އީރާނުން މަޝްވަރާގެ މޭޒަށް އެނބުރި ނައިސްފިނަމަ، އަންނަ ހަފުތާގައި އެ ގައުމުގެ ކަރަންޓު އުފައްދާ މަރުކަޒުތަކާއި ބްރިޖުތަކަށް ހަމަލާދެއްވާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާއިން އީރާނަށް ދެމުންގެންދާ ހަމަލާތައް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ވަރުގަދަކުރާނެއެވެ.

“އަންނަ ހަފުތާ އެމީހުންނަށް ވަރަށް ގޯސްވާނެ. ސަބަބަކީ އަންނަ ހަފުތާގައި ކަރަންޓު އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެތީ. އަންނަ ހަފުތާގައި ބްރިޖުތަކަށް ހަމަލާދޭނެތީ،” ޓްރަމްޕް ވިދާޅުވިއެވެ. އަދި މަޝްވަރާގެ މޭޒަށް ނައިސްފިނަމަ އީރާނުގެ ކަރަންޓު އުފައްދާ ހުރިހާ މަރުކަޒުތަކާއި ބްރިޖުތައް ގޮއްވާލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އިންޒާރު ދެއްވާފައިމިވަނީ، ހޮރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ވެފައިވާ ވަގުތީ އެއްބަސްވުން ރޫޅި، އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކުރުމުގެ ފިޔަވަޅުތައް އަލުން އަޅަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. ރިޕޯޓުތައް ބުނާ ގޮތުން، އެމެރިކާގެ އަސްކަރިއްޔާއިން މިހާރުވެސް އަންނަނީ އީރާނުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ހަމަލާދެމުންނެވެ. އެހެންނަމަވެސް، މިހާތަނަށް އެމެރިކާއިން ވަނީ އީރާނުގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް ހަމަލާނުދީ މަޑުޖައްސާލައިފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާނުން އަސްކަރީ ހަރަކާތްތައް ހުއްޓައިނުލައިފިނަމަ އެކަން ބަދަލުވާނެއެވެ.

އާންމުން ބޭނުންކުރާ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، ހަނގުރާމައިގެ ޖަރީމާއަކަށް ވެދާނެ ކަމެއް ކަމަށް ބައެއް މާހިރުން ފާހަގަކުރެއެވެ. މީގެ އިތުރުން، އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދީފިނަމަ، މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމަށް ބެލެވެއެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާނާއެކު މުއާމަލާތް ކުރެވެން އޮތް ހަމައެކަނި ގޮތަކީ އަސްކަރީ ބާރުގެ ބޭނުންކުރުމެވެ. އެމެރިކާގެ މި އިންޒާރުތަކާއެކު، އީރާނުންވެސް ވަނީ އެމެރިކާގެ ހަމަލާއެއް އަތުވެއްޖެނަމަ ހޯރމުޒް ކަނޑުއޮޅި އެއްކޮށް ބަންދުކުރާނެ ކަމުގެ އިންޒާރު ދީފައެވެ.