އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއައުން މަނަކޮށް، ދިވެހި ރާއްޖޭގެ އިމިގްރޭޝަންގެ ބިލް މަޖިލީހަށް ހުށަަހަޅައިފިއެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕިއެންސީ މެންބަރު މުހައްމަދު ދާއޫދު މަޖިލީހަށް ހުށަހަޅާ މި ބިލުގެ ފުރަތަމަ ކިއުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، ރާއްޖޭގެ އިމިގްރޭޝަންގެ ކަންކަން ހިންގައި ބެލެހެއްޓުމަށް، މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި މަދަނީ ވަކި ހިދުމަތެއް ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން ކަމަށެވެ.

ރާއްޖެއަށް މީހުން އައުމާއި ރާއްޖޭން މީހުން ފުރުމާ ގުޅޭ ހާއްސަ އަދި އާއްމު އުސޫލުތަކާއި ދިވެހި ރައްޔިތުންނަށް ރާއްޖޭން ފުރުމާއި އެނބުރި އައުމަށް ބޭނުންވާ ޕާސްޕޯޓް ދޫކުރުމާ ބެހޭ އުސޫލުތަކާއި، ބިދޭސީން ރާއްޖެ އައުމާއި ރާއްޖޭގައި ހުރުމުގެ ހުއްދަ ދިނުމާ ގުޅޭ އުސޫލުތަކާއި ރާއްޖެއަށް އައުމުގެ ނުވަތަ ރާއްޖޭގައި ހުރުމުގެ ހުއްދަ ނެތް ފަރާތްތަކާ މެދު އަމަލު ކުރެވޭނެ އުސޫލުތައް ހިމެނޭ ގޮތުން އިމިގްރޭޝަނާ ބެހޭ އުސޫލުތަކާއި އިޖުރާއަތުތައް ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ކަނޑައެޅުން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

މި ބިލުގައި ވާގޮތުން ދިވެހިރާއްޖޭގެ އިމިގްރޭޝަނާ ގުޅޭ ސިޔާސަތުތައް ކަނޑައަޅާނީ ވަޒީރެވެ. މި ބިލުގައި މޯލްޑިވްސް އިމިގްރޭޝަންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަރަށް ތަފްސީލީ ގޮތެއްގައި ވަނީ ކަނޑައަޅައިފައެވެ.

އިމިގްރޭޝަންގެ ގާނޫނުގައި މިހާރުވެސް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނޯންނާނެ ފަރާތްތައް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް ބަޔާންކޮށްފައި އޮންނަނީ އިޒްރޭލުގެ ޕާސްޕޯޓުގައި ހާލަތަށް ރިއާޔަތްކޮށް ރާއްޖެއަށް އެތެރެ ނުވެވޭނެ ކަމަށެވެ.

އޭގެ ބަދަލުގައި މި ބުލުގައި ހާލަތަށް ރިއާޔަތްނުކޮށް މުތުލަގަށް ބަޔާންކޮށްފައި ވަނީ އިޒްރޭލްގެ ޕާސްޕޯޓް ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެ ކަމަށެވެ.

މި ބިލުގެ 46 ވަނަ މާއްދާގައި ރާއްޖެ އައުމުގެ ހުއްދަ ނުދެވޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތައް:

    • ރާއްޖޭގެ ސިޔާދަތަށް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ބެލެވޭ މީހުން
    • ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ މީހުންނާއި އެފަދަ ޖަމާއަތްތަކާ ގުޅުން ހުރިކަމަށް ބެލެވޭ މީހުންނާއި ޓެރަރިސްޓުން ކަމަށް މައުލޫމާތު ލިބިފައިވާ މީހުން
    • ބައިނަލް އަގްވާމީ ގާނޫނުގައި ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައިވާ ކުށެއް ކޮށްފައިވާ ނުވަތަ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ މީހުން
    • އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ދައުވާ އުފުލާފައިވާ، ނުވަތަ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައިވާ ނުވަތަ އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭޝަނުން ލިސްޓް ކޮށްފައިވާ މީހުން
    • އެހެން ގައުމެއްގެ އަދުލު އިންސާފަށް ނުވަތަ ތަހުގީގީ އިދާރާއަކަށް ފިލައިގެން އުޅޭ މީހުން
    • އާއްމު ސިއްހަތަށް ނުރައްކާތެރި ބައްޔެއް ހުރިކަމަށް ޝައްކު ކުރެވޭ މީހުން ނުވަތަ ނުރައްކާތެރި ބައްޔެއް ފެތުރެމުންދާ ކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ނުވަތަ ބައިނަލް އަގްވާމީ ސިއްހަތާ ބެހޭ އިދާރާއިން ކަނޑައަޅާފައިވާ ގައުމަކުން ނުވަތަ ސަރަހައްދަކުން ރާއްޖެ އަށް އަންނަ މީހުން
    • ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމް ކޮށްފައިނުވާ ނުވަތަ ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފައިވާ ނުވަތަ ވަގުތީގޮތުން މެދުކަނޑާލާފައިވާ ނުވަތަ ވަގުތީގޮތުން މެދުކަނޑާލާފައިވާ ގައުމުތަކުގެ ތެެރެއިން ދިވެހި ސަރުކާރުން ކަނޑައަޅާ ގައުމަކަށް ނިސްބަތްވާ މީހުން
    • މި ގާނޫނުގެ ދަށުން ދިވެހި ރާއްޖެއަށް ނާދެވޭ ގޮތަށް ޑީޕޯޓް ކުރެވިފައިވާ މީހުން
    • އެކަށީގެންވާ ސަބަބުތަކަށް ބިނާކޮށް ރާއްޖޭގެ އިޖުތިމާއީ ނުވަތަ ދީނީ އެއްބައިވަންތަ ކަމަށް އުނިކަން އަތުވެދާނެ ފަދަ ކަމެއް ކުރާ ނުވަތަ ކުރަން އުޅޭ ކަމަށް ބެލެވޭ މީހުން
    • އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ ފަރާތްތައް
    • ރާއްޖެއަށް އައުމުގެ ހުއްދަ ނުދެވޭނެ ކަމަށް ގާނޫނެއްގައި ކަނޑައަޅާފައިވާ ފަރާތްތައް

އިމިގްރޭޝަންގެ ބިލުގައި އިތުރަށް ހިމަނާފައިވާ ކަންކަމުގެ ތެރޭގައި، އިމިގްރޭޝަންގެ ކަންކަން ހިންގާ ބެލެހެއްޓުމަށް މަދަނީ ވަކި ހިދުމަތެއް ގާއިމްކޮށް، ހިދުމަތުގެ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ. އަދި އިމިގްރޭޝަންގެ އުސޫލުތަކާ އިޖުރާއަތުގެ ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން ކުރުން މަނާ ކަންތައްތަކާއި ކުށްތަކާއި އެ ކުށްތަކަށް ކަނޑައަޅާ އަދަބުތަކާއި ޖޫރިމަނާތަކުގެ ތަފްސީލްތައް ވެސް މި ބިލުގައި ހިމަނާފައިވެއެވެ.