އެއްވެސް ޝަރުތަކާ ނުލައި ނުވަތަ އެއްވެސް ކަމަކާ މަތިނުކޮށް، އިމިގްރޭޝަން ބިލުން އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މިހާރުވެސް އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ ތެރެވުން ގާނޫނީ ގޮތުން އޮތީ މަނާކޮށްފައި ކަމަށެވެ. ނަމަވެސް އެއީ 7 އޮކްޓޫބަރުގައި ފަލަސްތީނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ހާލަތު ބަދަލުވަންދެން ނިންމި ނިންމުމެއް ކަމަށެވެ..
"އެހެންނަމަވެސް މި ބިލްގައި (އިމިގްރޭޝަން ބިލް) ގައި އެ ހާލަތަށް ރިއާޔަތްނުކޮށް މުތުލަގަށް އަޅުގަނޑުމެން ބަޔާންކޮށްފައި އޮންނާނެ އިޒްރޭލުގެ ޕާސްޕޯޓް ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އިޒްރޭލުން ފަލަސްތީނުގައި ހިންގާ ލާއިންސާނީ އަމަލުތަކަކީ އެއްވެސް ހަމައަކުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ، އެކަމާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުންވެސް ރާއްޖެއިން ވަނީ ވަރުގަދައަށް އަޑު އުފުލައި ބައެއް ކޯޓު ކޭސްތަކުގައިވެސް ވަރުގަދައަށް ވަކާލާތުކޮށްފައި ކަމަށެވެ.
އިޒްރޭލް ރައްޔިތުންނަށް ނުވަތަ އިޒްރޭލް ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ހިއްސާއެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް އޮންނަ ގާނޫނީ ޝަހުސަކަށް ނުވަތަ އެފަދަ ފަރާތެއްގެ ފައިދާއަށްވެސް، ރާއްޖޭގެ އިންޓްގްރޭޓެޑް ރިއަލް ސްޓޭޓް ޒޯނުގެ ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް ނުވިއްކޭނެ ކަމަށް ކަނޑައަޅައި، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލެއްވެސް ސަރުކާރުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.