ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅުނު 12،000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

"ސަރުކާރު" ވެބްސައިޓުގައި ހޯމް މިނިސްޓްރީން މިއަދު ބުނީ އެއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 17ވަނަ ދުވަހުން މި އަހަރުގެ ޖޫން 13ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީން ކަމަށެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން 12،552 މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވެއެވެ. އޭގެ ތެރޭގައި ޑީޕޯޓްކޮށްފައިވާ ފަރާތްތަކާއި އެނޫންވެސް ގޮތްގޮތަށް ފޮނުވާލާފައިވާ ފަރާތްތައް ހިމެނެއެވެ.

އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ މީހުންނާއި ޑޮކިއުމަންޓުތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފުލުހުންނާއި މޯލްޑިވްސް އިމިޤްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގީގެ ދަށުން ދެ ލައްކަ އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ. އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލައި ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރިއަށް ގެންދާ މަސައްކަތްތައް ކުރިއަށް އޮތް ހަ މަސް ދުވަހު ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އޮޕަރޭޝަން ކުރަނގި ފޭސް ތިނެއްގައި ކުރިއަށްގެންދަނީ 2895 މީހުން ހޯދައި އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތާއި ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ހޯދައި ޑީޕޯޓު ކުުރުމުގެ އިތުރުން، ސައްހަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

ވިޔަފާރިތަކުގަ މަސައްކަތް ކުރާ ބިދޭސީންގެ ވޯކް ޕާމިޓް ފީ މުއްދަތު ހަމަވުމުގެ ކުރިއަށް ދެއްކުމަށް ބާރު އެޅުމުގެ ގޮތުން އެ ފަރާތްތަކަށް އެކަން އަންގައިދީ އަދި މިހާރު ވޯކް ޕާމިޓް ފީ ނުދެއްކިވާ ފަރާތްތައްވެސް ހިމެނޭ ގޮތަށް ވޯކް ޕާމިޓް ފީ ދައްކާ ފަރާތްތަަކަށް ލުއި ފަސޭހަ އިންތިޒާމުތަކެއް މި ފޭސްގެ ތެރެއިން ކުރިޔަށްގެންދެއެވެ.

އެއާއެކު ދިވެހި ވިޔަފާރިވެރިންނަށް އެ މީހުން ގެންގުޅޭ ބިދޭސީ މަސައްކަތްތެރިން ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރުމަށް ހިތްވަރަކަށް ވެގެންދާނެކަމަށްވެސް ހޯމްމިނިސްޓްރީން ބުންޏެވެ.