ވަޒީފާގެ ފުރުސަތުތަކާއި ހުނަރު ތަރައްގީކުރުމަށް އަމާޒުކޮށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެކްސްޕޯ، "ވަރަ އެކްސްޕޯ 2026" މިމަހުގެ 26 އިން 28 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ މި އެކްސްޕޯއަކީ ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތައް އަދި ޕްރައިވެޓް ސެކްޓަރު ގުޅިގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ.
މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި އެކްސްޕޯގެ ތެރެއިން ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތައް އެއް ތަނަކުން ބައްދަލުވެ، ވަޒީފާގެ ދާއިރާއާ ގުޅޭ މައުލޫމާތު ހިއްސާކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.
ޖުމްލަ 158 އެގްޒިބިޓަރުން ބައިވެރިވާ މި ހަރަކާތް ހަތަރު ޒޯނަކަށް ބެހިގެންދެއެވެ. އެއީ 34 ބައިވެރިންގެ ކެރިއާ ޒޯނާއި، 32 ބައިވެރިންގެ އެޑިއުކޭޝަން ޒޯނާއި، 19 ބައިވެރިންގެ ހުނަރުވެރިކަމުގެ ތަޖުރިބާ ޒޯނާއި، 73 ބައިވެރިންގެ މާކެޓް ޒޯނެވެ.
ތައުލީމީ މަރުހަލާ ނިންމައި ވަޒީފާގެ މައިދާނަށް ނުކުންނަ ޒުވާނުންނާއި އާ ފުރުސަތުތައް ހޯދާ ފަރާތްތަކަށް މުހިންމު މަންސައެއް ކަމަށް ފާހަގަކޮށް، ވީހާ ގިނަ ބަޔަކު މި އެކްސްޕޯއަށް ޒިޔާރަތްކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. މި އެކްސްޕޯއާ ގުޅޭ އިތުރު ތަފްސީލް އެކްސްޕޯގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
އެކްސްކްލޫސިވް ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ސަން ސިޔާމް ރިސޯޓްސް ހަމަޖެހިފައިވާ މި އެކްސްޕޯގައި ސަރުކާރާއި އަމިއްލަ ގިނަ ކުންފުނިތަކެއް ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެއެވެ.
ކޮމެންޓް