހަނގުރާމައެއްވެސް ކުރިއެވެ. އެއީ 74 ދުވަހުގެ ހަނގުރާމައެކެވެ. އޭގެފަހުންވެސް ފޯކްލެންޑް އައިލެންޑްސް ކޮންޓްރޯލް ކުރަނީ އިނގިރޭސިންނެވެ. އެއީ ވަކި ދައުލެއް ނަމަވެސް، ރަށްތައް އޮންނަނީ އިނގިރޭސި ރަސްކަމުގެ ދަށުންނެވެ.
މެޗުގެ ކުރިންވެސް ފޯކްލެންޑް އައިލެންޑްސްގެ ވާހަކަ އިތުރަށް ގަދަވެފައި އޮތް އިރު، އެ ވާހަކަ އިތުރަށް ގަދަވީ ވޮޝިންޓަނުން ލީކުވި މެމޯތަކެއްގެ ސަބަބުންނާއި އާޖެންޓީނާއިން ކިޔައިގެން އުޅުނު ޗޭންޓެއްގެ ސަބަބުންނެވެ.
އާޖެންޓީނާއިން ކުއާޓާ މެޗަށްފަހު އުފާފާޅުކުރަމުން ލޮކަރޫމް ތެރޭގައި ފޯކްލެންޑް އައިލެންޑްސްގެ ރައްޔިތުންގެ ހާއްސަ ޗޭންޓެއް ބޭނުން ކުރިކަމަށް ވީޑިއޯތައް ލީކުވިއެވެ. އެއީ "ޕޮރްް ލަ މަލްވީނާސް، ޕޮރް އެލް ޑިއޭގޯ" ކިޔާ ޗޭންޓެކެވެ. ޗޭންޓްގައި ބުނަނީ ފޯކްލެންޑް އައިލެންޑްސްގެ ރައްޔިތުންނަށްޓަކައި، މަރަޑޯނާއަށްޓަކައި މިހެންނެވެ. އަދި ލިއޮނަލް މެސީގެ ފަހު ވޯލްޑް ކަޕަށްޓަކައިވެސް އެ ޗޭންޓްގައި ހިމަނާފައިވެއެވެ.
ފީފާގެ އުސޫލުތައް ބުނާ ގޮތުން އެއްވެސް ސިޔާސީ މެސެޖެއް ފޮނުވައިދޭ ބެނާއެއް ދިދައެއް އަދި ބޭންޑެއް ފަދަ އެއްޗެސް ސްޓޭޑިއަމްގައި ބޭނުންނުކުރެވޭނެ ކަމަށެވެ. އެއީ ސަޕޯޓަރުންނާއި ކުޅުންތެރިންވެސް ހިމެނޭހެންނެވެ.
އާޖެންޓީނާ ކުޅުންތެރިން ރޭ ގެންގުޅުނު ބެނާއަކީ 2014 ވަނަ އަހަރުވެސް ބޭނުންކުރި ބެނާއަކަށްވީ އިރު، އެ ބެނާގެ ސަބަބުން އެފަހަރުވެސް އާޖެންޓީނާއަށް 20،000 ޕައުންޑްގެ ޖޫރިމަނާއެއް އައިސްފައިވެއެވެ. ރޭ ގެންގުޅުނު ބެނާގެ މައްސަލަ ތަހުގީގުކުރަން އިނގިރޭސިވިލާތުގެ ވިޔަފާރިއާ ބެހޭ ވަޒީރު ޕީޓާ ކައިލްވެސް ގޮވާލެއްވި އިރު، ހަބަރުތައް ބުނަނީ ފީފާއިން އަނެއްކާވެސް އާޖެންޓީނާ ޖޫރިމަނާ ކުރާނެ ކަމަށެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް