އީރާނުގެ އަސްކަރީ އަދި ނިއުކްލިއަރ އަމާޒުތަކަށް ދެމުންގެންދާ ހަމަލާތައް އިތުރަށް ފުޅާކޮށް، އެ ގައުމުގެ މުހިންމު ދެ ތަނަކަށް ހަމަލާދިނުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެމެރިކާގެ އަސްކަރީ އިސް އޮފިޝަލުން މަޝްވަރާކުރައްވައިފިއެވެ. ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގައި ބޭއްވި ބައްދަލުވުމެއްގައި މަޝްވަރާކޮށްފައިވަނީ އީރާނުގެ ނިއުކްލިއަރ މަރުކަޒެއް ކަމަށްވާ “ޕިކްއެކްސް މައުންޓަން” އަށް ވައިގެ ހަމަލާދިނުމަށާއި، އީރާނުގެ ތެޔޮ ބޭރުކުރާ މައި މަރުކަޒު ކަމަށްވާ “ހާރގް އައިލެންޑް” އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ޖޭޑީ ވެންސް އާއި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތްގެ އިތުރުން ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބައިވެރިވެވަޑައިގެންނެވި ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވެއެވެ. ރޭޑިއޯ ޝޯއެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާއިން އޮތީ ޕިކްއެކްސް މައުންޓަން ނައްތާލަން ތައްޔާރަށެވެ. އަދި އެކަމަށް ތައްޔާރުވެ ތިބުމަށް އީރާނަށް އަންގަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕިކްއެކްސް މައުންޓަންއަކީ އީރާނުގެ ނަތަންޒް ނިއުކްލިއަރ މަރުކަޒު ކައިރީގައި، ފަރުބަދައެއްގެ އަޑީގައި ގާތްގަނޑަކަށް 475 ފޫޓު ފުނުގައި ހަދާފައިވާ ތަނެކެވެ. ދިފާއީ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މިއީ އެމެރިކާގެ އެންމެ ބާރުގަދަ ބޮންތަކަށްވެސް ހަލާކުކޮށްލަން ދަތިވާނެހާ ފުނުގައި ހަދާފައިވާ މަރުކަޒެކެވެ. މީގެ އިތުރުން، އީރާނުން ބޭރުކުރާ ތެލުގެ 90 އިންސައްތަ ބޭރުކުރާ ހާރގް އައިލެންޑް ހިފުމަށް އެއްގަމު ސިފައިން ފޮނުވައިފިނަމަ، އީރާނުގެ މިސައިލްތަކާއި ޑްރޯންތަކުގެ ނުރައްކާ އެމެރިކާ ސިފައިންނަށް ވަރަށް ބޮޑަށް ކުރިމަތިވާނެ ކަމަށް އޮފިޝަލުން އިންޒާރުދެއެވެ.
އެމެރިކާއިން މިފަދަ ހަރުކަށި ފިޔަވަޅުތަކަކަށް ވިސްނަން ފަށާފައިވަނީ، ދެ ގައުމުގެ ދެމެދުގައި ގާއިމުކޮށްފައި އޮތް ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުން ރޫޅި، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރަށް އީރާނުން ހަމަލާދޭން ފެށުމާ ގުޅިގެންނެވެ. ނަމަވެސް، އެއްގަމު ސިފައިން ފޮނުވުމާމެދު ޓްރަމްޕް އަދިވެސް ފަސްޖެހިވަޑައިގަންނަވާ ކަމަށާއި، މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅުމަށް ރަސްމީކޮށް ނިންމަވާފައި ނުވާ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވެއެވެ.
އެމެރިކާ-އިރާން ހަނގުރާމަ
ކޮމެންޓް