އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހިފަހައްޓަން ފުޓުބޯޅައިގައި މީގެ ދުވަސްކޮޅެއް ކުރިން ފެނިގެންދާ "މޭން މާކް" ކުރުމުގެ ސްޓައިލެއް ގެންގުޅެން ވިސްނި ކަމަށް އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

އިންގްލެންޑުން ތާރީހީ ސެމީ ފައިނަލަކަށް މިރޭ ނުކުންނާނީ އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށެވެ. އެމެޗަކީ ފުޓުބޯޅައިގެ ތާރީހީ ވާދަވެރިކަމެއް އޮތް މެޗަކަށް ވެގެންދާނެ މެޗެކެވެ. މިހާތަނަށް އާޖެންޓީނާއިން ސެމީ ފައިނަލަށް ކުރި ދަތުރުގައި އުނދަގޫތަކަކާ ދިމާވެފައިވާ އިރު، އެޓީމުގެ ތަރިއަކީ އަދިވެސް އުމުރުން 39 އަހަރުގެ މެސީއެވެ. މެސީ، މިހާތަނަށް މި ވޯލްޑް ކަޕްގައިވެސް އަށް ގޯލް ޖަހައި، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓްގައި ފްރާންސްގެ ކިލިއަން އެމްބާޕޭއާ އެއް ހަމައެއްގައި އޮތް އިރު، ވޯލްޑް ކަޕް ތާރީހުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީވެސް މެސީއެވެ.

"މެސީ ހިފަހައްޓާނެ ގޮތަކާމެދު އަހަރެން ވިސްނާލިން. ހިތަށްއެރި އެންމެ އޯލްޑް ސްކޫލް މޭން މާކިންއަކަށް ދާނީއޭ. އެއީ ގެންގުޅުނު ހިޔާލެއް. އެކަން އެހެން ކުރާނެ ކަމަކަށް އަދި ނުނިންމަން. އެކަމަކު އެއީ ސިކުނޑިއަށް އައި ވިސްނުމެއް،" ޓުޗެލް ބުންޏެވެ.

ކުރިން ޕީއެސްޖީއާއި ޗެލްސީއަށްވެސް ކޯޗުކަން ކޮށްދިން ޓުޗެލްއާއެކު އިންގްލެންޑް ފެންނަނީ މެޗަކަށްފަހު މެޗެއް ރަނގަޅުކުރަމުން އަންނަ ތަނެވެ. ޓުޗެލް ބުނީ އާޖެންޓީނާ ކަހަލަ ދުނިޔޭ ޗެމްޕިއަނަކީ ކުޅެލުމަކީ އިންގްލެންޑްގެ އެންމެ ރަނގަޅު ފެންވަރު ފެންނާނެ ސަބަބެއް ކަމަށެވެ. އަދި ކުރިން ދިޔަ މެޗުތަކުގައި ޓެކްނިކަލް ބައިވަރު ގޯސްތައެއް ފެނުނު ކަމަށާއި، އެ ގޯސްތަކާއެކު އާޖެންޓީނާއާ ދެކޮޅަށް ނުކުންނަނަމަ، އޭގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށްވެސް ޓުޗެލް ބުންޏެވެ.

ޓުޗެލް މެސީއާ ގުޅޭ ގޮތުން އިތުރަށް ބުނީ މެސީ ހޯދާ ޖާގަ، މެޗުތަކުން ސާފުކޮށް ފެންނާނެ ކަމަށެވެ. އެހެން ނަމަވެސް މެސީ ހުއްޓުވަން އުނދަގޫވަނީ އެ ޖާގަ ބަންދުކުރާ އިރަށް، މެސީ އެހެން ދިމާލަކުން ޖާގަ ހޯދާތީ ކަމަށްވެސް ޓުޗެލް ފާހަގަކުރިއެވެ.

ޓުޗެލް ބުނީ ދެގައުމުގެ ފުޓުބޯޅައިގައި ތާރީހެއް އޮތް ނަމަވެސް، އެކަމަށް މާބޮޑު ވިސްނުމެއް ނުބަހައްޓާނެ ކަމަށެވެ. އެހެންނަމަވެސް އެ ޕްރެޝަރާއެކު ކުޅުންތެރިން ނުކުންނާނީ ބޮޑު މެޗަކަށް ތައްޔާރުވެގެން ކަމަށްވެސް ޓުޗެލް ބުންޏެވެ.

އިންގްލެންޑާއި އާޖެންޓީނާ ވާދަކުރާ ސެމީ މެޗު އޮންނާނީ މިރޭ 12:00 ގައެވެ.